ރޭ ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ އަދިވެސް އައިސީޔޫގައި

ހުޅުމާލޭގައި އެކްސިޑެންޓް ވެފައި --- ސަން ފޮޓޯ

ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ތެރޭން ބޮޑަށް ޒަޚަމްވި ޒުވާނާގެ ހާލު އަދިވެސް ސީރިއަސްކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

ސައިކަލަކާ ޑަބަލްޑެކް ލޮރީއެއް ޖެހި، ރޭ ހިނގި އެ ހާދިސާގައި އަނިޔާވީ ސައިކަލްގައި ތިބި ދެބޭންނަށެވެ. އެ މީހުންނަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު އޭގެތެރޭން އުމުރުން 25 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް ނޭވާ ވެސް ނުލެވޭ ކަމަށް، ރޭ އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު، އުމުރުން 25 އަހަރުގެ ޒުވާނާއަށް މިހާރު ފަރުވާދެމުން ދަނީ އޭޑީކޭގެ އައިސީޔޫގައެވެ.

އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލް "ސަން" އަށް ވިދާޅުވީ އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާ ތަފުސީލެއް އޭނާ ދެއްވާފައެއް ނުވެއެވެ.

އެކްސިޑެންޓުގައި އަނިޔާވި ދެވަނަ މީހާގެ ހާލު ރަަނގަޅު ކަމަށާއި އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ރޭ ވަނީ ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭ 8:50 ހާ އިރު ރިޕޯޓުކުރި މި އެކްސިޑެންޓް ހިނގީ ހުޅުމާލޭގެ ހިތިގަސްމަގުގައި، މައި ކޮލެޖު ކައިރިން ކަމަށެވެ.

އެކްސިޑެންޓުވީ ޑަބަލްކެބް ލޮރީއަކާއި ސައިކަލެއް ޖެހިގެންނެވެ. އަނިޔާވި ދެ މީހުންނަކީ ސައިކަލުގައި ތިބި ދެ މީހުން ކަމަށާއި، ލޮރީގައި އިން މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައި ނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް