ތުރުކީން ސީރިއާއަށް އަރައިގަތުމުގެ ކުރިން އެމެރިކާއަށް އެންގި: ޑިފެންސް ސެކެޓްރީ

އެމެރިކާގެ ޑިފެންސް ސެކްރެޓަރި ޖިމް މެޓިސް.ތުރުކީން ސީރިއާގެ އަފްރިންއަށް އަރައިގަތުމުގެ ކުރިން އެމެރިކާއަށް އެންގި ކަމަށް ޖިމް ވިދާޅުވި--ފޮޓޯ: ރޮއިޓާސް

ވޮޝިންގްޓަން (22 ޖެނުއަރީ): ތުރުކީން ސީރިއާގެ އަފްރިންއަށް އަރައިގަތުމުގެ ކުރިން އެމެރިކާއަށް އެންގި ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރި ޖިމް މެޓިސް ވިދާޅުވެއްޖެއެވެ.

ޖިމް ވިދާޅުވީ ހަމަލާތައް ފެށުމުގެ ކުރިން ތުރުކީން އެމެރިކާއާ މަޝްވަރާކުރި ކަމަށެވެ. ނަމަވެސް އެމެރިކާއިން އެ ހަމަލާތައް ހުއްޓުވުމަށް އެއްވެސް ވަރަކަށް ބާރުއެޅި ކަމަކަށް ޖިމް ނުބުނެއެވެ.

އެމެރިކާއިން ސިރިއާގައި ކުރުދީން ހިމަނައިގެން 30،000 މީހުންގެ ބޮޑު ސެކިޔުރިޓީ ފޯސްއެއް ހަދާ މައްސަލައިގައި އެމެރިކާއާ ތުރުކީއާ ދެމެދު ވަނީ ވަރަށް ބޮޑަށް ގުޅުން ގޮސްވެފައެވެ.

"ތުރުކީއަކީ ނޭޓޯގެ މެމްބަރެއް. ނޭޓޯގެ މެމްބަރު ގައުމުތަކުގެ ތެރެއިން ބޯޑަރު ސަރަހައްދުގައި ހަަމަލާތައް ބަދަލުކުރާ ގައުމަކީވެސްް ތުރުކީ އެކަނި. އެހެންވީމާ ތުރުކީން އެކަމާމެދު ކަންބޮޑުވުމަކީ މައްސަލައެއް ނޫން،" ޖިމް ވިދާޅުވިއެެވެ.

ސީރިއާގައި ވަކި ވެރިކަމެއް ކުރުމަށް ހަނގުރާމަކުރަމުންދާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީން ވަނީ ވައިގެ ހަަމަލާތައް ހޮނިހިރު ދުވަހު ދޭން ފަށައިފައެވެ. އަދި އިއްޔެ ވަނީ ސީރިއާގެ އަފްރިންއަށް ތުރުކީން ބަރު ހަތިޔާރާއެކު އަރައިގެންފައެވެ.

ތުރުކީން ސީރިއާއަށް އަރައިގަތް މައްސަލަ ސީރިއާއާއި ރަޝިއާއިން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ހަމަލާތައް ފެށުމާއެކު އަފްރިންގައި ތިބި ރަޝިއާގެ ސިފައިންވެސް އެ ސަރަހައްދުން ވަނީ ބާލައިފައެވެ.

މަސްދަރު: އާރުޓީ

comment ކޮމެންޓް