ވަގުތީ ބަޖެޓެއް ފާސްކޮށް، އެމެރިކާ ސަރުކާރު ހުއްޓިފައި އޮތް އޮތުން ނިމުމަކަސް ގެނެސްފި

ސަރުކާރު ހުއްޓުމަކަށް އައުމުގެ ސަބަބުން ސަރުކާރުގެ އޭޖެންސީތައް ވަނީ ފާއިތުވި ދެ ދުވަހު ބަންދުކޮށްފައި -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ޖެނުއަރީ 23): އަންނަ މަހުގެ އަށަކާ ހަމައަށް އެމެރިކާގެ ސަރުކާރު ހިންގަން ބޭނުންވާ ފައިސާއާ ބެހޭ ބިލެއް އެގައުމުގެ ކޮންގްރެސްއިން ފާސްކޮށް، ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ސޮއި ކުރައްވާފައިވާ ސަރުކާރުގެ ހަރަދުތަކާ ބެހޭ ބިލު ކޮންގްރެސްގެ މަތިގެއިން ފާސް ކުރީ 81 މެމްބަރުންގެ ވޯޓުންނެވެ. އެބިލާ ދެކޮޅަށް ވޯޓު ދިނީ 18 މެމްބަރުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ކޮންގްރެސްއަށް ދާއިމީ ބަޖެޓެއް ފާސް ނުކުރެވުނީ އިމިގްރޭޝަނާ ބެހޭ "ޑާކާ" ސިޔާސަތަކާ ބެހޭ ގޮތުން ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ އާއި އިދިކޮޅު ޑިމޮކްރެޓުންނާ މެދު ދެބަސްވުން އުފެދުމުންނެވެ. ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުގައި ތައާރަފް ކުރި އެސިޔާސަތުގެ ދަށުން ޅަ އުމުރުގައި އެމެރިކާއަށް އެތެރެވެފައިވާ މީހުން ޑީޕޯޓު ކުރުން ވަގުތީ ގޮތުން ހުއްޓުވޭނެއެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީން ބުނާ ގޮތުގައި އެއީ ގައުމަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ބަޔަކު ހިމާޔަތް ކުރާ ސިޔާސަތެކެވެ.

އޭގެ ސަބަބުން ސަރުކާރުގެ ދާއިމީ ބަޖެޓެއް ފާސް ނުކުރެވުނު ނަމަވެސް އިއްޔެގެ ވަގުތީ ބަޖެޓު ފާސް ކުރީ އިމިގްރޭޝަނާ ބެހޭ ގޮތުން އިތުރަށް ބަހުސް ކުރަން ރިޕަބްލިކަން ޕާޓީގެ މެމްބަރުން އެއްބަސްވުމުންނެވެ.

އެމެރިކާގެ ސަރުކާރުގެ ބަޖެޓު ފާސް ނުކުރެވި ސަރުކާރު ހުއްޓުމަކަށް އައުމާ ގުޅިގެން ފާއިތުވި ތިން ދުވަހު އެތައް ހާސް މުވައްޒަފުންނަށް ވަނީ ގޭގައި މަޑު ކުރަން ޖެހިފައެވެ.

ނަވާރަ ސަތޭކަ ނުވަދިހައިގެ ފަހުން އެމެރިކާގެ ސަރުކާރު ވަނީ ތިން ފަހަރަކު ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން 2013 ވަނަ އަހަރު އެމެރިކާގެ ސަރުކާރު 16 ދުވަސް ވަންދެން ބަންދުކުރި އިރު، 800،000 އެއްހާ ސަރުކާރު މުވައްޒަފުން ދުވަސްކޮޅަކަށް ގޭގައި މަޑުކުރުމަށް އެންގިއެވެ. (ބީބީސީ)

comment ކޮމެންޓް