އުޒުރެއް ނެތި ހުކުރަށް ނުދާ މީހުންގެ ހިތްތަކުގައި ސިއްކަ ޖެހި، ހިތް ބަންދު ވާނެ: ހުތުބާ

ހުކުރު ނަމާދަކަށް އިސްލާމީ މަރުކަޒަަށް މީހުން ޖަމާވެފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޖުބޫރު އުޒުރަކާއި ނުލައި ހުކުރު ނަމާދަށް ނުދާ މީހުންގެ ހިތުގައި ސިއްކަޖެހި، ހިތްތައް ބަންދުވެގެންދާނޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި "ހުކުރު ދުވަހުގެ ސަވާބާއި ދަރުމަ ހެޔޮގޮތުގައި ލިބިގަންނާށެވެ!" މި މައުޟޫއުގެ ދަށުން އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ ޝަރުއީ އެއްވެސް އުޒުރަކާއި ނުލައި ހުކުރު ނަމާދަށް އައުމުގައި ފަރުވާ ކުޑަ ކުރުމާއި ތަފާތު ކަންކަމުގައި މަސްއޫލުވެ ތިބޭކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.

"ތިމާގެ ފުރާނައަށް ނުވަތަ މުދަލަށް އަމާންކަން ނެތުން ފަދަ ކަމެއް މެދުވެރުވުން ނުވަތަ އެ ނޫންވެސް ޝަރުއީ އުޒުރަކާއި ނުލައި ހުކުރު އެޅުމަކީ ބޮޑުވެގެންވާ ފާފައެކެވެ،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ ހުކުރު ދުވަހުގައި ދެވޭ ހުކުރު ހުތުބާއަކީ އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ދެވޭ ވަރަށް މުހިންމު އިރުޝާދެއް ކަމަށާއި އެ ހުތުބާއަކީ އެއާ ނުލާ ހުކުރު ނަމާދު ފުރިހަމަ ނުވާނެ އެއްޗެއް ކަމަށެވެ.

"ހުތުބާގައި މާތްﷲ އަށް ހަމްދާއި ތައުރީފު ކުރެއެވެ. އަދި ﷲ އަށް ތަގުވާވެރިވުމަށް ވަސިއްޔަތް ކުރެއެވެ. އެކަލާނގެ ނަބިއްޔާއަށް ސަލަވާތް ކިޔެވެއެވެ. އަދި މުޖުތަމައުގައި ހިނގާ ތަފާތު ކަންކަމުގައި މުސްލިމުން އަމަލުކުރަންވީ ރަނގަޅު ގޮތް ދަސްކޮށްދެނީ އެ ހުތުބާގައި. އެއީ މުސްލިމު މުޖްތަމައުގެ ދިރުމެވެ،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާ ކަނުލައި އަޑުއެހުމުގެ މުހިންމު ކަމުގެ މައްޗަށް ގޮވާލައި ހުތުބާގައި ބުނެފައި ވަނީ މިހާރަކަށް އައިސް ހުތުބާ ކިޔަމުންދާއިރު މިސްކިތުގެ ފެންޑާ، ގޯތިތެރެ އަދި މިސްކިތުން ބޭރުގައި ވެސް ވާހަކަ ދައްކަން ތިބުމަކީ ބައެއް މީހުންގެ ފަރާތުން ފެންނަމުންދާ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށެވެ.

"ހަމަ ޔަގީނުން ވެސް ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅަކު ވެސް ހުކުރު ނަމާދަށް ހާޒިރުވެ ތިޔަ ތިއްބެވީ މާތﷲ ގެ ހަޒުރަތުން ދަރުމައާއި ސަވާބު އެދިގެންނެވެ. ވީމާ ކޮންމެ ބޭފުލަކުވެސް ހުކުރަށް ވަޑައިގެން ތިއްބަވާނީ ހުކުރުގެ ދަރުމައާއި ސަވާބު އެންމެ ހެޔޮގޮތުގައި ލިބޭނެ ގޮތަށެވެ." ހުތުބާއި ބުނެފައިވެއެވެ.

comment ކޮމެންޓް