އޭ ލެވެލްގެ ނަތީޖާ ދޫކުރަން ފަށައިފި

ސީއެޗްއެސްސީގެ ދަރިވަރުންތަކެއް --- ސަން ފައިލް ފޮޓޯ

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން މިއަދު ދޫކުރަން ފަށައިފިއެވެ.

ޑީޕީއީ އިން ބުނީ ނަތީޖާ ސްލިޕް އަންނަ މަހުގެ 15 ވަނަ ދުވަހާ ހިސާބަށް ދޫކުރަން ހަމަޖެހިފައިވާ ކަމަށާއި ނަތީޖާ ސްލިޕްކޮޅު ބަލާ އަންނަ އިރު އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސްޓޭޓްމަންޓް އޮފް އެންޓްރީއާއި، އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަން ޖެހޭނެ ކަމަށެވެ.

ބަދަލުގައި މީހަކު ފޮނުވާ ނަމަ، ކެންޑިޑޭޓުގެ އައިޑީ ކާޑާ އެކު ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންދަން ޖެހޭނެ ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.

ޑީޕީއީ އިން މައުލޫމާތުދޭ ގޮތުގައި، ނަތީޖާ ރީޗެކްކުރުމަށް ބޭނުންވާ ދަރިވަރުންނަށް އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ 18 ވަނަ ދުވަހު ފޯމު ހުށަހަޅަން ޖެހޭނެއެވެ.

އަދި ސެންޓަރެއް މެދުވެރިކޮށް އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކްކުރުމަށް ހުށަހަޅާނީ އިމްތިހާނުގައި ބައިވެރިވި ސެންޓަރަކަށް ކަމަށާއި ރީޗެކް ފީ ޝީޓު އެ ޑިޕާޓްމަންޓުންނާއި ސެންޓަރުތަކުން ލިބެން ހުންނާނެ ކަމަށްވެސް ޑީޕީއީ އިން ބުންޏެވެ.

comment ކޮމެންޓް