ޔުނިވަސިޓީއާ ގުޅޭ ދަރިވަރުން މުޖުތަމައުގައި ތަފާތު ދައްކައިދޭނެ: ޑރ. އަލީ ފަވާޒު

ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފް-- ފޮޓޯ: އެމްއެންޔޫ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއާ ގުޅޭ ދަރިވަރުންނަކީ މުޖުތަމައުގެ އެކި ކަންކަމުގައި ތަފާތު ދައްކުވައިދޭނެ ދަރިވަރުންތަކެއް ކަމަށް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ދިރާސީ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ފެށުމުގެ ކުރިން، ދަރިވަރުން ޔުނިވާސިޓީގެ ގަވާއިދުތަކާއި އުސޫލުތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިޔަށް ގެންދާ "އޮރިއެންޓޭޝަން ހަފްތާ" އިއްޔެ ވަނީ ފަށާފައެވެ.

މި އަހަރުގެ ދިރާސީ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ފެށުމުގެ ކުރިން ގައުމީ ޔުނިވާސިޓީން އިއްޔެ ބޭއްވި އޮރިއެންޓޭޝަން ސެޝަންގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫ

އިއްޔެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މިސެޝަންތަކުގެ އިތުރުން ޔުނިވާސިޓީއާ އަލަށް ގުޅުނު ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން އެ ދަރިވަރަކު ކިޔަވާ ފެކަލްޓީން ވެސް އޮރިއެންޓޭޝަން ޕްރޮގްރާމުތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ދެ ދަންފަޅިއަށް ބަހާލައިގެން އިއްޔެ ޔުނިވާސިޓީގެ މަރުކަޒީ އިދާރާގެ އޮޑިޓޯރިއަމްގައި ކުރިއަށްގެންދިޔަ އާންމު އޮރިއެންޓޭޝަން ސެޝަންގައި، ދަރިވަރުންނަށް މަރުހަބާ ވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި، ޔުނިވަސިޓީގެ ފަލްސަފާގެ ތެރޭގައި ހިމެނޭ އީމާންކަމާއި އިލްމުގެ މުހިއްމުކަމުގެ މައްޗަށް ފަވާޒު ބައްލަވައިލެއްވިއެވެ.

މި އަހަރުގެ ދިރާސީ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ފެށުމުގެ ކުރިން ގައުމީ ޔުނިވާސިޓީން އިއްޔެ ބޭއްވި އޮރިއެންޓޭޝަން ސެޝަންގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫ

"ހުރިހާ ދަރިވަރުންނަކީވެސް ތެދުވެރި، އިހްލާސްތެރި ދަރިވަރުންނަށް ވާނެ ކަމަށް އުންމީދުކުރަން. އަދި ޔުނިވަސިޓީން ކަނޑައަޅާފައިވާ ގަވާއިދުތަކަށާއި އުސޫލުތަކާ އެއްގޮތަށް ހުރިހާ ދަރިވަރުންގެ އަމަލުތައް ބެހެއްޓުމަށް ގޮވާލަން." ފަވާޒު ވިދާޅުވިއެވެ.

އިއްޔެގެ އޮރިއެންޓޭޝަން ސެޝަންގެ ތެރޭގައި އެކަޑަމިކް ކަންކަމުގެ މައުލޫމާތާއި ދަރިވަރުންނަށް ދެވޭ ތަފާތު ހިދުމަތްތަކުގެ މައުލޫމާތާއި އިމްތިހާނުތަކުގެ މައުލޫމާތުގެ އިތުރުން ލައިބްރަރީއާ ބެހޭ މުހިންމު މައުލޫމާތުތައްވެސް ދަރިވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން ޔުނިވަސިޓިގެ ދަރިވަރުންގެ ޔޫނިއަނުން ކުރިއަށްގެންދާ ތަފާތު ކަންކަމާ ބެހޭ މައުލޫމާތުވެސް އިއްޔެ ސެޝަންގައި ވަނީ ހިއްސާކޮށްފައެވެ.

މި އަހަރުގެ ދިރާސީ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ފެށުމުގެ ކުރިން ގައުމީ ޔުނިވާސިޓީން އިއްޔެ ބޭއްވި އޮރިއެންޓޭޝަން ސެޝަންގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫ

ގައުމީ ޔުނިވަރސިޓީގެ ކޯސްތަކުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިހާރު އެކި ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއެކު ގާތްގަނޑަކަށް 9،000 ދަރިވަރުން އެކި ކޯސްތަކަށް ކިޔަވަމުން ގެންދާނެއެވެ. މީގެ އިތުރުން މިއަހަރު އޯލެވެލް ނަތީޖާ ލިބުނު ފަރާތްތަކަށް އަމާޒުކޮށްގެން ޔުނިވަސިޓީގެ ކޯސްތަކުން ޖާގަ ދިނުމުގެ ހާއްސަ ހަރަކާތެއް އިއްޔެ ވަނީ ހިންގާފައެވެ.

comment ކޮމެންޓް