ފުވައްމުލަކުގައި މޫދަށް އެރި އުޅުނު ބިދޭސީއަކު ގެނބެނިކޮށް ސަލާމަތް ކޮށްފި

ފުވައްމުލައް

ފުވައްމުލަކު ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ބިދޭސީއަކު ސަލާމަތްކޮށްފިއެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް "ސަން" އަށް މިރޭ ވިދާޅުވީ ގެނބެނިކޮށް ސަލާމަތް ކުރި މީހަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ. އޭނާ ސަލާމަތް ކުރީ އޭނާ އާއެކު މޫދަށް އެރި އުޅުނު އޭނާގެ އެކުވެރިން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

އެ ބިދޭސީ މީހާ އަކީ 49 އަހަރުގެ ފިރިހެނެކެވެ.

ޏ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު ވިދާޅުވީ އެރަށު މާނޭރު ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެނބުނު މީހަކު ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުންދާ ކަމަށެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ފަރުޒާދު ވިދާޅުވިއެެވެ.

މާނޭރު ސަރަހައްދަކީ އާންމުކޮށް މީހުން މޫދަށް އެރޭ ހިސާބެއް ނަމަވެސް ގެބިގެން މީހުން މަރުވުމުގެ ހާދިސާތައް ހިނގާފައިވާ ސަރަހައްދެއް ކަމަށް ފުވައްމުލަކުން ވަހަކަ ދެއްކި މީހަކު ބުންޏެވެ.

comment ކޮމެންޓް