ގަވައިދުން ޓެކްސް ދެއްކުމަކީ ހިދުމަތްތައް ހަމަޖެއްސުމަށް މުހިއްމުކަމެއް: ފިނޭންސް

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހުންނަ އިމާރާތް: ސަން ފައިލް ފޮޓޯ

ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ދައްކާ ފަރާތްތަކުން ގަވައިދުން ޓެކްސްތައް ދެއްކުމަކީ ދައުލަތުން ދޭ އާންމު ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫޢުތަކަށް ކުރަން ޖެހޭ ޚަރަދުތައް ހަމަޖެއްސުމަށް މުހިންމު ކަމެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 700 މިލިއަނެއްހާ ރުފިޔާ ހަރަދުވާ ކަމަށެވެ. އަދި ދައުލަތުގެ ހިންގުމުގެ ޚަރަދަށް، މުސާރައިގެ ޚަރަދު ހިމަނައިގެން، މަހެއްގެ މައްޗަށް ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ޚަރަދުވާކަމަށްވެސް ފިނޭންސްގެ ބަޔާނުގައި ބުނެފައިވެއެވެ.

މަހުން މަހަށް އަންދާޒާކޮށްފައިވާ ޚަރަދުތައް ކުރުމަށް ބޭނުންވާ އާމްދަނީ ގަވައިދުން ލިބެމުން ނުދާނަމަ، ފައިސާ ހޯދަން ޖެހެނީ ޓްރެޜަރީ ބިލާއި ބޮންޑް ފަދަ ތަކެތި މެދުވެރިކޮށް ދަރަންޏަށް ފައިސާ ނަގައިގެން ކަމަށްވާތީ، ފައިނޭންސިން ކޯސްޓް ބޮޑުވެ، ދައުލަތުގެ ބަޖެޓުން ހިންގަންޖެހޭ މަޝްރޫޢު ތަކަށާއި ދޭންޖެހޭ އާންމު ޚިދުމަތްތަކަށް ބުރޫ އަރާކަމަށް ފިނޭންސުން ބުންޏެވެ.

ފިނޭންސްގެ ބަޔާނުގައި ބުނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ގަވައިދުން ނުލިބި ދިގުލައި ދާނަމަ، އޭގެ ސަބަބުން ދައުލަތުން ދޭ ޚިދުމަތްތަކާއި މަޝްރޫޢުތަކަށް ދައްކަންޖެހޭ ފައިސާ އަދާކުރުމުގައި ދައުލަތަށް ދަތިތައް ދިމާވެ، ގެއްލުންތައް ކުރިމަތިވަމުން ދާ ކަމަށެވެ.

އޭގެ ސަބަބުން ދިވެހި ރައްޔިތުންގެ މަސްލަހަތު އެކުލެވޭ މަޝްރޫޢުތައް މަޑުޖެހި، ރައްޔިތުން ބޭނުންވާ ފަދަ ބާރު ދުވެއްޔެއްގައި މަޝްރޫޢުތައް ނިންމަން ދަތިވެގެންދާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފިނޭންސުން މިފަދަ ބަޔާނެއް ނެރެފަައިވަނީ ވިލާ ގްރޫޕުގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާތައް ގަވައިދުން ދައްކާފައި ނުވާތީ، އެކަމާ ގުޅިގެން ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ނެރުނު ބަޔާނަކާ ގުޅިގެންނެވެ.

މީރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން 2017 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން 21 ޖަނަވަރީ 2018 އާ ހަމައަށް ޖީ.އެސް.ޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި 5.1 މިލިއަން އެމެރިކާ ޑޮލަރު (78.6 މިލިއަން ރުފިޔާ) ދައްކާފައި ނުވާކަމަށާއި، ރިސޯޓް ކުލީގެ ގޮތުގައި 18.9 މިލިއަން ޑޮލަރު (291.4 މިލިއަން ރުފިޔާ) ދައްކާފައި ނުވާކަމަށެވެ.

ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ޖުމްލަ 369.5 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށައި މިއީ އެވްރެޖްކޮށް މަހެއްގެ މައްޗަށް ދައުލަތަށް ލިބޭ އާމްދަނީގެ ނިސްބަތުން ބަލާއިރު ގާތްގަނޑަކަށް 20 އިންސައްތަކަމަށް އެ ބަޔާނުގައިވެއެވެ.

ވިލާ ގްރޫޕުން ދައުލަތަށް ދައްކަން ޖެހޭ ޖުމްލަ ފައިސާގެ ޢަދަދު 188 މިލިއަން އެމެރިކާ ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް އަރާކަމަށާއި 2.9 ބިލިއަން ރުފިޔާ އަކީ މިއަހަރު ދައުލަތަށް ލިބޭނޭކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީގެ ނިސްބަތުން 13.3 އިންސައްތައަށް ވާއިރު މިފަދަ ބޮޑެތި ޢަދަދުތަކުން، ދަޢުލަތަށް ލިބެންޖެހޭ ފައިސާ ދިގު މުއްދަތަކަށް ނުލިބި ވުމަކީ ފިނޭންސް މިނިސްޓްރީން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ފިނޭންސްގެ ބަޔާނުގައި ވެއެވެ.

ފިނޭންސުން ބުނީ ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ފަދަ ޓެކްސްތަކަކީ ފަތުރުވެރިން ދައްކާފައިވާ ޓެކްސްތައް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ހައްޤެއް ކަމަށާއި، ކަނޑައެޅިފައިވާ ސުންގަޑިތަކަށް ދައުލަތަށް އެ ފައިސާ އަމާނާތްތެރި ކަމާއެކު ހަވާލު ކުރުމަކީ ޓެކްސް ދައްކާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ފައިސާ ހޯދުމަށްޓަކައި މަސައްކަތްކުރަން ޖެހޭ އެންމެހައި މުއައްސަސާތަކުންވެސް، ފައިސާގެ މައްސަލަތައް ވީހާވެސް އަވަހަކަށް ނިންމައި، ދައުލަތަށް ލިބެން ޖެހޭ ފައިސާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށާއި ޓެކްސް ދައްކާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފީތައްވެސް ގަވައިދުން ދެއްކުމަށް ފިނޭންސުން ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް