ޒައިނަބުގެ ގާތިލަކީ އެހާ ނުލަފާ މީހެއް ކަމަށް ކުރިން ހިޔެއް ނުކުރަން: އަވަށްޓެރިން

ޒައިނަބު ގެއްލުނު ދުވަހު ފިރިހެނެއްގެ އަތުގައި ހިފައިގެންދާ މަންޒަރު ސީސީޓީވީ ފުޓެޖުން ވަނީ ފެނިފައި --

މި މަހުގެ ނުވަ ވަނަ ދުވަހު ޕާކިސްތާނުގެ ކަސޫރުގައި ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނު ޒައިނަބު އަންސާރީގެ ގާތިލު އިމްރާން އަލީއަކީ އެހާ ނުލަފާ އަނިޔާވެރި ރަހުމްކުޑަ މީހެއް ކަމަށް ކުރިން އެއްގޮތަކަށްވެސް ހީނުކުރާ ކަމަށް އިމްރާންގެ އަވަށްޓެރިން ބުނެފިއެވެ.

އިމްރާންގެ އަވަށްޓެރިން ބުނީ ކުރިން ވެސް އޭނާއަކީ ފާޑަކަށް އުޅޭ މީހެއް ކަމަށާއި އަދި އޭނާ ކުޑަކުދިންނާ ވަރަށް ދޯޅުވެގެން އުޅޭތީ ނުބައެއް އުޅޭހެން ހީވާ ކަމަށެވެ. ނަމަވެސް އޭނާ އަކީ ކުޑަކުދިން ރޭޕްކޮށް އެހާ އަނިޔާވެރި "ސީރިއަލް ކިލާ" އެއް ކަމަށް ދުވަހަކުވެސް ހީނުކުރާ ކަމަށް އަވަށްޓެރިން ބުންޏެވެ.

"ކުރިންވެސް އޭނާ އަކީ ވަރަށް ރުޅި އަންނަ ފާޑަކަށް އުޅޭ މީހެއް. އޭނާ އުޅޭނެ ކުޑަކުދިންނަަށް ޓޮފީއާ އެހެނިހެން ކާތަކެތި ދީގެން ހައްލާލައިގެން. ނަމަވެސް އޭނާ އަކީ އެފަދަ ބޮޑު މުޖުރިމެއް ކަމަށް އަހަރުމެން އެެއްގޮތަކަށްވެސް ހިއެއް ނުކުރަން،" އަވަށްޓެރިޔަކު ކިޔައިދިނެވެ.

އިމްރާން ވަނީ ކުޑަކުޑަ ޒައިނަބު ގުރުއާން ކްލާހުން ގެއަށް ދަނިކޮށް ހައްލާލައިގެން އެހެން ތަނަކަށް ގެންދިޔުމަށްފަހު ރޭޕްކޮށް އަނިޔާވެރިގޮތަކަށް މަރާލައި ކުނިގޮނޑަކަށް އެއްލައިލައިފައެވެ.

ޒައިނަބްގެ މަރުގެ މައްސަލައިގައި އިމްރާން ފުރަތަަމަ ހައްޔަރުކުރުމަށްފަހު ދޫކޮށްލިވެ. ނަމަވެސް އިމްރާންގެ ގައިން ނެގި ޑީއެންއޭ ޒައިނަބުގެ މަރުގެ ތަހުގީގަށް ލިބިފައިވާ ޑީއެންއޭއާ ދިމާވުމުން ޕާކިސްތާނުގެ ފުލުުހުން ވަނީ އަލުން އޭނާ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ތަހުގީގުތަކުގައި އިމްރާން ވަނީ ޒައިނަބްގެ އިތުރުން އެހެން އަންހެން ކުދިންވެސް ރޭޕްކޮށް މަރާލި ކަމަށް އިއުތިރާފްވެފައެވެ.

އިމްރާން ވަނީ ޒައިނަބްގެ މަރަށް ފަހު ތުނބުޅިވެސް ބާލައިފައެވެ. އަދި ޒައިނަބްގެ ޖަނާޒާގައި ބައިވެރިވިކަންވެސް ފަހުން ވަނީ އެނގިފައެވެ.

comment ކޮމެންޓް