ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރި ބޭފުޅުން ހުވާކުރައްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ހަމަޖެއްސި ހުސައިން ޝަހީދު (ކ) އަހުމަދު ހައިލަމް އަދި ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހަމަޖެއްސި މުހައްމަދު ނިޔާޒު --- ސަން ފޮޓޯ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ފަޑިޔާރުކަމަށް އައްޔަނުކުރި ބޭފުޅުން ރޭ ހުވާކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ފަޑިޔާރުންނަށް ހުވާލައިދެއްވީ ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީއެވެ.

ފަޑިޔާރުކަމުގެ ހުވާ ރޭ ކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަނުކުރި ސ. ފޭދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގައި ހުންނެވި ހުސައިން ޝަހީދު އާއި ޕީޖީ އޮފީހުގައި ކުރިން މަސައްކަތް ކުރެއްވި ގާނޫނީ ވަކީލު އަހުމަދު ހައިލަމްއެވެ. އަދި ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހަމަޖެއްސި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި މުހައްމަދު ނިޔާޒު ވެސް ވަނީ ރޭ ހުވާ ކުރައްވައިފައެވެ.

ފަނޑިޔާރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަހީދު އާއި ހައިލަމް ގާޒީ ކަމަށް ހަމަޖެއްސެވުމާ އެކު ކްރިމިނަލް ކޯޓުގެ ގާޒީންގެ އަދަދު ހަތަކަށް އަރާނެވެ.

މިހާރު އެ ކޯޓުގައި ތިއްބެވި ގާޒީންގެ ތެރެއިން އަހުމަދު ރަޝީދު ހުންނެވީ ސަސްޕެންޝަންގައެވެ.

ނިޔާޒު ފަނޑިޔާރު ކަމަށް ހަމަޖެއްސެވުމާއެކު ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ.

ރޭގެ ރަސްމިއްޔާތުގައި އުއްތަމަ ފަޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ޖުޑިޝަލް ޝާވިސް ކޮމިޝަންގެ ރައީސް އަބްދުﷲ އަރީފް އާއި އެ ކޮމިޝަންގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަހްމަދު މަސީހު މުހައްމަދާއި ކޮމިޝަންގެ ނައިބް ރައީސް މުހައްމަދު ފައިސަލް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް