މަތިންދާބޯޓަށް އަރާއިރު ސަން ސްކްރީން އުނގުޅަން ހަނދާން ބަހައްޓާތި!

ސަން ސްކްރީނަކީ އާންމުކޮށް ދަތުރު ދާއިރު ނޫނީ އަތްވަށް ނިކުންނައިރު، އިރުގެ ދޯދިތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ނޫނީ ހަންގަނޑު "އެނދުމުން" ސަލާމަތް ކުރުމަށް މޫނުގައާއި ހަންގަނޑުގައި އުނގުޅާ އެއްޗެކެވެ. އަތްވަށް ނިކުތުމުގެ ކުރިން ސަން ސްކްރީން އުނގުޅުމަށް ސަމާލުކަންދޭ ވަރަށް، މަތިންދާބޯޓަށް އަރާއިރު ސަން ސްކްރީން އުނގުޅުމަށް ސަމާލުކަން ދިނުމަކީވެސް މުހިއްމު ކަމެއް ކަމަށް ޑާމެޓޮލަޖިސްޓުން މިވަނީ ބުނެފައެވެ.

ހަމުގެ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އާންމު ދިރިއުޅުމުގައި ވެސް ސަން ސްކްރީން ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ. އޭގެ ތެރޭގައި މަތިންދާބޯޓަށް އަރާ ވަގުތުވެސް ހިމެނެއެވެ.

މަތިންދާބޯޓުގެ ކުޑަދޮރުގައި ހުންނަ ބިއްލޫރިއަކީ ޔޫވީބީ ރޭސް ބްލޮކް ކޮށްލާ އެއްޗެއް ނަމަވެސް މަތިންދާބޯޓުގައި އިންނަ އިރު ޔޫވީއޭ ރޭސްގެ އަސަރު ކުރާ މިންވަރު ބޮޑުވާނެއެވެ. އެހެންކަމުން މަތިންދާބޯޓުގައި އިންނަ އިރު އަވީގެ/ އިރުގެ އަސަރު ކުރާނަމަ ހަންގަނޑަށް އޮތް ނުރައްކާ ބޮޑެވެ.

މަތިންދާބޯޓަށް އަރާއިރު ސަން ސްކްރީން އުނގުޅުމަށް އެންމެ ސަމާލުކަންދެންވީ ބަޔަކީ ޕައިލެޓުންނެވެ. ޑާމެޓޮލަޖިސްޓުން ވިދާޅުވާގޮތުގައި އެންމެ ގަޑިއިރަކު 30000 ފޫޓު މަތީގައި އިންނައިރު ޔޫވީ ރޭޑިއޭޝަންގެ ސަބަބުން ލިބޭ ގެއްލުން، 20 މިނެޓު ވަންދެން ހަންގަނޑު ޓޭން ކުރުމަށް ސަން ސްކްރީނެއް ނުލާ ހާމަކޮށް އަވީގައި އޮންނަ އިރު ލިބޭ ގެއްލުމަށްވުރެ ބޮޑެވެ.

ޕައިލެޓުންނަށް ކުރާ އަސަރަށްވުރެ ޕަސިންޖަރުންނަށް ކުރާ އަސަރު ކުޑަ ނަމަވެސް ވިންޑޯ ސީޓެއްގައި އިންނަ ނަމަ ބޯޓަށް އެރުމުގެ ކުރިން ސަން ސްކްރީން ލުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ބްރިޓިޝް އެސޯސިއޭޝަން އޮފް ޑާމެޓޮލަޖިސްޓްސްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޝްވެތާ ރާއީ ވިދާޅުވީ މަތިންދާ ބޯޓުގެ ވިންޑޯ ސީޓުގައި އިންނަ މީހާ އަކީ އޯޒޯން ލޭޔާ އާ 10000 ފޫޓަށް ވުރެ ކައިރީ އިންނަ މީހެއް ކަމަށެވެ. އެއީ އިރުގެ ދޯދިތަކުގެ ސަބަބުން ހަންގަނޑަށް ބޮޑެތި ގެއްލުންތައް ލިބޭނެ ދުރުމިނެއް ކަމަށާއި އެހެންކަމުން ފްލައިޓަށް އަރާއިރު ސަން ސްކްރީން ލުމަކީ މުހިއްމު ކަމެއް ކަން ހަނދާން ކުރަންޖެހޭ ކަމަށް ޑރ. ޝްވެތާ ވިދާޅުވިއެވެ.

ސަން ސްކްރީން ބޭނުންކުރާއިރު އެންމެ ދަށްވެގެން އެސްޕީއެސް 30 ގެ އުފެއްދުން ބޭނުންކުރަން ހަނދާން ކުރާށެވެ. ދިގު ދަތުރުތައް ކުރާއިރު ދެ ގަޑިއިރުން ސަން ސްކްރީން އުނގުޅާލުން މުހިއްމެވެ. މޫނާއި އަތް އަދި ކަނދުރާގައެވެ. ދަތުރަށް އަރާއިރު ފައުންޑޭޝަން ފަދަ ކޮސްމެޓިކްސް ބޭނުންކުރާނަމަ ވެސް އިރުގެ ދޯދިތަކުން ހަންގަނޑަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ އުފެއްދުމެއް ބޭނުންކުރެވޭތޯ ބަލާށެެވެ. އެހެންނޫނީ ދުރާލައި ސަން ސްކްރީން އުނގުޅާލާށެވެ.

comment ކޮމެންޓް