ނޫސްވެރިންގެ ދިފާއުގައި ނިހާން، "ނޫސްވެރިންނަށް ލިޔެވޭނެ"

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

އަބުރުގެ ގާނޫނު ފާސްކޮށް، ނޫސްވެރިންނަށް ފިއްތުންތައް ކުރިމަތިވަމުން ދަނިކޮށް ނޫސްވެރިންގެ ދިފާއުގައި ނިހާން ވާހަކަފުޅު ދައްކަވައިފިއެވެ.

އަބުރުގެ ބިލަކީ ނޫސްވެރިކަން މަރާލާނެ ބިލެއް ކަމަށް ބުނެ ނޫސްވެރިން މުޒާހަރާކޮށް ބިލު އަނބުރާ ގެންދިއުމަށް ގޮވަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސް ކުރީ މުހިންމު ބިލެއް ކަމަށް ބުނެއެވެ.

މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ އަބުރުގެ ގާނޫނުގެ ބޭނުން ހިފައިގެން ނޫސްވެރިންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން ބައެއް ބޭފުޅުން ކޯޓަށް ވަޑައިގެންފި ކަމަށެވެ.

ނިހާން ފާހަގަކުރެއްވީ ޝައިޚް ނަސްރުﷲ މުސްތަފާ ހަ ނޫސްވެރިއެއްގެ އަތުން ޖުމްލަ 28 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ވާހަކައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީހަކު ކުރިކަމެއް ކަމަށް ރަސްމީކޮށް އެނގޭ މިންވަރަށް އޮތްކަމެއް ނޫހެއްގައި ރިޕޯޓު ކުރުމަކުން އެއީކީ މައްސަލައެއް ނޫން. އެއީ ނޫސްވެރިން ކުރަން ޖެހޭ ކަމެއް،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އެއީ އޭނާއާ މެދު ވިޔަސް އަދި ސިޔާސީ އެހެން އިސްވެރިއަކާ މެދުވެސް ހިނގާފައިވާ ކަމެއް ނަމަ ލިޔެވޭނެ ކަމަށެވެ. ނަމަވެސް އެއީ ހިނގާފައިވާ ކަމެއް ކަމަށް ނޫސްވެރިން ހެކި ދައްކަން ޖެހޭނެ ކަމަށް ނިހާން ވިދާޅުވިއެވެ.

"އަޅުގަނޑު ކޮށްފައިވާ ކަމެއް ނަމަ ހަފްތާއަކު ހަތް ފަހަރު ފަލަ ސުރުހީއަށް އެވާހަކަ އަރުވަންވީ. އަދި އަމުދުން ސިޔާސީ ޕާޓީއެއްގައި އިސްކޮށް އުޅޭ މީހަކު ސިޔާސީ މީހަކު އެޒާތުގެ ކަމެއް ކޮށްފިއްޔާ އާންމު މީހަކަށްވުރެ ބާރަށް އެވާހަކަ ދައްކާނެކަން އެނގެން ޖެހޭނެ،" ނިހާން ވިދާޅުވި އެވެ.

"ނޫސްވެރިން ލިޔުއްވަން ޖެހޭނެ" ކަމަށާއި އެކަމަކު ލިޔަންވާނީ ހަގީގަތް ކަމަށް ވިދާޅުވެ ނިހާން ވިދާޅުވީ އަބުރުގެ ގާނޫނުގެ ބޭނުމަކީ އެއީ ކަމަށް ވިދާޅުވެފައެވެ.

ނިހާން ވިދާޅުވީ މީޑިއާއިން ސުވާލުތައް ކުރާނެކަން ރައީސް އަބްދުﷲ ޔާމީންވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ސަރުކާރުގައި ހުންނަ ގޯސްތަކުގެ ވާހަކަވެސް ލިޔާނެ ކަމަށާއި ސަރުކާރުން ރަނގަޅުކުރަން އެދޭ ކަންކަމުގެ ވާހަކަވެސް ނޫސްވެރިން ލިޔާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

"މި ޖެނުއަރީ މަހުގައިވެސް އަޅުގަނޑު ހިމެނުނު ބައްދަލުވުމެއްގައި އެމަނިކުފާނު (ރައީސް ޔާމީން) ވިދާޅުވި ތިމަން މަނިކުފާނަށް ހަމަ ރަނގަޅޭ، އެސުވާލުތައް ހަމަ ގިނައިން ކުރައްވަން ޖެހޭނެއޭ،" ނިހާން ވިދާޅުވިއެވެ.

އަބުރުގެ ގާނޫނުގެ ދަށުން ބައެއް ޓީވީ ޗެނަލްތައް ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައެވެ.

comment ކޮމެންޓް