ސްޓޮކް އެކްސްޗޭންޖަށް 10 އަހަރު، ކާމިޔާބީތަކާއެކު އަދިވެސް ކުރިއަށް

ސެންޓްރަލް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮންފަރެންސް 2017 ގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ އައުޝަން ލައތީފް (މ) ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެމްއެސްޑީ

ރާއްޖޭގެ ހިއްސާގެ ބާޒާރު ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގާތާ މިއަދަށް 10 އަހަރުވީއެވެ. ފާއިތުވި ކުރު މާޒީގައި ސްޓޮކް އެކްޗޭންޖުން ވަނީ ކުރިއެރުންތައް ހޯދައިފައެވެ. ބައިނަލްއަގުވާމީ ހިއްސާގެ ބާޒާރުތަކާ އެއް ހަމައެއްގައި ފައިހަމަ ކުރުމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން އަދިވެސް ހިތްވަރާއެކު ދަނީ ކުރިއަށެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގެ ތާރީޚް

ރާއްޖޭގައި ފުރަތަމަ ސްޓޮކް އެކްސްޗޭންޖެއް ނުވަތަ ހިއްސާގެ ބާޒާރު ހިންގަމުން އައީ އެމްއެމްއޭގެ ދަށުން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިންނެވެ. 2008 ވަނަ އަހަރު މޯލްޑިވްސް ސެކިއުރިޓީ އެކްޓުގެ ދަށުން ޕްރައިވެޓް ސެކްޓާ އެކްސްޗޭންޖުގެ ލައިސެންސް ލިބުނެވެ. 2008 ޖެނުއަރީ 24 ވަނަ ދުވަހުން ފެށިގެން ސްޓޮކް އެކްސްޗޭންޖު ހިންގަަމުން އަންނަނީ ސްޓޮކް އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑުގެ ދަށުންނެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭރުގެ ސީއީއޯ ހަސަން މަނިކު (މ) އަދި ހެޑް އޮފް ސްޓޮކް އެކްސްޗޭންޖް އޮޕަރޭޝަންސް ފާތިމަތު ލަމްހާ (ކ) --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ކުރަނީ ކޮން މަސައްކަތެއް؟

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ މައިގަނޑު މަސައްކަތަކީ ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށް، އެކުންފުނިތަކުގެ ކެޕިޓަލް ރެއިޒް ކުރުމަށް އެހީވެދިނުމެވެ. މާކެޓްގެ އަގުތައް އާންމުކޮށް ހިއްސާ ގަނެވިއްކުމުގެ މުއާމަލާތް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ސްޓޮކް އެކްސްޗޭންޖުން މަސައްކަތް ކުރެއެވެ.

ސްޓޮކް އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ދެ ކުންފުންޏެއް ހިންގައެވެ. އެއީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރުމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު އަދި ސެކިއުރިޓީސް ޑިޕޮސްޓްރީ އެވެ.

މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސްޓްރީ އަކީ ސްޓޮކް އެކްސްޗޭންޖުގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެއީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ހިނގާ ހުރިހާ މުއާމަލާތެއްގެ ސެޓްލްމެންޓް ހިނގާތަންވެސް މެއެވެ. އެގޮތުން ހިއްސާ ވިއްކާ މީހާއަށް ހިއްސާގެ ލާރި ދިނުމާއި ހިއްސާ ގަންނަ މީހާއަށް ހިއްސާ ދިނުމަކީ ސެކިއުރިޓީ ޑިޕޮސިޓްރީގެ މަސައްކަތެކެވެ.

ސްޓޮކް އެކްސްޗޭންޖުގެ ހެޑް އޮފް އޮޕަރޭޝަންސް މުޖުތަބާ މޫސާ "ސަން"އަށް އިންޓަވިއުއެއް ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސްޓޮކް އެކްސްޗޭންޖުގައި ހިއްސާގެ މުއާމަލާތް ހިނގާ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޮކް އެކްސްޗޭންޖުގެ ހެޑް އޮފް އޮޕަރޭޝަންސް މުޖުތަބާ މޫސާ ވިދާޅުވީ ކުންފުންޏަކުން އަލަށް ހިއްސާ ވިއްކާނަމަ އެންމެ ފުރަތަމަ އާންމުންނަށް ހިއްސާ ވިއްކާނީ ކަމަށެވެ. އެ ހިއްސާ ގަންނަ ފަރާތަކުން އެހެން ފަރާތަކަށް ހިއްސާ ވިއްކާލަން ގަސްދުކުރާނަމަ އެ މުއާމަލާތް ކުރަންޖެހޭނީ ހިއްސާގެ ބާޒާރުގައި ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

"ހިއްސާގެ ބާޒާރަކީ ކުންފުނިތަކުގެ ހިއްސާ ސެކަންޑްރީ މާކެޓުގައި ވިއްކާތަން، ހިއްސާއެއް ވިއްކާނަމަ އެންމެ ފުރަތަމަ މިޖެހެނީ ސެކިއުރިޓީސް ޑިޕޮސިޓްގައި އެކައުންޓެއް ހުޅުވަން. ދެންް ޑީލަރެއް ނޫނީ ބްރޯކަރެއްގައި ރަޖިސްޓްރީވެލަން. އޭގެ ފަހުން ހިއްސާ ގަނެ ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދެވޭނެ. ކުރީގަ ގަނެފައި ހުރި ހިއްސާ ވިއްކާނަމަ އެކައުންޓަށް ހިއްސާ ޖަމާކުރާ ފޯމު މެދުވެރިކޮށް ހިއްސާ ވިއްކޭނެ،" އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ އައުޝަން ލަތީފް ---

މުޖުތަބާ ވިދާޅުވީ، ރާއްޖޭގައި މިވަގުތު ސްޓޮކް ބްރޯކަރުންގެ ގޮތުގައި ދެ ކުންފުންޏެއް ހަރަކާތްތެރިވާ ކަމަށެވެ. އެއީ ސްޓޮކް ބްރޯކާސް މޯލްޑިވްސް އަދި އާރިޔާ ސެކިއުރިޓީސް އެވެ.

ހިއްސާއެއް ބާޒާރުގައި ވިއްކައިލުމަށްފަހު ހިއްސާދާރަށް ލިބެންޖެހޭ އަގު ލިބޭނެ ކަމަށާއި ހިއްސާ ގަންނަ އިރު އިސްކަން ދެނީ އެންމެ ބޮޑު އަގަށް ކަމަށާއި ވިއްކާއިރު އިސްކަން ދެނީ އެންމެ ކުޑަ އަގަށް ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރު ފެށިގެން އައި އިރު ރަޖިސްޓްރީކޮށްފައިވަނީ ހަތަރު ކުންފުނި ނަމަވެސް މި އަދަދު މިހާރު ވަނީ ނުވަޔަކަށް އަރައިފައެވެ. ހިއްސާގެ ބާޒާރުގައި ގިނަ ކުންފުނިތައް ރަޖިސްޓްރީކުރުމަށް ބާރުއަޅާކަމަށް މުޖުތަބާ ވިދާޅުވިއެވެ.

"ބައެއް ކުންފުނިތަކުން ޑެޓް ސެކިއުރިޓީވެސް އިޝޫކޮށްފަވޭ. އޭގެ އިތުރުން އިސްލާމިކް ސެކިއުރިޓީގެ ގޮތުގައި ސުކޫކުވެސް ވިއްކާފައިވޭ. ކުރިއާ އަޅާބަލާއިރު ގިނަ އިސްޓްރޫމެންޓް އައިސްފައިވޭ. މާކެޓް ކުރިއަރައިދާނީ އަދިވެސް އިތުރު ސެކިއުރިޓީތަކެއް ލިސްޓު ކުރެވިގެން."

މުޖުތަބާ ވިދާޅުވީ އަލަށް ހިއްސާ ވިއްކަން ފެށި ދުވަހާ އަޅާބަލާއިރު ހިއްސާގެ އަގުތައް މައްޗަށް ގޮސްފައިވާ ކަމަށެވެ. މިއީ ހިއްސާ ގަނެވިއްކާ މީހުންނަށް ލިބުނު ފައިދާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޓެކްނޮލަޖީ އާއެކު ސްޓޮކް އެކްސްޗޭންޖަށްވެސް ބޮޑު ބަދަލެއް

ސްޓޮކް އެކްސްޗޭންޖުގެ ހުރިހާ ކަމެއްވެސް އޮންލައިންކޮށް ކުރެވޭނެ ގޮތަކަށް ހަމަޖެއްސުމަށް ސްޓޮކް އެކްސްޗޭންޖުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން "އިންފިނިޓީ"ގެ ނަމުގައި ޕޯޓަލްއެއް ޑިވެލޮޕް ކޮށްފައިވެއެވެ. މިއީ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ހިއްސާ ގަނެވިއްކުމުގެ ކަންތައް އޮންލައިން ކޮށް ކުރިއަށްގެންދެވޭނެ ޕްލެޓްފޯމެކެވެ.

ހިއްސާގެ ބާޒާރުގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން، އެމްއެސްޑީން ތައްޔާރުކުރި ސެލްފް ސަރވިސް އޮންލައިން ޕޯޓަލް 'އިންފިނިޓީ' އަކީ ޔާމީން ރަޝީދުގެ ވަރަށް ބޮޑޫ އެހީތެރިކަމަކާއެކު ފަރުމާކޮށްފައިވާ ޕޯޓަލެއް --

"މިހާރު އިން ވެބްސައިޓް އިތުރަށް ޑިވެލޮޕްކުރުމަށް މިދަނީ މަސައްކަތް ކުރަމުން. އެމަސައްކަތާއެކު އިތުރު މައުލޫމާތު ލިބިގެންދާނެ ހިއްސާގެ ބާޒާރާ ގުޅޭ،" ސްޓޮކް އެކްސްޗޭންޖުގައި މުއާމަލާތް ކުރުމުގެ ފުރުސަތު ކޮންމެ ދިވެއްސަކަށްވެެސް އެބަ އޮތްކަން އޭނާ ފާހަގަ ކުރަށްވަމުން މުޖުތަބާ ވިދާޅުވިއެވެ.

މާކެޓް ކެޕިޓަލައިޒޭޝަން ގޮތުގައި 15 ބިލިއަން

ކުންފުނިތަކުގެ އަސްލު އަގު ނުވަތަ މާކެޓް ކެޕިލައިޒޭޝަންގެ ގޮތުގައި ފާއިތުވި 10 އަހަރު 15 ބިލިއަން ރުފިޔާ ކުންފުނިތަކަށް ލިބިފައިވެއެވެ. ހިއްސާ ގަނެ ވިއްކުމުގެ މުއާމަލާތްތަކާއެކު ކުންފުނިތަކަށް ބިލިއަނެއްހައި ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން ހިއްސާ ގަނެވިއްކުމުގެ މުއާމަލާތްކުރާ 30،000 އަށްވުރެ ޑިޕޮސްޓްރީ އެކައުންޓް ހުޅުވާފައިވާއިރު ފާއިތުވި 10 އަހަރު ތެރޭ 30،000 އަށް ވުރެ ގިނަ މީހުން ހިއްސާގެ މުއާމަލާތް ކޮށްފައިވާކަމަށް ސްޓޮކް އެކްސްޗޭންޖުގެ ތަފާސް ހިސާބުތައް ދައްކައެވެ.

އަދި އޮތީ ޅަފަަތުގައި، ކުރިއަރާނެ

ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކާ އަލާބަލާއިރު ރާއްޖޭގެ ހިއްސާގެ ބާޒާރަކީ ވަރަށް ޅަ ބާޒާރެކެވެ. މިއީ ގައުމެއްގެ އިގްތިސާދުގައި މުހިއްމު ރޯލެއް އަދާކުރާ މުއައްސަސާއަކަށް ވާާއިރު ބޮޑެތި ގައުމުތަކާ އެއް ހަމައަކަށް ރާއްޖެއަށް ދެވިދާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

"ހިއްސާ ގަނެވިއްކުމުގަ ޕަބްލިކް ޕާޓިސިޕޭޝަން ރަނގަޅު. އެކަމަކު އަދި ބޭނުންވާ ލެވެލް އަކަށް ނުދޭ. ގައުމު ކުރިއަރާ ވަރަކަށް ސްޓޮކް އެކްސްޗޭންޖުގައި މުއާމަލާތް ކުރާ ވަރު އިތުރުވާނެ ކަމަށް ބެލެވެނީ. ރާއްޖޭގެ ޕޮޕިއުލޭޝަން އަކީ ވަރަށް ޔަންގް ޕޮޕިއުލޭޝަނެއް. ކިޔަވައިގެން ނިކުންނަ ކުދިން އިންވެސްޓްކޮށް ފައިދާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ގަބޫލު ކުރެވެނީ."

ހިއްސާގެ ބާޒާރަކީ ހިއްސާ ގަނެ އިންވެސްޓް ކުރާ ފަރާތްތަކަށް ރަނގަޅު ބަދަލެއް ލިބޭނެ މުއާމަލާތެކެވެ. އެގޮތުން އެވްރެޖް ރިޓާން އެއްގެ ގޮތުގައި އިންވެސްޓްކުރި މިންވަރުގެ 10 ނޫނީ ހަތް ޕަސެންޓް ލިބޭނެއެވެ.

ހިއްސާގެ ބާޒާރު ކުރިއަރުވަން ކުންފުނިތަކުގެ ހިއްސާ ދާރުންނާއި އާންމުން މަސައްކަތް ކުރަންޖެހެއެވެ. ހިއްސާ ގަނެ ވިއްކުމަކީ ގެއްލިގެން ނުދާނެ އިންވެސްޓްމެންޓެކެވެ.

comment ކޮމެންޓް