ބޯޑުގައި އަންހެން ބޭފުޅުންގެ މެޖޯރިޓީއާ އެކު އެމްޕީއެލް ތާރީޚުގެ ތެރެއަށް

އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވާ އަންހެން ބޭފުޅުން --

ރާއްޖޭގެ ތާރީހުގައި ސަރުކާރުގެ ފުރިހަމަ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން ޑިރެކްޓަރުންގެ މެޖޯރިޓީ އަންހެން ބޭފުޅުންނަށް އޮންނަ ފުރަތަމަ ކުންފުންޏަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވެއްޖެއެވެ.

އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެޖޯރިޓީ އަންހެން ބޭފުޅުންނަށް ލިބިފައިވަނީ އިއްޔެ އެ ކުންފުނީގެ ބޯޑަށް އައިޝަތު ރަޔާހީން ޝަރީފް އައްޔަން ކުރުމާއެކުގައެވެ.

ޖުމްލަ ހަތް ބޭފުޅުން ތިއްބަވާ އެމްޕީއެލްގެ ބޯޑުގައި ރަޔާހީންގެ އިތުރުން ކަނބަލުންގެ ގޮތުގައި ތިއްބަވަނީ އައިޝަތު ޝައުފާ، ފާތިމަތު ނިޒްމާ އަދި މަރިޔަމް ޝީނީޒް ޝާކިރެވެ. އެއީ އެ ބޯޑުގެ ގާތްގަނޑަކަށް 57 ޕަސަންޓެވެ.

އެ ބޯޑުގައި ތިއްބަވާ ފިރިހެން ތިން ބޭފުޅުންނަކީ ކުންފުނީގެ ޗެއާމަން އަލީ ރިފާއު، ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް އަދި ޑިރެކްޓަރ އަހްމަދު އަސްބާބެވެ.

ރަޔާހީން އެމްޕީއެލްގެ ބޯޑަށް އައްޔަނުކުރީ، އޭނާ ކުރިން ހުންނެވި އެސްޓީއޯގެ ބޯޑުން ވަކިކުރުމަށްފަހުއެވެ. އެސްޓީއޯގެ ބޯޑުން ހުސްވި ޑިރެކްޓަރުގެ މަގާމަށް އިއްޔެ އައްޔަނުކޮށްފައިވަނީ ހ. ތަރަފު، މަރިޔަމް ޒާހިޔާއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑަށް ގެނައި އިސްލާހެއްގައި ބުނާ ގޮތުން، 2016 ވަނަ އަހަރުން ފެށިގެން، ކޮންމެ ކުންފުންޏެއްގެ ބޯޑެއްގެ 30 ޕަސަންޓު ހިއްސާކުރާނީ އަންހެން ބޭފުޅުން ކަމުގައި ވާންޖެހެއެވެ.

comment ކޮމެންޓް