ވަކި ގައުމެއްގެ އިންވެސްޓްމެންޓާ ދެކޮޅެއް ނޫން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ސަން ފައިލް ފޮޓޯ

ވަކި ގައުމަކާ، އަދި ވަކި ގައުމެއްގެ ފޮރިން އިންވެސްޓްމެންޓް ރާއްޖެއަށް ގެނައުމާ ދެކޮޅު ނޫން ކަމަށާއި، އެހެން ނަމަވެސް އިންވެސްޓްމެންޓުގެ ނަމުގައި ދިވެހިރާއްޖޭގެ އިސްތިގުލާލު ގުރުބާން ކުރުމާ ދެކޮޅު ހައްދަވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ބައެއް ގައުމުތަކުން ރާއްޖޭގެ ބިންތައް ގިނަ އަދަދަކަށް ގަންނަމުން ދާ ކަމަށެވެ. މިކަމަށް އެމަނިކުފާނު ބޭނުންކުރެއްވި ބަހަކީ "ލޭންޑް ގްރޭބް"އެވެ. "ލޭންޑް ގްރޭބް"ގެ މާނައަކީ ބޮޑެތި އަދަދުތަކުން ބިން ގަތުން ނުވަތަ ކުއްޔަށް ނެގުމެވެ.

ސްރީލަންކާގެ ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ބިން ގަތުމަށް މަގުފަހިވާ ތިން ވަސީލަތެއް އެބަ އޮތް ކަމަށެވެ. އެއީ ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރިމެންޓާއި، ސްޕެޝަލް އިކޮނޮމިކް ޒޯންސްގެ ގާނޫނުގެ އިތުރުން ބޭރުގެ ފަރާތްތަކަށް ބިން ގަނެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖެ މިވަގުތު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި. އެއީ މިއަދުގެ ސަރުކާރު ހުރީ 'ލޭންޑް ގްރޭބް'އަށް މަގުފަހިކޮށްދޭން ތައްޔާރަށް ކަމަށް ވުމުން،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާތަނަށް ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބައެއް ރަށްރަށާއި ފަޅުތައް ވިއްކާފައިވާ އިރު، އެ އެކަމުގެ ޕްރޮސެސްއަކީ ދެފުށް ފެންނަ ކަންކަން ނޫން ކަމަށެވެ.

"މިއީ ދެފުށް ފެންނަ އެގްރިމެންޓުތަކެއް ނޫން. ރަނގަޅު ޓެންޑަރ ނިޒާމެއްގެ ތެރެއިންނެއް ނޫން އެކަންކަން ދިޔައީ. މިކަމާ ބެހޭ އަދަދުތައް އަޅުގަނޑުމެން ހޯދަން ޖެހޭ،" ޓެރަރިޒަމްގެ ކުށް ސާބިތުވެ،13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ފަހު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން އެގައުމުގައި ދިރިއުޅުއްވާ ރާއްޖޭގެ ކުރީގެ ރައީސް ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ބޭރު ފަރާތްތަކަށް ބިން ގަނެވުމަކީ އިސްތިއުމާރީ ބާރުތައް އިޔާދަކުރުން ކަމަށެވެ.

"އަޅުގަނޑުމެން އަނެއްކާވެސް އިންޑިއާ ކަނޑުގައި ގައުމުތަކުގެ މެދުގައި ފިތިގެން ދާނީ. މިއީ ދައްކަން އުނދަގޫ ވާހަކައެއް. ނަމަވެސް މިއީ ދައްކަންޖެހޭ ވާހަކައެއް. އަޅުގަނޑު ދެކޭ ގޮތުގައި މިއީ އަޅުވެތިކަމާއި އިސްތިއުމާރު. ފޮރިން އިންވެސްޓްމެންޓާ ދެކޮޅެއް ނުހަދަން. އެހެން ނަމަވެސް އިސްތިގުލާލު ވިއްކާލުމާ ދެކޮޅު ހަދާނަން،" ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް