އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް -- ސަން ފައިލް ފޮޓޯ

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނު (އެންއައިސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަނެއްކާވެސް ހުޅުވާލައިފިއެވެ.

އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި ޔޫސުފް މާނިއު ވަނީ އެމަގާމުން ނޮވެމްބަރު މަހު ވަކިކޮށްފައެވެ.

މިއީ އެމަގާމަށް ކުރިމަތި ލުމަށް ފުރުސަތު ހުޅުވާލި ތިން ވަނަ ފަހަރެވެ. މީގެ މަސްދުވަސް ކުރިން އެ މަގާމަށް ކުރިމަތިލުމަށް ކުރި އިއުލާން ވަނީ ބާތިލްކޮށްފައެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެންއައިސީގެ މެންބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން އެ ކޮމިޝަންގެ މެމްބަރު ކަމަށް އެދޭ ފަރާތްތަކުގެ 11 ޝަރުތެއް ހަމަވާން ޖެހެއެވެ. އޭގެ ތެރޭގައި 30 އަހަރު ފުރި ބުއްދި ހަމައަށް ހުރި މުސްލިމު ދިވެެއްސަކަށް ވުމުގެ އިތުރަށް ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވުމާ އެކު، ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި މީހަކަށް ވާން ޖެހެއެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމުގެ އިތުރަށް، ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ މުވައްޒަފަކަށް ވެގެން ނުވާނެ ކަމަށާއި، އެފަދަ އިދާރާއެއްގެ މުވައްޒަފެއްގެ ގާތް ތިމާވެ މީހަކަށް ވެގެން ނުވާނެ ކަމަށްވެސް ޝަރުތުތަކުގައި ވެއެވެ.

އޭގެ އިތުރުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައި ވެގެން ނުވާނެއެވެ. އަދި އެމީހަކީ ކޮމެޓީގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަައް އަދާކުރެވޭ ފަދަ ގާބިލު މީހަކަށް ވާންޖެހޭ އިރު، ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަނުކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ވެގެން ނުވާނެއެވެ. އަދި އެހެން އެއްވެސް މަގާމެއް އަދާކޮށްގެން ނުވާނެކަމަށްވެސް ޝަތުރުތަކުގައި ހިމެނެއެވެ.

އެ ކޮމިޝަންގެ މެމްބަރުކަމަށް އެެދޭ ފޯމާއި އިގްރާރު ހުށަހަޅާ އިރު، ކުށުގެ ރެކޯޑް ސާފުކޮށްފައިވާ ފޯމުގެ އިތުރުން ދަރަނީގެ ރެކޯޑު ފޯމު ވެސް ހުށަހަޅަން ޖެހޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ގާނޫނު ބުނާ ގޮތުން އެ ކޮމިޝަންގައި ތިއްބަވާނީ ފަސް މެމްބަރުންނެވެ.

ނޭޝަނަލް އިންޓަގްރީ ކޮމިޝަނުގެ ގާނޫނަކީ ފުލުހުންގެ މުއައްސަސާ، އިމިގްރޭޝަން، ކަރެކްޝަނަލް ސާވިސް އަދި ކަސްޓަމްސްގެ މައްޗަށް ހިނގާ ގާނޫނެކެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެއެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެއެވެ.

comment ކޮމެންޓް