މިދިޔަ އަހަރު ބީއެމްއެލް ޑޮލަރު އޭޓީއެމްއިން 300 މިލިޔަން ޑޮލަރު ނަގާފައިވޭ

ދިވެހިރާއްޖޭގެ ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސް -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި ގާއިމުކޮށްފައިވާ އެމެރިކާ ޑޮލަރަށް ޚާއްސަ ސެލްފް ސާވިސް އޭޓީއެމްތައް މެދުވެރިކޮށް ކަސްޓަމަރުން މިދިޔަ އަހަރު 300 މިލިޔަން ޑޮލަރު ނަގާފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން އިއްޔެ މެންދުރު ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގައި، އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އެމެރިކާ ޑޮލަރު ނެގޭގޮތަށް އޭޓީއެމް ސެންޓަރެއް ގާއިމުކުރީ ބޭންކް އޮފް މޯލްޑިވްސްއިން ކަމަށެވެ.

"ކަސްޓަމަރުން މިދިޔަ އަހަރު އެ ސެންޓަރުން 300 މިލިޔަން ޑޮލަރު ވިތުޑްރޯ ކޮށްފައިވޭ. އަޅުގަނޑުމެންގެ ބޭންކުގެ ބިޒީ ބްރާންޗުތަކާއި، އެހެނިހެން ބޭންކުތަކަށްވެސް މިވަރުގެެ ޑިމާންޑަކަށް ޚިދުމަތް ދެވިދާނެ ހެނެއް ހިއެއް ނުވޭ،" ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ސެންޓަރުގެ ކާމިޔާބީއާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވިއެވެ.

އެންޑްރޫ ވިދާޅުވީ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް އޮންލައިންކޮށް ބުކިންގް ހެދުމަށްފަހު އެއާޕޯޓުން ޑޮލަރު ނެގޭ އިންތިޒާމު މިދިޔަ އަހަރު ހަމަޖެއްސި އިރު، ލައްކަ އަކަށް ވުރެ ގިނަ ދިވެހީންނަށް މިދިޔަ އަހަރު އެއާޕޯޓުން ޑޮލަރު ދޫކުރި ކަމަށެވެ.

"މި އިންތިޒާމުގެ ދަށުން އަޅުގަނޑުމެން މިދިޔަ އަހަރު ގާތްގަނޑަކަށް އެއްލައްކަ ދިވެހީންނަށް، 50 މިލިޔަނެއްހާ ޑޮލަރު އެއާޕޯޓުން ދޫކުރިން،" އެންޑްރޫ ވިދާޅުވިއެވެ.

ބޭންކުގެ ސީއީއޯ އެންޑްރޫ ވިދާޅުވީ، މީގެ ކުރިން ބޭންކުން އާމްދަނީ މަދުން ލިބެމުން ދިއުމުން ގިނަ ބަޔަކު ދިޔައީ، ބޭންކަށް ފާޑު ކީ ކަމަށެވެ. އަދި މިހާރު ބޭންކުން ބޮޑު ފައިދާއެއް ހޯދަމުން ދާތީ، އެކަމަށްވެސް ފާޑު ކިޔާ ބަޔަކު އުޅޭ ކަމަށެވެ.

"ބޭންކުން މިހާރު ބޮޑު ފައިދާއެއް ހޯދާ މަގުސަތަކީ، އެ ފައިދާގެ ބޮޑު ބައެއް މުޖުތަމައަށް އިންވެސްޓް ކުރުމަށް. ހަމައެކަނި މިދިޔަ އަހަރަށް ބެލިއަސް ބީއެމްއެލްއިން ވަނީ ރާއްޖޭގެ މުޖުތަމައުގައި 300 މިލިޔަން ރުފިޔާ އިންވެސްޓުކޮށްފައި،" ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ބޭންކުން ކުރިޔަށް ގެންދާ އިންވެސްޓްމެންޓު ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބީއެމްއެލްގެ 90 ސެލްފް ސާވިސް އޭޓީއެމް ބަހައްޓާފައިވާ އިރު، ރާއްޖޭގެ ކޮންމް އަތޮޅެއްގައި ބީއެމްއެލްގެ ބްރާންޗެއް ވަނީ ހުޅުވާފައެވެ.

comment ކޮމެންޓް