ޔޫރަޕްގެ ހަތަރު ގައުމަކުން ފަލަސްތީނުގެ ދައުލަތަށް އިއުތިރާފްވަނީ

އަލްގުދްސު

ބެލްޖިޔަމް (ޖަނަވަރީ 22): ޔޫރަޕްގެ ހަތަރު ގައުމަކުން ފަލަސްތީނުގެ ދައުލަތަށް އިއުތިރާފްވުމަށް ތައްޔާރުވަމުން އެބަގެންދެއެވެ. މިހަތަރު ގައުމަކީ ސޮލޮވޭނިޔާ، އަޔަލޭންޑް، ލަކްސަންބާގް އަދި ބެލްޖިޔަމް އެވެ.

މިކަން ހާމަކުރައްވަމުން ސޮލޮވީނިޔާގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ ފަލަސްތީނުން އިއުލާންކޮށްފައިވާ މިނިވަން ދައުލަތަށް އިއުތިރާފްވުމާބެހޭގޮތުން ސޮލޮވީނިޔާގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައިވާ ކަމުގައެވެ. މިމަޝްވަރާތަކުގައި ފަލަސްތީނުގެ ދައުލަތަށް އިޢުތިރާފްވުމަށް ވަޒީރުންގެ ތާއީދު ލިބިފައިވާ ކަމަށާ ނަމަވެސް ސޮލޮވީނިޔާގެ ޕާލަމެންޓްގެ ޚިޔާލު މިކަމުގައި ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ސޮލޮވީނިޔާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ސޮލޮވީނިޔާގެ ގާނޫނު ބުނާގޮތުން އެގައުމުގެ ސަރުކާރަށް އެހެން ދައުލަތެއް ބަލައިގަނެވޭނީ ޕާލަމެންޓްގެ އަޣްލަބިއްޔަތު މެންބަރުންގެ ރުހުން ލިބިގެންނެވެ.

ސޮލޮވީނިޔާގެ ޕާލަމެންޓްގެ ގިނަމެންބަރުންވެސް ފަލަސްތީނުގެ ދައުލަތަށް އިއުތިރާފްވުމަށް ތާއީދު ކުރައްވާ ކަމަށް ޚަބަރުތައް ބުނެއެވެ. އަންނަ ފެބްރުއަރީމަހު ޕާލަމެންޓްގެ ޖަލްސާއެއް ބޭއްވުމަށްފަހު ސޮލޮވީނިޔާއިން ރަސްމީ ސިފައެއްގައި ފަލަސްތީނަށް އިއުތިރާފްވާނެ ކަމަށް އެގައުމުގައި ޝާއިޢުކޮށްފައިވާ ރިޕޯޓްތައް ބުނެއެވެ.

އަޔަލޭންޑްގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެގައުމުގެ ސަރުކާރުން ފަލަސްތީނުގެ ދައުލަތަށް އިއުތިރާފް ވުމަށް މިހާރު ނިންމާފައިވާ ކަމަށާ އެކަން އިސްރާއީލަށްވެސް އަންގާފައިވާނެ ކަމުގައެވެ. އަޔަލޭންޑްގެ ޕާލަމެންޓުން ކުރިން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ތާއީދުކޮށް ގަރާރެއް ފާސްކޮށްފައެވެ. އެހެންކަމުން ކަމާބެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު ފަލަސްތީނުގެ ދައުލަތަށް އިއުތިރާފްވިކަން ވަރަށް އަވަހަށް އަޔަލޭންޑް ސަރުކާރުން އިއުލާން ކުރާނެކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޔޫރަޕްގެ ކުޑަ ގައުމެއްކަމަށްވާ ލަކްސަންބާގުގެ ސަރުކާރުންވެސް ވަނީ ފަލަސްތީނުގެ ދައުލަތަށް އިއުތިރާފްވުމުގެ މައްސަލަ ދިރާސާކުރަމުންދާ ކަމަށް ބުނެފައެވެ. އަނެއްކޮޅުން ޔޫރަޕްގެ އިއްތިޙާދުގެ މައިމަރުކަޒު ހުންނަ ބެލްޖިޔަމުންވެސް ގެންދަނީ ފަލަސްތީނުގެ ދައުލަތަށް އިއުތިރާފްވުމަށް ތައްޔާރުވަމުންނެވެ.

ބެލްޖިޔަމުން ފަލަސްތީނުގެ ދައުލަތަށް އިއުތިރާފްވުމާމެދު ސީރިޔަސްކޮށް ވިސްނަމުން ގެންދާކަން ހާމަކޮށް އިސްރާއީލުންވަނީ ކަންބޮޑުވާކަންވެސް ހާމަކޮށްފައެވެ.

ފަރަންސޭސިވިލާތުން ގެންދަނީ ޔޫރަޕްގެ އިއްތިޙާދުގައި (އިގްތިސާދީ އަދި ސިޔާސީ ކަންކަމުގައި) ދައުލަތެއްގެ ދަރަޖަ ފަލަސްތީނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފަރަންސޭސި ސަރުކާރުން ފަލަސްތީނުގެ ދައުލަތަށް އިޢުތިރާފްވާނީ އެކަމަށް އެކަށޭނަ ވަގުތުގައިކަމަށް ފަރަންސޭސި ރައީސް އެންމެނުއެލް މެކްރޯން ވަނީ ވިދާޅުވެފައެވެ.

ޔޫރަޕްގެ ހުރިހާ ގައުމުތަކަކީވެސް ފަލަސްތީނުގެ ބިމުގެ އެއްބައި ފަލަސްތީނަށް ލިބެންޖެހޭނެކަމާ އަދި އެބިމުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދެން ޖެހޭނެކަމަށް ގަބޫލުކުރާ ގައުމުތަކެވެ. ގުދްސާމެދުވެސް ޔޫރަޕްގެ ގައުމުތަކުން ދެކެނީ ގުދްސުގެ ހުޅަނގު ބަޔަކީ އިސްރާއީލުގެ ވެރިރަށް ކަމަށާ މަސްޖިދުލްއަގްސާ ހުންނަ ގުދްސުގެ އިރުމަތީ ބަޔަކީ ފަލަސްތީނުގެ ދައުލަތުގެ ވެރިރަށް ކަމުގައެވެ. އެހެންކަމުން މުޅި ގުދްސަކީ އިސްރާއީލުގެ ވެރިރަށްކަމަށް އެމެރިކާ ދާދިފަހުން އިއުތިރާފްވި މައްސަލައަށްވެސް ޔޫރަޕްގެ އެއްވެސް ގައުމަކުން ތާއީދުކޮށްފައެއް ނުވެއެވެ.

ނަމަވެސް ޔޫރަޕްގެ ކުދި ބައެއް ގައުމުތަކަކީ ދިފާއީ ކަންކަމާއި އިގްތިސާދީ ކަންކަމުގައި އެމެރިކާއަށް ބަރޯސާވާ ގައުމުތަކެއް ކަމަށްވާތީ އެމެރިކާގެ ބިރު ދެއްކުންތަކާ ގުޅިން ގުދްސުގެ މައްސަލާގައި ޔޫރަޕްގެ މަދު ގައުމުތަކަކުން އދ.ގައި ވަކިކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް