ދެކުނު ކޮރެއާގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، 40 މަރު

ދެކުނު ކޮރެއާގެ މިރްޔަންގް ސިޓީގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލުކުރުމަށް އަލިފާން ނިއްވާ މީހުން މަސައްކަތް ކުރަނީ --- ފޮޓޯ/ ޔޮންހަޕް

ދެކުނު ކޮރެއާގެ މިރްޔަންގް ސިޓީގެ ހޮސްޕިޓަލެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި 41 މީހަކު މަރުވެ، 70 މީހަކު ޒަޚަމްވެއްޖެއެވެ.

މިއަދު ހެނދުނު ހިނގި ހާދިސާގައި އަލިފާނުގެ ހާދިސާ ހިނގީ މިރްޔަންގް ސިޓީގެ ސެޖޮންގް ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެމަޖެންސީ ރޫމުގައެވެ.

ތިން ގަޑިއެއްހާ އިރުގެ ތެރޭގައި އަލިފާންގަނޑު ނިއްވާލެވުނު ކަމަށް ދެކުނު ކޮރެއާގެ ރަސްމީ ނިއުސް އޭޖެންސީ، ޔޮންހަޕްއިން ބުނެއެވެ.

ޔޮންހަޕްއިން ރިޕޯޓުކުރާ ގޮތުގައި، މިއީ ދެކުނު ކޮރެއާގައި ފަހުގެ ތާރީޚުގައި ހިނގި، އެންމެ ގިނަ އަދަދަކަށް މީހުން މަރުވި އަލިފާނުގެ ހާދިސާއެވެ. އެ ހާދިސާގައި 41 މީހަކު މަރުވެފައިވާ އިރު، އެ އަދަދު އިތުރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް ނިއުސް އޭޖެންސީން ރިޕޯޓުކުރެއެވެ.

އަލިފާނުގެ ހާދިސާގައި ނުވަ މީހަކަށް ސީރިއަސް އަނިޔާތަކެއް ވި އިރު، 70 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެފައި ވެއެވެ.

ހޮސްޕިޓަލުގައި އަލިފާނުގެ ހާދިސާ ހިނގި އިރު، އެތަނުގައި ގާތްގަނޑަކަށް 100 މީހަކު އުޅުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެތަނާ ޖެހިގެން ހުރި އިމާރާތަކީ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއް ހިންގާ އިމާރާތެއް ކަމަށާއި، އެތަނުގައި 96 މީހަކު އެވަގުތު އުޅުނު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް