ގޮނޑި ގެއްލިއްޖެ ކަމަށް ރިޕޯޓުކުރާ މީޑިއާތަކާ ދެކޮޅަށް ދައުވާކުރާނަން: މުސްތަފާ

މީގެ ކުރިން ސުޕްރީމް ކޯޓަށް ސިޓީ ހުށަހެޅުއްވުމަށް ފަހު މެމްބަރުން ސުޕްރީމް ކޯޓުން ނުކުމެ ވަޑައިގަންނަވަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރާނަމަ އެ މީޑިއާތަކާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ތިމަރަފުށީ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިވާ މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގެ ޖަވާބު ހޯދުމަށާއި ފަނޑިޔާރުންނާ ބައްދަލު ކުރަން ބޭނުންވާ ކަމަށް ބުނެ މިއަދު ސުޕްރީމް ކޯޓަށް ވަޑައިގަތުމަށްފަހު ނިކުމެވަޑައިގެން މީޑިއާތަކާ ވާހަކަދައްކަމުން މުސްތަފާ ވިދާޅުވީ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމޭނީ ސުޕްރީމް ކޯޓަށް އެކަނި ކަމަށެވެ. އަދި ދައުލަތުގެ އެހެން އެއްވެސް މުއައްސަސާއަކަށް މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ނުނިންމޭނެ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

"ގޮނޑި ގެއްލިއްޖެ ކަމަށް އެއްވެސް މީޑިއާއަކުން އިއުލާންކޮށްފިއްޔާ އެބަޔެއްގެ މައްޗަށް އަޅުގަނޑުމެން ދައުވާ ކުރާނަން. ސަބަބަކީ އަޅުގަނޑުމެންނަކީ ރައްޔިތުން ހޮވަފައި ތިބި ބައެއް. އަޅުގަނޑުމެންނަކީ މިހާތަނަށް ގާނޫނާ ހިލާފަށް ކަމެއް ކުށެއް ކުރި ބައެއް ނޫން. ގާނޫނު އަސާސީއާ ހިލާފަށް ކަމެއް ނުކުރަން. ހެދިފައިވާ ގާނޫނުތަކާ ހިލާފަށް ކަމެއް ނުކުރަން،" މުސްތަފާ ވިދާޅުވިއެވެ.

ގޮނޑި ގެއްލިއްޖެ ކަމަށް ހަބަރު ފެތުރުމަކީ އެ ފަރާތްތަކުގެ ހައްގަށް އުނިކަން އަންނާނެ ކަމެއް ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި އެފަރާތްތަކުގެ ހައްގަށް އުނިކަމެއް ލިބޭނަމަ އެކަމަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މަޖުބޫރުވާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާގެ އިތުރުން ތުލުސްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ މުހައްމަދު ވަހީދު އިބްރާހިމް ވެސް ވަނީ މީޑިއާތަކުން އެ ފަރާތްތަކުގެ ގޮނޑި ގެއްލިއްޖެ ކަމަށް ހަބަރު ނުފެތުރުމަށް އެދިވަޑައިގެންފައެވެ.

ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ)އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.

comment ކޮމެންޓް