ރަޖިސްޓްރީ ނުވެ ކުނިއުކާ މީހުންގެ އަތުން އަންނަ މަހުން ފެށިގެން ފީ ނަގަނީ

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މާލެ ސަރަހައްދުގެ ކުނި މެނޭޖު ކުރުމާ ވެމްކޯ އިން ހަވާލުވެ، އެ މަސައްކަތަށް ވަނީ ބޮޑެތި ބަދަލުތައް ގެނެސްފައެވެ. ކުނި ކަލެކްޓް ކުރުމުން ފެށިގެންް ކުނިކޮއްޓާ ހަމައަށް ކުނި ގެންދިއުމުގައި އަމަލު ކުރަން ޖެހޭ ގޮތްތަކަށް އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީންވެސް ވަނީ އެދެވޭ ބޮޑެތި ބަދަލުތައް ގެނެސްފައެވެ.

ކުނި އުކުމަށް ވެމްކޯ ގައި ރަޖިސްޓްރީ ކުރުމަށް ވަނަ އަހަރު ޑިސެމްބަރު މަހު ވަނީ ފުރުސަތު ހުޅުވާލައިފައެވެ. ގޭބީސީތަކާއި ވިޔަފާރިތަކުންވެސް ވެމްކޯ އިން ކުނި އުކައިދެއެވެ. އަދި އަމިއްލައަށް ކުނި އުކާލުމަށް ބޭނުންވާ ފަރާތްތަކަށްވެސް ރަޖިސްޓްރީ ކޮށްގެން އެ ފުރުސަތު ހުޅުވާލާފައިވެއެވެ.

ވެމްކޯގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު އެންވާރަމަންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ރަޖިސްޓްރީ ނުކޮށް ކުނިއުކާލާ މީހުން މިހާރުވެސް އެބަތިބި ކަމަށެވެ.

ނަމަވެސް އަންނަ މަހުން ފެށިގެން އެފަރާތްތަކަށް ކުނި އުކާލެވޭނީ 30 ރުފިޔާގެ ގޭޓު ފީއެއް ދެއްކުމަށްފަހު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވެމްކޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ކުނި އުކައިލުމަށް 17،600 ގޭބީސީއިން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. 1،700 ވިޔަފާރިއަކުން އަދި ހާހެއްހައި އަމިއްލަ ފަރާތުންވެސް ވެމްކޯގައި ރަޖިސްޓްރީކޮށްފައިވާކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

މީގެ ތެރެއިން އަމިއްލައަށް ކުނިއުކުމަށް ރަޖިސްޓްރީ ކޮށްފައިވާ 1،000 މީހުންގެ ތެރެއިން އެފަރާތްތަކަށް ވެމްކޯއިން ދޫކުރާ ކުނި އުކާ މީހުންގެ ކާޑު ގެންގޮސްފައިވަނީ 700 އެއްހައި މީހުންނެވެ. ނަމަވެސް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމިއްލައަށް ކުނިއުކާ މީހުންނަށް ކުނި އުކައިލެވޭނީ ކާޑު ދެއްކުމަށްފަހު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު މިއަދުގެ ޕްރެސް ކޮންފަރެންސް ގައި ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

"އަމިއްލައަށް ކުނި އުކާ މީހުންގެ ކުނި އުކާލަން ރަޖިސްޓްރީ ކޮށްފައިވާ ކާޑު އަންނަ މަހުން ފެށިގެން ކުނިއުކަން ދާއިރު ގެންދަންވާނެ. ކުނި އުކަން ރަޖިސްޓްރީ ކޮށްފައި ނުވާ މީހުންގެ އަތުން ފީއެއް ނަގަން ފަށާނެ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގަވައިދާ ހިލާފަށް، ކުނި އުކަލާ ސަރަހައްދަށް ގާޑިޔާތަކާއި ކުނި ލޮރީތައް މިހާރުވެސް ވަންނަމުންދާ ކަމަށެވެ. "ފެބުރުއަރީ އެކަކުން ފެށިގެން އެފަދަ އެއްޗެހިވެސް ހިފަހައްޓައި، އަދި އެކުރަންޖެހޭ ޖޫރިމަނާކޮށް ފިޔަވަޅު އަޅާނެ،" މިނިސްޓަރު ވިދާޅުވީ އެގޮތަށް ދާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހާއި ހަމައަށް ކަންތައް ރަނގަޅު ކުރުމަށްް ހަނދާންކޮށްދޭނެ ކަމަށެވެ.

ބައިސްކަލުގައި ކުނި އުފުލަން ވާނީ ބައިސްކަލުގެ ފަހަތުގައި ކުނިއަޅާނެ ފޮށިގަނޑެއް ހަރުކޮށް، ކުނީގައި ހުރި ވަހާއި، ކުނި މާހައުލަށް ނުފެތުރޭނެގޮތަށް ބަންދުކޮށްގެން ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

ވެމްކޯގައި މިހާރު 950 މުވައްޒަފުން މަސައްކަތް ކުރާ ކަމަށާއި މާލެ ތެރޭގައި ކުނި ގިނަވެ، މަގުތައް ހަޑި ކުރާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު ވިދާޅުވީ މުޅި ރާއްޖެއިން 27،000 ކަސްޓަމަރުންނަށް މިހާރު ހިދުމަތް ދޭ ކަމަށެވެ. އެގޮތުން 22 ގޭބީސީ، 1،446 ވިޔަފާރިއަށް ހިދުމަތް ދޭ ކަމަށާއި އަމިއްލަ އަށް ކުނިއުކާލުމަށް މުޅި ރާއްޖެއިން 3،606 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

"ކުރިން ބައިސްކަލުތަކުގައި ކުނި އުކުމަށް އެވްރެޖްކޮށް 1،600 ބައިސިކަލް އާދޭ. މިހާރު މި އަދަދު 30 ބައިސްކަލަށް ވަނީ މަދު ކުރެވިފައި،" ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ ވެމްކޯއިން ކުނި އުކާލުމުގެ މަސައްކަތް ފެށިތާ ކުރީކޮޅު ދުވާލަކު 2،000 އެއްހައި ޝަކުވާ ލިބޭ ކަމަށެވެ. ނަމަވެސް މިހާރު މިއަދަދު 50 އާއި 100 އާ ދެމެދުގެ މިންވަރަކަށް މަދުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ކުނި އުކައި ނުލާތީ ލިބޭ ޝަކުވާތަކުގެ ތެރެއިން މެންދުރު 12 ކުރިން ލިބޭ ޝަކުވާތަކަށް އެޑްރެސްކޮށް އެކެއްގެ ކުރިން ކުނި އުކާލާނެ،" ޝިފާއު ވިދާޅުވިއެވެ.

comment ކޮމެންޓް