ގާނޫނީ ހުސްކަމެއްގެ ތެރޭގައި ޕީޕީއެމް އޮތް ކަމަށް ބުނެ މައުމޫނުގެ ސިޓީއެއް އީސީ އަށް

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ރައީސް މައުމޫން ވާހަަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރު ހިންގާ ޕީޕީއެމް ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް ކަމަށް ބުނެ އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސިޓީއެއް ފޮނުއްވައިފިއެވެ.

އީސާގެ ރައީސް އަހުމަދު ސުލައިމާނަށް މިދިޔަ ބުރާސްފަތި ދުވަހު މައުމޫން ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ގައުމީ ޖަލްސާގައި ފާސްކޮށްފައިވާ ޕާޓީގެ އަސާސީ ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) ގައި "ޕާޓީގެ ހުރިހާ މެންބަރުން ތަމްސީލު ކުރެވޭގޮތަށް ބާއްވާ އާންމު ގައުމީ ޖަލްސާއެއް، ކޮންމެ ދެބައި އަހަރަކުން އެއް ފަހަރު ބާއްވަންވާނެ" ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

އެ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އެ ގަވާއިދުގެ ދަށުން އިންތިހާބުކުރާ މަގާމުތަކުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަސް ކަމަށް އެ ގަވާއިދުގެ 81 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށް ވެސް މައުމޫނު ފޮނުވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

އެގޮތުން ޖެނުއަރީ 2013 ގައި ބޭއްވި ޕީޕީއެމް ގެ ފުރަތަމަ ގައުމީ ޖަލްސާ އިން ފާސްކޮށްފައިވާ އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީ ހިންގުމަށްޓަކައި ކައުންސިލާއި އެންމެހާ ކޮމިޓީތައް އިންތިހާބު ކޮށްފައިވާ ކަމަށް އެ ސިޓީގައިވެއެވެ. އަދި އެ ގައުމީ ޖަލްސާއިން ފަސް އަހަރުގެ ދައުރަކަށް އިންތިހާބު ކުރި ކައުންސިލާއި ކޮމިޓީތަކާއި ގުނަވަންތަކުގެ މުއްދަތު، މިދިޔަ ބުރާސްފަތި ދުވަހަށް ހަމަވާނެ ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފައެވެ.

"އެހެންކަމުން، ޕާޓީގެ ކައުންސިލާއި ކޮމިޓީތަކާއި ގުނަވަންތަކުގެ ގާނޫނީ މުއްދަތު ހަމަވާނެތީވެ، ޕާޓީގެ ހިންގުން ހުއްޓޭނެ ކަމަށް ގަބޫލުކުރެވެއެވެ. މިކަމުގައި ޕާޓީގެ އާންމު މެންބަރުންގެ ކަންބޮޑުވުންތައް ހުރުމާ އެކު، ޕާޓީ ގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން، ތިޔަ ކޮމިޝަންގެ ސަމާލުކަމަށް މި ކަން ގެންނަމެވެ." މައުމޫނު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

ރައީސް މައުމޫން އިތުރަށް ވިދާޅުވީ، ޕާޓީ ގެ އިންތިހާބު ކޮމިޓީގެ ދައުރުވެސް ހަމަވާނެތީވެ، ޕާޓީގެ ރިޔާސީ ޓިކެޓު ދޭނެ ބޭފުޅެއް ކަނޑައެޅުމަށްޓަކައި ޕްރައިމެރީއެއް ބޭއްވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި ޕާޓީގެ ޓިކެޓުގައި ކެންޑިޑޭޓެއް ނެރުމާ މެދުވެސް ގާނޫނީ އެތައް ސުވާލު ތަކެއް އުފެދިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މައުމޫނުގެ އެ ސިޓީއަށް ރައްދު ދެއްވައި "ސަން" އާ ވަހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ޕީޕީއެމްގެ ނަމުގައި އީސީ އަދި ރާއްޖޭގެ އެހެން މުއަސަސާއަކަށް ވެސް ސިޓީ ފޮނުވުނުމުގެ ހައިސިއްޔަތެއް މައުމޫނަށް ލިބިގެންނުވާކަމަށެވެ.

މުއާޒު ވިދާޅުވީ ރައީސް މައުމޫން އެކުރެއްވީ ގާނޫނީ ކުށެއް ކަމަށެވެ.

"މައުމޫނަށް އެއްވެސް ހައިސިއްޔަތެއް ލިބިނުލައްވާ ޕީޕީއެމްގެ ނަމުގައި އެއްވެސް ތާކަށް ސިޓީ ފޮނުވުމުގެ. މީގެ ކުރިން ވެސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްފައި ވަނީ ޕީޕީއެމް އަށް ނިސްބަތް ނުވާ ފަރާތްތަކުން. އެއީ ގާނޫނީ ކުށެއް. އަދި އެކަމާމެދު ފިޔަވަޅު އަޅަން ގޮވާލަން،" މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ކަންކަން ހިނގާނެއް ގޮތް އެނގޭނީ ޕީޕީއެމްގެ މެމްބަރުންނަށް ކަމަށާއި ރައީސް މައުމޫނަށް އެކަން އެނގިނުލައްވާނެ ކަމަށެވެ.

"ޕީޕީއެމް އަށް ހަގީގީ މިނިވަންކަން ލިބުނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު. އޭގެ ފަހުން ޕީޕީއެމްގެ ހުރިހާ މެމްބަރުން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފައި. މި ޕާޓީ ތެރޭގައި އެއްވެސް ހުސްކަމެއް ނެތް،" މުއާޒު ވިދާޅުވިއެވެ.

comment ކޮމެންޓް