ވެނަޒުއޭލާގެ ރައީސް މަޑޫރޯ ދެވަނަ ދައުރަކަށް ކުރިމަތިލައްވަނީ

ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަނީ ދެ ވަނަ ދައުރަކަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ: އޭއެފްޕީ

ކަރާކަސް (ޖެނުއަރީ 24): ވެނަޒުއޭލާގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަ ކުރައްވާނެ ކަމަށް އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވެއްޖެއެވެ.

މަޑޫރޯ އެފަދައިން ވިދާޅުވީ، އަންނަ އޭޕްރީލް މަސް ނިމުމުގެ ކުރިން ރިޔާސީ އިންތިހާބު ބާއްވަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެންގި ފަހުންނެވެ.

ދެހާސްތޭރަ ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މަޑޫރޯގެ ސަރުކާރުގެ ދަށުން ވެނަޒުއޭލާގެ އިގުތިސާދު ވަނީ މީގެ ކުރިން ހީނަރު ނުވާ ވަރަށް ހީނަރުވެފައެވެ. އޭގެ ސަބަބުން އެގައުމުގައި ކާބޯތަކެތި ލިބުމަށް ދަތިވެ، ހަމަނުޖެހުން އިތުރުވެ، ގިނަ އަދަދެއްގެ މީހުންނަށް ވަނީ ގައުމު ދޫކޮށް ދާންޖެހިފައެވެ.

އަދި އެމައްސަލަތަކުގެ ފަހަތުގައި ވަނީ ކޮރަޕްޝަނާއި ވެރިކަން ކުރާ ޕާޓީގެ ސިޔާސަތުތައް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް މަޑޫރޯ ވިދާޅުވާ ގޮތުގައި އެއީ އެމެރިކާ އާއި ސްޕެއިން ފަދަ ގައުމުތަކުން ގައުމުގެ ސަރުކާރު ވައްޓާލަން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ދިމާވާ މައްސަލަތަކެވެ.

މީގެ އިތުރުން މިދިޔަ މަހު ވެނަޒުއޭލާގައި ބޭއްވި މޭޔަރުންގެ އިންތިހާބު މައި އިދިކޮޅު ޕާޓީތަކުން ބޮއިކޮޓް ކުރުމާ ގުޅިގެން މަޑޫރޯ ވަނީ އެޕާޓީތަކަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެގައުމުގައި ބާއްވާ ރިޔާސީ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ނުވުމަކީ ގާތް ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. (ބީބީސީ)

comment ކޮމެންޓް