ރިސޯޓުތަކާ ކައިރިން ފަޅު ހިއްކާތީ މަޓީ ކަންބޮޑުވެއްޖެ

މާލެ އަތޮޅު އެނބޫދޫފަޅު---

ރާއްޖޭގައި ހިންގާ ރިސޯޓުތައް ކައިރިން ފަޅުތައް ހިއްކާތީ، ރިސޯޓު އޯނަރުންގެ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަޓީއިން ނެރުނު އެޖަމިއްޔާގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެޖަމިއްޔާއިން މިދިޔަ އަހަރު ބޭއްވި ބޯޑު މީޓިންގްއެއްގައި، ރާއްޖޭގައި ހިންގާ ފަޅު ހިއްކުމުގެ މަޝްރޫއުތަކުގެ ސަބަބުން ވަށައިގެންވާ ފަރުގެ ނިޒާމުތަކަށް ލިބޭ ގެއްލުން ކުޑަކުރަން ޔަގީންކުރުމަށް ސަރުކާރާ އެކު މަސައްކަތް ކުރުމަށް ނިންމިއެވެ.

މަޓީގެ ރިޕޯޓުގައި ބުނެފައިވަނީ، ރިސޯޓުތަކާ ކައިރިން ފަޅު ހިއްކާތީ އެކަމުގެ ސަބަބުން ފަތުރުވެރިންގެ މެދުގައި ރާއްޖެއާ މެދު ނޭދެވޭ ތަސައްވަރެއް އުފެދިދާނެތީ ބޯޑުގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ.

އަދި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ފަޅުރަށް އޮތުމަކީ މުހިންމު ކަމެއް ކަމަށް މަޓީގެ ބޯޑު މެމްބަރަކު ފާހަގަ ކުރެއްވި ކަމަށްވެސް މަޓީގެ ރިޕޯޓުގައި ވެއެވެ.

މަޓީގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ، ޖަމިއްޔާގެ ކަންބޮޑުވުންތައް ހިއްސާކުުރުރުމަށް ޓޫރިޒަމް މިނިސްޓަރާ މިދިޔަ އަހަރުގެ ތެރޭގައި ބައްދަލުކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ ބައްދަލުވުމުގެ ނަތީޖާ، ރިޕޯޓުގައި ހިމަނާފައެއް ނުވެއެވެ.

ރާއްޖޭގައި ޓޫރިޒަމް ދާއިރާގެ ބޮޑެތި މަޝްރޫއުތަކެއް މިވަގުތު ހިނގަމުން ދާ އިރު، އޭގެ ތެރެއިން ބައެއް މަޝްރޫއުތަކަކީ ފަޅު ހިއްކައިގެން ހިންގާ މަޝްރޫއުތަކެކެވެ. އޭގެ ތެރޭގައި ކ. އެނބޫދޫފަޅު ހިއްކައިގެން ތައިލެންޑުގެ ސިންހަ އެސްޓޭޓު ކުންފުނިން ހިންގާ "ކްރޮސްރޯޑްސް މޯލްޑިވްސް" މަޝްރޫއާއި، ކ. ރަށްފަޅު ހިއްކައިގެން ސިންގަޕޫރުގެ ޕޮނިޓިއާކް ކުންފުނިން ހިންގާ މަޝްރޫއު ހިމެނެއެވެ.

comment ކޮމެންޓް