އަމިއްލަ މަސްލަހަތަށް ވުރެ މުހިންމީ ގައުމީ މަސްލަހަތު: ދުންޔާ

ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ދުންޔާ މައުމޫން -- ފޮޓޯ/ އޭޕީ

ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި، އަމިއްލަ މަސްލަހަތު އިސްކުރުމަށް ވުރެ މުހިންމީ ގައުމީ މަސްލަހަތަށް އިސްކަން ދިނުން ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް ކޮއްކޯފުޅު އަހްމަދު ފާރިސް މައުމޫން މިއަދު ހައްޔަރުކޮށްފައިވާ އިރު، ދުންޔާ "ސަން"އަށް މިރޭ ވިދާޅުވީ ފާރިސް ހައްޔަރުކުރުމާ މެދު ހިތާމަކޮށް، ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ބޭފުޅުންގެ ތެރެއިން މިވަގުތު ސަރުކާރުގައި ހުންނެވީ ދުންޔާގެ އިތުރުން މުހައްމަދު ޣައްސާން މައުމޫނެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ އެކު، މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދެ ބޭފުޅުން ޔުމްނާ މައުމޫން އަދި ފާރިސް މަސައްކަތް ކުރައްވަމުން ދަނީ އިދިކޮޅު ސިޔާސީ ފަރާތްތަކާ އެކުއެވެ.

ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރުމަށް މީގެ ކުރިން ބޭއްވި ހަފްލާއެއްގައި ދުންޔާ އަދި ފާރިސް މައުމޫން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފާރިސްގެ ދައްތަ ދުންޔާ "ސަން"އަށް ވިދާޅުވީ، އާއިލާގެ ތެރޭގައި ހުންނަ މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް އެކަމުގެ އަސަރު ކޮށްގެން ނުވާނެ ކަމަށެވެ.

"އާއިލާ ތެރޭގައި ޖެހިފައިވާ މައްސަލައަކުން ރައްޔިތުންނަށް އަސަރު ކޮށްގެން ނުވާނެ. އެ މައްސަލަތަކަކީ އާއިލާ ތެރެއިން ހައްލު ކުރެވެން ޖެހޭނެ މައްސަލަތަކެއް. މަޝްވަރާކޮށްގެން ހައްލު ނުވާނެ ކަމެއް ނޯންނާނެ،" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ، ސިޔާސީ ގޮތުން އުފެދޭ ޚިޔާލު ތަފާތުވުންތަކަކީ ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެގޮތުން ދިމާވާ ހަމަނުޖެހުންތައް، ރައްޔިތުންނަށް ފައިދާވާ ކަހަލަ ގޮތަކަށް ބަލައި، ނިންމަން ޖެހޭ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

މީގެ ކުރިން ދުންޔާ ވަނީ، ސިޔާސީ ދާއިރާއާ އާއިލާއާ އެކުވުމަކީ ނިމުމެއް ނެތް ހިތްދަތިކަމެއްގެ ގޮތުގައި ވެސް ސިފަކުރައްވާފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރެއްވި ދުންޔާ ވަނީ، ކޮމަންވެލްތާއި އދ. ގައި ރާއްޖެ ދިފާއުކޮށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެވުނު ދުންޔާ މިހާރު ދަނީ ރާއްޖޭގައި ފުރަތަމަފަހަރަށް މެޑިކަލް ކޮލެޖެއް ގާއިމުކުރުމުގެ މަސައްކަތާއި، މުޅި ރާއްޖޭގައި ކުރިޔަށް ގެންދާ ހެލްތު ރީސާޗު ސާވޭ ހެދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ފާރިސް މިއަދު ހައްޔަރުކޮށްފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދޭން އުޅުނުކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، ހަ މަސް ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

comment ކޮމެންޓް