ހާބަރު ފުޑްކޯޓުގައި ސިނގިރޭޓު ބުއިން މަނާ

ހާބަރުގައި ހަދާފައިވާ ފުޑްކޯޓު ސަރަހައްދު މިނިސްޓަރ މުއިއްޒު ބައްލަވާލައްވަނީ --- ފޮޓޯ/ ހައުސިންގް މިނިސްޓްރީ

ހާބަރު ސަރަހައްދުގައި އެސްޓީއޯއިން ތަރައްގީ ކުރާ ފުޑްކޯޓުގައި ސިނގިރެޓް ބުއިން މަނާ ކުރަން އެ ކުންފުނިން ނިންމައިިފިއެވެ.

އެސްޓީއޯގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ފުޑްކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ މަޝްވަރާ ކުރުމަށްފަހު އެ އެޖެންސީގެ އިރުޝާދުގެ މަތިން ކަމަށެވެ.

ފުޑް ކޯޓުގެ ގޮތުގައި ތަރައްގީކުރީ ހަތަރު ބްލޮކެކެވެ. އެއީ އަމީނީމަގާ ވާގޮތަށް ދެ ބްލޮކާއި، އިއްޒުއްދީންމަގާ ވާގޮތަށް ދެ ބްލޮކެވެ. މީގެ ކުރިން ނިންމާފައި އޮތީ އިއްޒުއްދީން މަގަށް ވާ ގޮތަށް ހަދާ ބްލޮކުތަކުގައި ސިނގިރޭޓު ބޮވޭގޮތަށް ހެދުމަށެވެ.

އަމީނީ މަގުގައި ހަދާ ދެ ބްލޮކުގައި ޖުމްލަ 14 ޔުނިޓު އަދި އިއްޒުއްދީން މަގާވާ ގޮތަށް ހަދާ ދެ ބްލޮކުގައި ޖުމްލަ 12 ޔުނިޓު ހުންނާނެއެވެ.

އެސްޓީއޯއިން ބުނީ، ޔުނިޓުތަކުުގެ ބަދިގެތައް، އެތަނެއް ކުއްޔަށް ނަގާ ފަރާތަކުން ބޭނުންވާ ގޮތަކަށް އެތަނެއްގެ ބަދިގެ ކަސްޓަމައިޒް ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ބަދިގެ ހުންނަ ތަނުގައި ކެއްކުމާއި، ކާބޯތަކެތި ޑިސްޕްލޭ ކުރުމާއި، އެތަކެތި ސާރވް ކުރުމާއި ސްޓޯރޭޖުގެ އިތުރުން ޕޭމެންޓުގެ ކަންކަން ފިޔަވާ އެހެން ކަމެއް ނުކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ ފުޑް ކޯޓަށް ބޭނުންވާ މޭޒާއި ގޮނޑިއާއި ބެންޗުގެ އިތުރުން ޕްލާންޓަރ ބޮކްސް އަދި ކޮމަން އޭރިއާތަކުގެ ޑަސްބިންތައް އެސްޓީއޯއިން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ފުޑް ކޯޓުގައި މޭޒުތަކާއި ގޮނޑިތައް އަތުރާނެ ތަރުތީބުވެސް އެސްޓީއޯއިން ކަނޑައަޅާފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ފުޑްކޯޓުތައް ހުޅުވާނެ ތާރީޚެއް އަދި ކަނޑަނާޅަކަމަށް އެސްޓީއޯގެ އޮފިޝަލު ބުންޏެވެ.

comment ކޮމެންޓް