ޒައިނަބުގެ ގާތިލު ހައްޔަރުކޮށްފިން، އޭނާ ކުށަށް އިއުތިރާފްވެއްޖެ: ފުލުހުން

ޒައިނަބުގެ ގާތިލު -- ފޮޓޯ: ޖިއޯ ނިއުސް

ލާހޯރު (ޖެނުއަރީ 23): މިމަހުގެ ނުވަ ވަނަ ދުވަހު ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނު ޒައިނަބު އަންސާރީގެ ގާތިލު ހައްޔަރުކޮށްފި ކަމަށް ޕާކިސްތާނުގެ ފުލުހުން ބުނެފި އެވެ.

އެހާދިސާ ތަހުގީގު ކުރަމުންދާ ކަސޫރުގެ ފުލުހުންނާ ހަވާލާދީ ޖިއޯ ނޫހުގައިވާ ގޮތުން ޒައިނަބުގެ މަރާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޒައިނަބުގެ އާއިލާއާ ގާތްތިމާގެ މީހެކެވެ. އަދި އިމްރާން ނަމަކަށް ކިޔާ އެމީހާ އަކީ އެއާއިލާ ދިރިއުޅޭ ގޭގެ އަވަށްޓެރިއެއް ކަމަށާއި، އޭނާއަކީ އާއްމުކޮށް އެގެއަށް ގޮސް އުޅުނު މީހެއް ކަމަށް އެނޫހުގައިވެ އެވެ.

ޕާކިސްތާނުގެ ނޫސްތަކުގައިވާ ގޮތުން މިދިޔަ ހޮނިހިރު ދުވަހުވެސް އުމުރުން 24 އަހަރުގެ އިމްރާން ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް އޭނާއަކީ ޒައިނަބުގެ އާއިލާއާ ގާތް މީހެއް ކަމަށް ބުނެ އިމްރާންގެ އާއިލާއިން ޝަކުވާ ކުރުމުން އޭނާގެ ޑީއެންއޭ ޓެސްޓު ނުކޮށް ދޫކޮށްލީ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޒައިނަބު ގެއްލުނު ދުވަހު ފިރިހެނެއްގެ އަތުގައި ހިފައިގެންދާ މަންޒަރު ސީސީޓީވީ ފުޓެޖުން ވަނީ ފެނިފައި --

އަދި އޭގެ ފަހުން އޭނާ ކަސޫރު ދޫކޮށް އެހެން ސިޓީއަކަށް ފިލައިގެން ދިޔަ ކަމަށާއި އޭނާ އެނބުރި އައުމުން ޑީއެންއޭ ޓެސްޓު ކުރަން ހައްޔަރު ކުރީ ކަމަށް ނޫސްތަކުގައިވެ އެވެ. އަދި އިމްރާން ވަނީ މިހާރު ޒައިނަބު މަރާލި ކަމަށް އިއުތިރާފުވެފައި ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ޖިއޯ ނޫހުގައިވެ އެވެ.

ޕަންޖާބުގެ ސަރުކާރުގެ ތަރުޖަމާނު މާލިކް އަހުމަދު ޚާން ވިދާޅުވި ގޮތުގައި އިމްރާންގެ ތަފްސީލީ ޑީއެންއޭ ރިޕޯޓު ވަރަށް އަވަހަށް ލިބޭނެ އެވެ. އަދި ޒައިނަބުގެ ހަށިގަނޑުން ފެނުނު ޑީއެންއޭ އަކީ އިމްރާންގެ ޑީއެންއޭކަން ކަށަވަރު ވެއްޖެ ނަމަ، އޭނާއާ އިތުރު ހަތް މައްސަލައަކާ ގުޅުވޭނެ ކަމަށް އަހުމަދު ޚާން ވިދާޅުވި އެވެ.

މީގެ އިތުރުން، ޖިއޯ ނޫހުގައިވާ ގޮތުން ޒައިނަބު ގެއްލުނު ދުވަހު އެކުއްޖާގެ އަތުގައި ހިފައިގެން ފިރިހެނަކު ދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓެޖް އާއްމު ވުމުން އިމްރާން ވަނީ އޭނާގެ ތުނބުޅި ބާލާފައި އެވެ. އޭގެ ސަބަބުން އޭނާ ފާހަގަ ކޮށް، ހައްޔަރު ކުރަން ދަތިވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އުމުރުން ހަތް އަހަރުގެ ޒައިނަބު ދިރިހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ މިމަހުގެ ހަތަރެއްގައި ގުރުއާން ކުލާހަށް ދިޔަ މަގުމަތީގައި އެވެ. ޒައިނަބުގެ ޕޯސްޓްމޯޓަމް އިން ދެއްކި ގޮތުގައި އެކުއްޖާ މަރާލާފައި ވަނީ ނޭވާ ހާސްކޮށްލައިގެންނެވެ. އަދި ޒައިނަބު ރޭޕްކޮށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ފެނިފައިވާ ކަމަށާއި އެކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ މަރުވިތާ ދޭއް ނުވަތަ ހަތަރު ދުވަސް ފަހުން ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ޑޯން ނޫހުގައިވެ އެވެ. (ޖިއޯނިއުސް)

comment ކޮމެންޓް