ވިލާގެ ރިސޯޓުތަކުން ގެންދިޔަ ބަނގުރާ ހޯދަން ކޯޓަށް މައްސަލަ ހުށަހަޅައިފި

ފަން އައިލެންޑްގައި ހުރި ބަނގުރާތައް ކަސްޓަމްސްއިން ނެގުމުގެ ތެރެއިން --- ފޮޓޯ/ ރާއްޖެ އެމްވީ

ވިލާ ކުންފުނިން ހިންގާ ފަން އައިލެންޑުގައި ހުރި ބަނގުރަލުގެ ސްޓޮކު އެރަށުން ބޭލި މައްސަލަ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނިން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޖެނުއަރީ 20 ވަނަ ދުވަހު ފަން އައިލެންޑުގައި ހުރި ބަނގުރަލުގެ ސްޓޮކް އެރަށުން ބާލާފައިވަނީ، އެއީ ގަވައިދާ ހިލާފަށް އެރަށަށް ގެންގޮސްފައިވާ ތަކެތިކަމަށްވާތީ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ރޯޔަލް އައިލެންޑް ރިޒޯޓުގެ ނަމުގައި ދޫކުރި ބަނގުރާ ފަންއައިލެންޑް ރިޒޯޓަށް ގެންދިޔަކަމަށް ތުހުމަތުކުރާ މައްސަލައެއް ކަސްޓަމުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވިލާ ކުންފުނީގެ ވަކީލުންގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބަލާ ފާސްކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ދޫކޮށްފައިވަނީ ކަސްޓަމްސް އިން ކޮށްފައިވާ ތުހުމަތަކާ ގުޅިގެން ހެއްކާއި ގަރީނާ ހޯދުމަށް ރިސޯޓު ބަލައިފާސްކުރުމަށް ކަމަށެވެ.

ނަމަވެސް ކޮށްފައިވާ ތުހުމަތަކާ ގުޅިގެން އެއްވެސް ހެއްކެއް ހޯދުމަށް ރިސޯޓަށްއެރި ތަހުގީގު ޓީމުން މަސައްކަތްކޮށްފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި ފަން އައިލެންޑް ރިސޯޓަށް އެރި ތަހުގީގު ޓީމުން ކޮށްފައިވާ މަސައްކަތަކީ ރިސޯޓުގައި އެވަގުތު ހުރި ބަނގުރާގެ ސްޓޮކް ރަށުން ބާލައިގެން ގެންދިޔުން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ވިލާގެ ވަކީލުންގެ ބަޔާނުގައި ބުނީ އެކުންފުނީގެ މުދާ އަނބުރާ ހޯދުމުގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ރިސޯޓުން ބަނގުރާ ބޭލި ދުވަހު ކަމަށް އެނގިފައިވެއެވެ.

މީގެ އިތުރުން ބަނގުރާއެތެރެކުރުމަށް ރޯޔަލް އައިލެންޑަށް ދީފައިވާ ހުއްދަ އިކޮނޮމިކް މިނިސްޓްރީ އިން ބާތިލްކޮށްފައިވާތީ އެމައްސަލަވެސް ސިވިލްް ކޯޓަށް މިއަދު ވަނީ ހުށަހަޅައިފައެވެ.

ވިލާ ގްރޫޕުން ހިންގާ ރޯޔަލް އައިލެންޑް ރިސޯޓަށް ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓާފައިވަނީ މިމަހުގެ 21 ގައެވެ. ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް އަށް އެޑްރެސްކޮށް އިކޮނޮމިކް މިނިސްޓްރީ އިން ފޮނުވި ސިޓީގައި ބުނީ ރޯޔަލް އައިލެންޑް ހިންގާ އައިލެންޑް ޓްރެވަލް އެންޑް ޓްރޭޑަށް ދޫކޮށްފައިވާ ބަނގުރާ އެތެރެ ކުރުމުގެ ހުއްދަ ބޭނުންކޮށްގެން ބަނގުރަލާއި އޫރު މަހުގެ ގަވައިދު ގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާފަދަ އަމަލެއް ހިންގިކަން ފާހަގަކުރެވިފައިވާތީ، އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހަ މަސްދުވަހަށް ބާތިލްކޮށްފައިވާ ކަމަށެވެ. ނަމަވެސް ފަހުން ވަނީ ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ވަގުތީ ހުއްދައެއް ދީފައެވެ.

ވިލާގެ ވަކީލުންގެ ބަޔާނުންގެ ބަޔާނުގައި ބުނެފައި ވަނީ ބަނގުރަލަކީ ހާއްސަ ހުއްދައެއްގެ ދަށުން އެތެރެކުރެވޭ އަދި ގެންގުޅެ، ވިއްކޭ އެއްޗަކަށްވެފައި، ރޯޔަލް އައިލެންޑް ރިޒޯޓާއި ފަންއައިލެންޑް ރިޒޯޓަށް ލިބިފައިވާ ބަނގުރާ އެތެރެކުރުމާއި ގެންގުޅެ ވިއްކުމުގެ ހުއްދަތައް ސައްހަކަންމަތީ އޮތް އިރު، ފަންއައިލެންޑް ރިޒޯޓަށް ބަނގުރާ އެތެރެކޮށްފައިވަނީ ގަވައިދާ ހިލާފަށްކަމަށް ސަރުކާރުން ބުނާ ބުނުމަކީ ގާނޫނީގޮތުން ހަމަޖެހޭ ވާހަކައެއްނޫން ކަމަށެވެ.

"އަދި، ބަނގުރާ އެތެރެކުރުމާއި ވިއްކުމާއި، ގެންގުޅުމުގެ ހުއްދަ އޮތް ފަރާތަކަށް ބަނގުރާ ދޫކުރުން ކަސްޓަމްސްއިން ހުއްޓާލުމަކީ، ހުއްދަ އޮތް ފަރާތަށް ހުއްދައިގެ ދަށުން ލިބޭ އެއްވެސް ހައްގެއް ބޭނުންކުރުން މަނާވެގެންދާނެ ކަމެއް ނޫން" ކަމަށްވެސް ބަޔާނުގައި ވެއެވެ.

ވިލާގެ ވަކީލުން ނެރުނު ބަޔާނުގައި ބުނީ ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ބަލާ ފާސްކުރުމުގެ އަމުރު ތަންފީޒު ކުރުމުގައި އަމަލީގޮތުން ޝާމިލްވި، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 37 ބޭފުޅަކާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ހަތް ފުލުހެއްގެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

comment ކޮމެންޓް