ސައުދީގެ އިގްތިސާދު ތެލަށް ބަރޯސާވާ މިންވަރު މަދު ކުރަނީ

ސައުދީ އަރަބިއާގެ އިގްތިސާދު ތެލަށް ބަރޯސާވާ މިންވަރު ކުދުކުރުމަށް މަސައްކަތް ފަށައިފިއެވެ.

ސައުދީގެ އޮފިޝަލުންނާ ހަވާލާދީ ސީއެންބީސީ ބުނީ އެގައުމުގައި އަލަށް ތަރައްގީ ކުރާ މެގަ ސިޓީތަކަކީ އިގްތިސާދުގައި މުހިއްމު ރޯލެއް އަދާކުރާނެ ތަންތަން ކަމަށެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކިންގް އަބްދުﷲ އިކޮނޮމިކް ސިޓީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ފަހުދު އަލް ރަޝީދު ވިދާޅުވީ ސައުދީ އިން މިހާރު ކުރަނީ ބޮޑެތި "ޝަހަރުތައް" ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ. ސައުދިއަރަބިއާގެ އިގްތިސާދު މުސްތަގުބަލުގައި ބަރޯސާވާނީ މި ޝަހަރުތަކަށް ކަމަށާއި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން މަސައްކަތް ކުރާ ކަމަށެވެ.

ކިންގް އަބްދުﷲ އިކޮނޮމިކް ސިޓީ އަކީ ރަތް ކަނޑުގެ ސަރަހައްދުގައި ބޮޑު ވިޔަފާރި ބަނދަރަކާއެކު ތަރައްގީ ކުރަމުންދާ ޝަހަރެކެވެ. މި ޝަހަރާއެކު ދުނިޔޭގެ އެހެން ގައުމުތަކާއ ިސައުދީ އާއެކު އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިވާނެ ކަމަށް ވެސް ފަހުދު ވިދާޅުވިއެވެ.

މި މެގަ ސިޓީ އަކީ ސައުދީގެ ކުރީގެ ރަސްގެފާނު ކިންގް އަބްދުﷲ ބިން އަބްދުލް އަޒީޒުގެ އިސްނެންގެވުމުގެ މަތިން 2006 ވަނަ އަހަރު ތަރައްގީ ކުރަން ފެށި ޝަހަރެކެވެ.

މި ސިނާއީ އަވަށުގެ ބޭނުމަކީ ޒަމާނުއްސުރެ ތެލަށް ބަރޯސާވެފައި އޮންނަ ސައުދީގެ އިގްތިސާދު ތެލަށް ބަރޯސާވުން ކުޑަކުރުމެވެ.

ސައުދީގެ އާބާދީ 2050 އަންނަ އިރު 1.5 ބިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، ރަތްކަނޑުގެ ސަރަހައްދުގައި ތަރައްގީ ކުރާ ސިޓީއާއެކު އެވަރުގެ އާބާދީއަކަށް އެކަށޭނަ ވަރަކަށް އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މިދިޔަ އަހަރުވެސް ސައުދީގެ ސަރުކާރުން ވަނީ 500 ބިލިއަން ޑޮލަރުގެ މެގަ ސިޓީއެއް ތަރައްގީ ކުރާނެކަން ހާމަކޮށްފައެވެ. މި ސިޓީއަކީ 100 ޕަސެންޓް އިއާދަކުރުވަނިވި ހަކަތަ ބޭނުން ކުރާނެ ސިޓީއެކެވެ. މި ސިޓީ ތަރައްގީ ކުރާނީ ސަރުކާރާ އަމިއްލަ ވިޔަފާރިތައް ގުޅިގެންނެވެ.

comment ކޮމެންޓް