ވޭން ތަހައްމަލު ކުރަމުންދާތާ 13 އަހަރު، ބޭނުމީ ދީލަތި އެހީއެއް

ހިނގާ ބިނގާވެ އުޅުމުން މަހުރޫމްވެފައިވާ ހުސައިން އަހުޒަމް--- ފޮޓޯ/ އާއިލާ

ތުއްތު ކުއްޖާ ދުނިޔެއަށް ނޭވާލާ ވަގުތުން ފެށިގެން ވެސް މައިންބަފައިން އިންތިޒާރު ކުރަމުން ދާނީ އެ ކުއްޖާ ހިނގާލާ މަންޒަރު ދުށުމަށެވެ. މައިންބަފައިންނާ އެކީ ކުޅެލާ، ދުވެލާ، މަޖާ ކޮށްލާ ވަގުތަކަށް އެ މީހުން އަބަދުވެސް ކެނޑިނޭޅި އިންތިޒާރު ކުރެއެވެ.

ބައެއް ކުދިންނަކީ އުފެދުމުގައި ވެސް ހިނގާ ބިނގާވެ އުޅުމުން މަހުރޫމުވާ ކުދިންނެވެ. ނަމަވެސް އެކުންދިންގެ މައިންބަފައިން މަސައްކަތް ކުރާނީ ކުއްޖާއަށް ދެވެން އޮތް ފަރުވާއެއް ދީގެން ވިޔަސް. ކުއްޖާގެ ބަލި ރަނގަޅު ކުރެވޭތޯއެވެ.

ރ. އަލިފުށްޓަށް އުފަން އުމުރުން 13 އަހަރުގެ ހުސައިން އަހުޒަމަކީ ހިނގާ ބިނގާވެ އުޅުމުގެ ނިއުމަތުން މަހުރޫމުވެފައިވާ ކުއްޖެކެވެ. އުފަންވީއްސުރެ އެ ދަރިފުޅުގެ މައިންބަފައިން އެ ދަނީ ދަރިފުޅަށްޓަކައި އެތަކެއް ގުރުބާނީތަކެއް ވެގެން، ކުއްޖާއަށް ހިނގާލުމުގެ ފުރުސަތު ލިބޭތޯ އެކި ބޭސް ފަރުވާ ކުރަމުންނެވެ.

އަހުޒަމްގެ ބަލި ހާލަތާ ގުޅޭ ގޮތުން "ސަން ކުލުނު" އާ ވާހަކަ ދައްކަމުން އޭނާގެ މަންމަ، ސުދުނާ އަބްދުﷲ ބުނީ އަހުޒަމް އުފަންވީއްސުރެ އިންތިޒާރު ކުރެވެނީ އޭނާއަށް ރަނގަޅަށް ހިނގާލެވޭނެ ދުވަހަކަށެވެ. ދަރިފުޅަށްޓަކައި ކޮންމެފަދަ ގުރުބާނީއެއް ވާން ޖެހުނަސް ހަމަ ތައްޔާރު ކަމަށެވެ.

"ފެށުނީއްސުރެ އަހުޒަމްއަށް ފަރުވާ ދެމުން މިދަނީ މެދުކެނޑުމެއް ނެތި. އެންމެ ފުރަތަމަ އިންޑިއާއަށް ދިޔައީ ދަރިފުޅުގެ އުމުރުން އެންމެ އަށް މަހުގައި. މިހާރު އޭނާ ވަނީ ނާރުގެ އޮޕަރޭޝަނެއް ކޮށްފައި. އެ އޮޕަރޭޝަނަށް ވެސް 4،000 ޑޮލަރު ވަނީ ހޭދަވެފައި. މިހާރު އަހުޒަމް ވަނީ ބޮޑު އޮޕަރޭޝަނެއް ކޮށް އޭނާގެ ފަޔަށް 12 ދަގަނޑުކޮޅެއް ލައްވާފައި،" އޭނާ ބުންޏެވެ.

ފަޔަށް ލެއްވި ދަގަނޑު ކޮޅުތައް ނެގުމަށް އަންނަ މަހު އިންޑިއާއަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް ފަރުވާ ކުރުމަށްޓަކައި ދެ މަސް ދުވަހުގެ މުހުލަތަކަށް އެ ގައުމުގައި (އިންޑިއާގެ ނާގަރަކޮއިލްގައި) މަޑު ކުރަން ޖެހޭ ކަމަށް ސުދުނާ ބުންޏެވެ.

ހިނގާ ބިނގާވެ އުޅުމުން މަހުރޫމްވެފައިވާ ހުސައިން އަހުޒަމް--- ފޮޓޯ/ އާއިލާ

އޭނާ ބުނީ އަހުޒަމަށް އަށް މަހުގައި އިންޑިއާއަށް ގޮސް އެކި ގޮތްގޮތުން ފަރުވާ ހޯދަމުން ގޮސް 2013 ވަނަ އަހަރު އޮޕަރޭޝަނެއް ކުރެވި ދަރިފުޅުގެ ފައިގައި ޕްލާސްޓިކް ފައެއް އެޅުވުނު ކަމަށެވެ. ނަމަވެސް ކޮންމެ އަހަރަކު އެއް ފަހަރު އެ ބަދަލުކޮށް، އާ ކުރަން ޖެހޭ ކަމަށާއި އެ ގޮތުގެ މަތިން މިދިޔަ އަހަރުގެ ނިޔަލަށް ފަސް ފަހަރު ފައި ބަދަލު ކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ދަގަނޑުކޮޅުތައް ފައިގައި އެޅުވީ. އެ އޮޕަރޭޝަނަކީ ދަރިފުޅު ކުރި އެންމެ ބޮޑު އޮޕަރޭޝަން. އަޅުގަނޑަށް ފެނޭ ދަރިފުޅު ގައިގައި އަޅަމުންދާ ވޭން. ދަރިފުޅު އުފުލަމުންދާ ވޭނާ ބުރަ އަޅުގަނޑަށް އިހުސާސްވާ ކޮންމެ ވަގުތުކޮޅެއްގައި އަޅުގަނޑުގެ ލޮލުން ކަރުނަ އާދޭ. ލިބޭ މަދު ފައިސާކޮޅު އެއްކުރަނީ މި ދަރިފުޅުގެ ހައްގުގައި. އެއްވެސް ފޫހި ކަމެއް ނެތި މަސައްކަތް މި ކުރަނީ ﷲގެ ވާގިފުޅާ އެކީ ދަރިފުޅު ދުވެލާ ހިނގާލާ، އަޅުގަނޑު ކައިރިއަށް އަންނާނެ ދުވަހަކަށް. އެ ފަދަ ދުވަހެއް ބެލުމުގެ ފޮނި އުންމީދުގައި އަޅުގަނޑު ކެތްތެރިކަމާ އެކީ އިންތިޒާރު މި ކުރަނީ،" ސުދުނާ ވޭނީ ރާގެއްގައި ކިޔާދިނެވެ.

އޭނާ ބުނީ ޑޮކްޓަރުނަށް އަހުޒަމް ރަނގަޅު ކުރެވޭނެ ކަމުގެ ބޮޑު އުންމީދެއް ދީފައިވާ ކަމަށެވެ. ނަމަވެސް އިންޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދުމަށް މަޑު ކުރުމަކީ އޭނާގެ މާލީ ތަނަވަސްކަން ހުރި ކަމަކަށް ނުވާއިރު ސުދުނާ އެދެނީ އާންމުންގެ އެހީތެރިކަމަށެވެ.

އަލިފުށީ ސްކޫލް ގްރޭޑް އަށެއްގައި ތައުލީމް ހާސިލް ކުރަމުންދާ އަހުޒަމަކީ ހިތް އަލި ކުއްޖެއް ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ.

"ރައްޔިތުންގެ އެހީތެރިކަން އަހްޒަމަށް ވަރަށް ލިބޭ. ސުކޫލުގެ ހުރިހާ މުދައްރިސުންގެ އެއްބާރުލުން އަހުޒަމަށް ލިބޭ. އެހެންވެ ދަރިފުޅު މިހިސާބަށް ވެސް އާދެވިފައި މި ހުރީ. ވަރަށް ބޮޑަށް ޝުކުރު އަދާކުރަށް ސްކޫލުގެ ހުރިހާ މުވައްޒަފުންނަށާއި އަދި ހާއްސަކޮށް ރަށު ރައްޔިތުންނަށް،" ސުދުނާ ބުންޏެވެ.

އަހުޒަމްގެ މަންމަ އެދެނީ އޭނާގެ ދަރިފުޅަށް ކުޑަ ނަމަވެސް އެހީއެއް ވެދިނުމަށެވެ.

ހުސައިން އަހުޒަމް އަށް އެހީތެރިވުމަށް

ފޯނު ނަމްބަރު: 7525446 (ސުދުނާ އަބްދުﷲ/މަންމަ)

ބީއެމްއެލް އެކައުންޓް ނަމްބަރު: 7717333730101 (ހުސައިން އަހުޒަމްގެ މަންމަ ސުދުނާ އަބްދުﷲ އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް