ކާޑެއްދޫ އެއާޕޯޓު އަތުލުމުން ބަދަލުގައި 100 މިލިޔަން ރުފިޔާ ހޯދަން ވިލާއިން ކޯޓަށް

ކާޑެއްދޫ އެއާޕޯޓު

ގދ. ކާޑެއްދޫ އެއާޕޯޓު ތަރައްގީކޮށް، ހިންގުމަށް ވިލާ އެއާ ޕްރައިވެޓް ލިމިޓެޑާ އެކު ކުރެވުނު އެއްބަސްވުން ބާތިލުކޮށް، އެއާޕޯޓު އަތުލި މައްސަލާގައި ކޯޓަށް ދާން އެ ކުންފުނިން ނިންމައިފިއެވެ.

ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ވިލާ އެއާއާ ހަވާލު ކޮށްފައިވަނީ 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއާޕޯޓު އަތުލާފައިވަނީ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން 2014 ޖެނުއަރީ އެއްވަނަ ފެށިގެން އެއާޕޯޓާ ހަވާލުވެ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި ގާނޫނުތަކާއި އެއްގޮތަށް، އެއާޕޯޓު އިތުރަށް ތަރައްގީކޮށް ހިންގަމުން ދަނިކޮށް ކަމަށެވެ.

މި މައްސަލައިގައި އެ ކުންފުނިން ކޯޓަށް ދާން ނިންމާފައިވަނީ ބަދަލުގެ ގޮތުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހޯދުމަށެވެ.

ވިލާގެ ބަޔާނުގައި ބުނެފައި ވަނީ އެއާޕޯޓު ތަރައްގީކޮށް، ހިންގުމާ ހަރަދު ދެކޮޅު ޖެއްސުމަށްޓަކައި ރިސޯޓެއް ހެދުމަށް ސަރުކާރުން އެއްބަސްވެ ސޮއިކުރެވުނު އެގްރިމަންޓްގައި ރިސޯޓު ހެދުމަށް ދޭން ނިންމި ރަށްވެސް ދީފައި ނުވާ ކަމަށެވެ. އަދި އެކި ފަހަރު މަތިން އެރަށް ހަވާލު ކޮށްދިނުމަށް އެދިފައިވާ އިރު، މިއަދާ ހަމައަށްވެސް އެކަން ކޮށްފައި ނުވާ ކަމަށް ބަޔާނުގައި ވެއެވެ.

ވިލާއަށް ދޭން ނިންމި ބ. މެންދޫ އެކުންފުންޏާ ހަވާލުކޮށްފައި ނުވަނީ، އެއީ "ހިމާޔަތް" ކުރެވިފައިވާ ރަށެއް ކަމަށް ބުނެ ކަމަށް ވިލާއިން ބުނެއެވެ. އެހެން ނަމަވެސް މިހާރުވެސް އެހެން ފަރާތަކަށް އެރަށް ދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިލާއިން ބުނެއެވެ.

ވިލާއިން ބުނެފައި ވަނީ ކާޑެއްދޫ އެއާޕޯޓު 50 އަހަރު ދުވަހު މުއްދަތަށް ހިންގުމަށް ހެދި އެއްބަސްވުން ބާތިލުކޮށް ރިސޯޓު ހަދަން އޮތް ރަށް ނުދިނުމުގެ ސަބަބުން، 50 އަހަރު ދުވަހަށް ލަފާކުރާ އިރު އެކުންފުންޏަށް ލިބޭނެ ގެއްލުމަކީ މަދުވެގެން 100 ވަރަކަށް މިލިޔަން ޑޮލަރު ކަމަށެވެ.

"މިކަންކަމާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކަކީ ޝަރުއީ ނިޒާމުގެ ތެރޭގައި ހިނގަމުންދާ މައްސަލަތަކެއް ކަމުން އަދުލުވެރި އިންސާފްވެރި ގޮތުގައި މިކަންކަން ނިމިގެންދާނެ ކަމުގެ ފުރިހަމަ އުންމީދާއި ޔަގީންކަމުގައި އަޅުގަނޑުމެން ތިބިކަން ހަނދުމަކޮށް ދިނުމުގެ ގޮތުން މިފުރުސަތުގެ ބޭނުން ކުރަމެވެ،" ވިލާގެ ބަޔާނުގައި ބުނެފައިވެއެވެ.

ވިލާ ޝިޕިންގުން ދައުލަތަށް 75 މިލިއަން ރުފިޔާ ދައްކަން ޖެހި ނުދައްކައިވާ ކަމަށް ބުނެ އެ ފައިސާ ހޯދުމަށް، ދައުލަތުގެ ޓެކްސް އޮތޯރިޓީ، މީރާއިން ވަނީ އެ ކުންފުނީގެ މައްޗަށް ދައުވާ އުފުލައިފައެވެ. އެ މައްސަލަތަކުގެ ޝަރީއަތް ދަނީ ކުރިއަށެވެ.

comment ކޮމެންޓް