ޖޯޖް ވޭއާހް ލައިބީރިއާގެ ރައީސްކަމުގެ ހުވާކުރައްވައިފި

ޖޯޖް ވެއާހް ލައިބީރިއާގެ ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ރޮއިޓާސް

މޮންރޯވިއާ (22 ޖެނުއަރީ): ކުރީގެ މަޝްހޫރު ފުޓުބޯޅަތަރި ޖޯޖް ވެއާހް ލައިބީރިއާގެ ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.

ލައިބީރިއާގެ ސެމުއަލް ޑޯ ސްޓޭޑިއަމްގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި ވަނީ އެތައް ހާސް ރައްޔިތުންނެއް ބައިވެރިވެފައެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ޖޯޖް ވިދާޅުވީ މިއީ އެމަނިކުފާނުގެ ހަޔާތުގައިވެސް ވަރަށް މުހިންމު ދުވަހެއް ކަމަށެވެ.

"އަޅުގަނޑުގެ ހަޔާތުގެ ގިނަ އަހަރުތައް ސްޓޭޑިއަމްގައި ހޭދަކުރިން. ނަމަވެސް މީގެ ކުރިން މިފަދަ އިހުސާސްތަކެއް ނުކުރެވޭ،" ޖޯޖް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޖޯޖް ވަނީ އޭނާގެ ކުރިން ވެރިކަން ކުރެއްވި އެލެން ޖޯންސަން ސާލީގް އެގައުމުގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނެސް ގައުމަށް ހަމަޖެހުން ގެެނެސްދެއްވައިވާތީ އޭނާއަށް ޝުކުރު ދަންނަވައިފައެވެ.

ޖޯޖް ވޭއާހްއަކީ ޔޫރަޕުގެ ބޮޑެތި ލީގުތަކުގެ ކްލަބުތަކުގައި ކުޅުއްވި ބޭފުޅެކެވެ. 1992 އިން 1995 އަށް ފްރާންސްގެ ޕީއެސްޖީއަށް އޭނާ ކުޅުއްވި އިރު، 1995 އިން 1999 ވަނަ އަހަރަށް އޭނާ ކުޅުއްވީ އިޓަލީގެ އޭސީ މިލާނަށެވެ. އެއަށްފަހު އިނގިރޭސިިވިލާތުގެ ޗެލްސީއާއި މެންޗެސްޓަރ ސިޓީއަށާއި ފްރާންސްގެ މާސޭއަށްވެސް އޭނާ ކުޅުއްވިއެވެ.

ޖޯޖް ވޭއާހްއަށް 1989، 1994 އަދި 1995 ވަނަ އަހަރު އެފްރިކާ ބައްރުގެ ފުޓްބޯލާ އޮފް ދަ އިޔާ އެވޯޑު ލިބިފައިވެއެވެ. އަދި ފީފާއިން ދޭ ފުޓްބޯލާ އޮފް ދަ އިޔާއާއި ބެލޮންޑޯ އެވޯޑު، 1995 ވަނަ އަހަރު އޭނާއަށް ލިބިފައިވެއެވެ.

ޖޯޖް ވޭއާހްގެ ދުވުމުގެ ސްޕީޑާއި، ބޯޅަ ޑްރިބްލް ކުރުމުގެ ހުނަރާއި ގޯލް ޖެހުމުގެ މޮޅުކަމަށް ތައުރީފުކޮށް، ފީފާއިން އޭނާ ސިފަކުރީ ހުރިހާ ކަމަކަށް މޮޅު ސްޓްރައިކަރެއްގެ ގޮތުގައެވެ.

މަސްދަރު: ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް