އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކެއް ނުވޭ: އޭސީސީގެ ރައީސް

އޭސީސީގެ ރައީސް ހަސަން ލުތުފީ-- ސަން ފޮޓޯ

މިދިޔަ އަހަރު ބޭއްވި ދިވެހި އިސްލާމް (އެސްއެސްސީ) އިމްތިހާނުގެ ޕޭޕަރު ލީކުވެފައި ނުވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެއެވެ.

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރުގެ ބައެއް ސުވާލުތައް އިމްތިހާނުގެ ކުރިން ލީކު ވެފައިވާ ކަމަށް އޭސީސީގެ ތަހުގީގަށް ހާމަވެފައިވާ ކަމަށް ބައެއް މީޑިއާތަކުން މިއަދު ވަނީ ރިޕޯޓު ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އޭސީސީގެ ރައީސް ލުތުފީ "ސަން" އަށް މިރޭ ވިދާޅުވީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އެ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ނުވާނެ ކަމަށާއި އެކަމާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރައިގެން އުޅެނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ މުހައްމަދު ސައީދު "ސަން" އަށް ވިދާޅުވީ 10 އަހަރުގެ ނަތީޖާއާ ގުޅޭ އަދި ވަރަށް ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ހިއްސާ އެކުލެވޭ މިފަދަ މައްސަލައެއް ހަގީގަތާއި ހިފާލަށް މީޑިއާގައި ރިޕޯޓު ކުރުމަކީ އެ މިނިސްޓްރީން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ދަރިވަރުން ބައިވެރިވާ ގައުމީ ފެންވަރުގެ އިމްތިހާނެއްގެ ނަޒާހާތްތެރިކަން ގެއްލިފައިނުވާކަން ކަށަވަރުކޮށްދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ތައުލީމީ ދާއިރާއިން މިހާރު ހޯދަމުންދާ ކާމިޔާބީއަކީ ސްކޫލުތަކާއި ބެލެނިވެރިންގެ ނުހަނު ބުރަ މަސައްކަތުން ހޯދާ ކާމިޔާބީ އަކަށް ވާތީ އެފަރާތްތަކުގެ ބުރަ މަސައްކަތުގެ އަގުވަޒަން ނުކުރެވޭ ގޮތަށް އެއްވެސް ހެއްކެއް ނެތި މުޅި ތައުލީމީ ދާއިރާގެ ތަސައްވުރު ކިލަނބުވާ ގޮތަށް ހަބަރު ފެތުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް،" ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް