ގެލެކްސީ އެސް9 ގެ އާ ވާހަކަތަކެއް

ސެމްސަންގުން މިހާރު ތައްޔާރުވަމުން އަންނަނީ އެ ކުންފުނީގެ އާ ފޯނު ސެމްސަންގް ގެލެކްސީ އެސް9 ސީރީޒްގެ ފޯނުތައް ރިލީޒް ކުރުމަށެވެ. އެސް9 ސީރީޒްގައި އެސް9 އަދި އެސް9 ޕްލަސް ހިމެނޭނެ ކަމަށް ހަބަރުތައް ބުނެއެވެ.

މި ދެފޯނު ނެރެން ނިންމާފައިވަނީ ސްޕެއިންގެ ބާސެލޯނާގައި އަންނަ މަހު ބާއްވާ މޮބައިލް ވޯލްޑް ކޮންގްރެސްގައެވެ.

ޓެކް ހަބަރުތައް ގެނެސްދޭ ބޭރުގެ ބައެއް ވެބްސައިތްތައް ބުނާގޮތުން ގެލެކްސީ އެސް8 އާ އެސް9 އާ މާބޮޑު ތަފާތެއް ނުހުންނާނެއެވެ.

ލީކުވެފައިވާ ބައެއް ފޮޓޯތައް އާންމުކޮށް "ވެންޗާ ބީޓް" ގައި ބުނެފައިވަނީ ކުރިމަތިން ފެންނަ އިރު އެސް8 އަދި އެސް9 ގައި ތަފާތެއް ނެތް ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން އެސް 9 ގެ ޑިސްޕްލޭގައި ހުންނާނީ 5.8 އިންޗިއެވެ. ހަތަރު ޖީބީގެ ރެމްއަކާ 64 ޖީބީގެ ސްޓޯރޭޖް އެސް9ގައި ހިމެނޭނެ ކަމަށާއި އެސް9 ޕްލަސްގައި 6.2 އިންޗީގެ ޑިސްޕްލޭއަކާއެކު ހަ ޖީބީގެ ރެމްއެއް އަދި 128 ޖީބީ ސްޓޯރޭޖް ހިމެނޭނެ ކަމަށްވެސް ހަބަރުތައް ބުނެފިއެވެ.

އެސް8 އާ އަޅާބަލާއިރު އެސް9 ގެ ކެމެރާ ގެ ފެންވަރު ރަނގަޅުވާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް