ކެތްތެރިކަމާއި ހިތްވަރާ އެކު ދަރިފުޅު އެންމެ އުހަށް ގެންދިޔަ ނަމޫނާ މަންމަ!

އޯލެވެލްގައި ތަފާތު މޮޅު ނަތީޖާއެއް ހޯދި ރައިޝަން އޭނާގެ މަންމަ އައިމިނަތުއާއި އެކު--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މައިވަންތަކަމުގެ ކުލުނަކީ ދަރިއަކަށް އުންމީދުގެ ހުޅުކޮޅު ރޯކޮށްލަދޭ ދަންމަރެއްކަން ކުރި އަޑު އަހަނީއެވެ. އެއީ ހަގީގަތެއްކަން މިއަދު އައިމިނަތު އިބްރާހިމް ދައްކުވައިދީފިއެވެ. މައިވަންތަކަމުގެ ކުލުނާއި އަޅާލުމަކީ އަދި އެ ހިތްވަރަކީ ނުކުޅެދުންތެރިކަން ހުންނަ މީހަކު ކުޅެދޭ މީހަކަށް ބަދަލުކޮށްލެވިދާނެ ވަރުގެ ބާރެއްކަން އައިންތު ވަނީ މުޅި ދުނިޔެއަށް މިއަދު ސާބިތުކޮށްދީފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދުމަކީ އިއްޔެ އެންމެ ގިނަ ބަޔަކު ހުއްޓާނުލާ ދެއްކި ވާހަކައެވެ. މުހައްމަދު ރައިޝަން ހޯދި އެ ފުރިހަމަ ކާމިޔާބީގެ މޭސްތިރިއަކީ އޭނާގެ މަންމަ އައިންތުއެވެ. އެންމެ ކުޑަ އިރުއްސުރެ ދަރިފުޅު މީހަކަށް ހެދުމަށް އައިންތު ހިތުގައި އޮތް އަޒުމު މިއަދު އޭނާ ކާމިޔާބުކޮށްފިއެވެ. މުޅި ދުނިޔެ ގަބޫލު ކުރާ ކާމިޔާބު ދަރިއަކު އޭނާ މުޖުތަމައަށް ދޫކޮށްދީފިއެވެ.

ރައިޝަންގެ މަންމަ އައިމިނަތު އިބްރާހިމް --- ސަން ފޮޓޯ:މުހައްމަދު އަފްރާހް

ރައިޝަންއަކީ އައިންތު އަދި މުހައްމަދު އަހްމަދަށް ލިބުނު ދެ ދަރިންގެ ތެރެއިން ހަގު ކުއްޖާއެވެ. ރައިޝަން އަކީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުއްޖެއްކަން އޭނާއަށް އެނގުނީ ރައިޝަންގެ އުމުރުން ހަތަރު މަހުގައެވެ. އޭނާ ތަހައްމަލު ކުރަމުންދަނީ ސްޕައިނަލް މަސްކިއުލާ އެޓްރޮޕީ ޓައިޕް ޓޫއެވެ. މިއީ މިހާތަނަށްވެސް ޝިފާއެއް ހޯދިފައިނުވާ ބައްޔެކެވެ.

ދަރިފުޅުގެ ގައިގާ ނުކުޅެދުންތެރިކަމެއް ހުންނަކަން އެނގުނު ހިސާބުން އައިންތު އެކަން ދެކުނީ މާޔޫސްވެ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައެއް ނޫނެވެ. އޭނާ އެކަން ބަލައިގަތީ ޗެލެންޖެއްގެ ގޮތުގައެވެ. އަދި ދަރިފުޅަށް ހަރުދަނާ ތައުލީމެއް ދީ، ކުއްޖާ މީހަކަށް ހަދަން އޭނާ އަޒުމު ކަނޑައެޅިއެވެ.

"އެހާ ހިސާބުން ހިތަށް އެރީ މި ދަރިފުޅުވެސް މީހަކަށް ހަދާނަމޭ. ތައުލީމު އުނގައްނައިދީ މޮޅު ކުއްޖަކަށް ހަދަން މަސައްކަތް ކުރާނަމޭ. އޭނާގައިގައި ހުންނަ ހާއްސަ ގޮތަކީ ފަހަތަށް ޖެހެން ޖެހޭ ސަބަބަކަށް ވިޔަ ނުދޭނަމޭ،" އެންމެ ފުރަތަމަ ދުވަހުން ފަށައިގެންވެސް ރައިޝަންގެ މުސްތަގުބަލާ މެދު އައިންތު ދެކެމުން ދިޔަ ހުވަފެން އޭނާ ކިޔައިދިނެވެ.

އޯލެވެލްގައި ތަފާތު މޮޅު ނަތީޖާއެއް ހޯދި މުހައްމަދު ރައިޝަން--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައިޝަންގެ އެންމެ ފުރަތަމަ މަދަރުސާއަކީ އަމީރު އަހްމަދެވެ. އައިންތު އޭނާގެ ތުއްތު ތުއްތު ރައިޝަން ގިވައިގެން އެ ސްކޫލަށް ދިޔައީ އުންމީދާއި އެކުއެވެ. އޭނާއަށް ފުރަތަމަ ފުރުސަތެއް ދިނީ އެ ސްކޫލުންނެވެ. އޭރު ރައިޝަން ގެންގުޅެނީ އުރައިގެންނެވެ.

"އޭރު ހަމަ ގެންގުޅެނީ އުރައިގެން. ދެން ގެއިން ހައްސަ ގޮނޑިއެއް ގެންގޮސްގެން އޭނަ ބައިންދަނީވެސް."

އައިންތު ބުނީ ރައިޝަން ތަރުބިއްޔަތުކޮށް އޭނާ މީހަކަށް ހެދުމުގައި އެކަށިގެން ވާ ވަސީލަތް ރާއްޖެއިން ނުލިބުމަކީ ގޮންޖެހުމެއް ކަމަށް ދުވަހަކުވެސް ނުދެކޭ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އަމީރު އަހްމަދު ސްކޫލު ނިންމާލުމަށް ފަހު ގްރޭޑް އެކަކަށް ކަލާފާނު ސްކޫލަށް ވެއްދި އިރު އޭނާ އިންނަން ބޭނުން ކުރި ގޮނޑި އަކީވެސް އަމިއްލަ އުފެއްދުމެއް ކަމަށް އޭނާ ކިޔައިދިނެވެ.

ޕޭސްޓުރީ ކޯސް ފުރިހަމަ ކޮށްފައިވަ ކަމުގެ ހަނދާނީ ލިޔުން ރައިޝަން އާ ހަވާލު ކުރަނީ: ސަން ފޮޓޯ/ އާދަމް ނަޒީރު

"ފުރަތަމަ ރިކްޝާއެއް ގައި ވެލްޑިން ކޮށްގެން ގޮނޑިއެއް ހަރުކޮށްފައި އޭގައި ދަރިފުޅު ބޭންދީ. އޭރުވެސް ފެސިލިޓީ ނުލިބުމަކީ ގޮންޖެހުމެއް ކަމަކަށް ނުދެކެން،"

ރައިޝަން ގްރޭޑް އެކަކުން ފެށިގެން ދިހައަކާއި ހަމައަށް އަންނަންދެންވެސް އައިންތުގެ ދެމަފިރިން ވަނީ ބޮޑެތި ގުރުބާނީތަކެއް ވެފައެވެ. ކޮންމެ ގްރޭޑަކަށްވެސް ރައިޝަން ބަދަލުވާއިރު އައިންތު ރައިޝަންގެ ކްލާސް މުދައްރިސުންނާއި ބައްދަލުކޮށް ދަރިފުޅުގެ ހާލަތު ކިޔައިދެއެވެ.

ކަލާފާނު ސްކޫލުން ރައިޝަންއަށް ލިބުނު ހިތްވަރާއި އޭނާ ކުރިއަށް ދިޔުމަށް ދިން އެހީތެރިކަން އައިންތު ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ރައިޝަންއަކީ އަމިއްލައަށް ފޮތް ފަންސޫރު ނުނެގޭ ކުއްޖަކަށްވައިރު އެ ހުރިހާ ކަމެއްވެސް ކޮށްދެނީ އެ ސްކޫލުގެ މުދައްރިސުންނާއި ރައިޝަންގެ އެކުވެރި ދަރިވަރުންނެވެ.

މިއަދު އައިންތު ދަރިފުޅާއި މެދު ފަހުރުވެރިވެއެވެ. ގޮންޖެހުންތަކާ އެކުވެސް ފަސް މާއްދާއިން އޭ ހޯދާއި އިނގިރޭސިން އޭ ސްޓާރ ރައިޝަން ހޯދިއިރު އޭނާ އޯލެވެލްގައި ބައިވެރި ކުރުމަށްވެސް އައިންތު ވަނީ ގުރުބާނީތަކެއް ވެފައެވެ.

މުހައްމަދު ރައިޝަން--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އަޅުގަނޑު ހަމަ ވަރަށް ލިޔުނިން އެގްޒާމް ބާއްވާ މީހުންނަށްވެސް ރައިޝަންއަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް. ސްކޫލުގެވެސް މަސައްކަތާ އެކު އެންމެ ފަހު ވަގުތު އެކަން ހަމަޖެހިގެން ދިޔަ. ވަރަށް އުފާވޭ ރައިޝަން މިހާ ރަނގަޅު ނަތީޖާއެއް ހޯދީމަ،"

ރޭގަނޑުގެ ނިދި ނަގާލާ ރައިޝަންގެ މައިންބަފައިން ކުރި މަސައްކަތް އޭނާވެސް ބަލައިގެނެވެ. މަންމައާ ބައްޕައަކީ އޭނާގެ ހުރިހާވެސް މީހުންނެވެ. ރައިޝަންގެ މަންމައާ ބައްޕައަށް އޭނާ ޝުކުރު އަދާ ކުރީ އަދަބާއި އިހުތިރާމާއި އެކުއެވެ.

"އެއީ އަޅުގަނޑުގެ ހުރިހާވެސް އެއްޗަކީ. މަންމައާ ބައްޕައަށް ބުނެލަން އޮތީ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ. ވަރަށް ކެތް ކުރެވިއްޖެނޫންހޭ،" ހިނިތުންވުމަކާ އެކު ރައިޝަން ބުނީ މިހެންނެވެ.

ރައިޝަން އޯލެވެލް ނިންމި އިރު ދެން އޭނާ ނިންމާފައިވަނީ އޭ ލެވެލް ކިޔެވުމަށެވެ. އައިންތު ހުރީ އެ ޗެލެންޖަށްވެސް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ދަރިފުޅު އެދުނު ކޮންމެ ކަމަކަށް މަގު ފަހިކޮށްދެން އައިންތު ހުރީ ކަމަރު ބަނދެގެނެންވެ.

"ރައިޝަން ބޭނުންވަނީ އޭލެވެލެ ކިޔަވަން. ސީއެޗްއެސްސީގެ ޕްރިންސިޕަލާ ވެސް ވާހަކަ ދައްކައިގެން މިހާރު އެ ސްކޫލުން ވަނީ ޖާގަ ލިބިފައި،"

ކަލާފާނު ސްކޫލުގައި ތައުލީމް ހާސިލް ކުރި އިރު ރައިޝަން އަކީ އެ ސްކޫލުގެ އިސް މަގާމްތަކެއްވެސް ފުރާފައިވާ ހުނަރުވެރި ކުއްޖެކެވެ. ޕޯޑިއަމަކަށް އަރައި ސްޕީޗެއް ދޭން ޖެހުނަސް އެވަރެއް ނެތެވެ. ކުޅިވަރުތަކުގައި ވެސް ރައިޝަންގެ ނަން ވިދައެވެ. މުޅި ސްކޫލު ރައިޝަންއަށް އަލްވަދާއު ކިޔަން އެއްވީ އެ ސަބަބާއި ހުރެކަން ޔަގީނެވެ.

އައިންތު ނިންމާލަމުން އޭނާ ފަދަ މަންމައިންނަށް ދިނީ ފުރިހަމަ މެސެޖެކެވެ. ހިތްވަރު ދެރަނުކޮށް ކުރިއަށް ދިޔުމަށް އޭނާ ނަސޭހަތްތެރިވިއެވެ. އަދި ވަސީލަތް ނެތުމަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބަޔަކަށް ނުހެދޭނެ ސަބަބެއް ނޫންކަމަށް އޭނާ ބުންޏެވެ.

ރައިޝަން އޭނާ ކިޔެވި ކަލާފާނު ސްކޫލުގެ ބައެއް ޓީޗަރުން އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމްއާއިއެކު--ސަން ފޮޓޯ: މުހައްމަދު އަފްރާހް

މީގެ 16 އަހަރު ކުރިން ދެކުނު ފޮނި ހުވަފެން އައިންތު ހަގީގަތަކަށް ހަދައިފިއެވެ. އޭނާގެ އުންމީދުތައް ކުޑަކުޑަ ރައިޝަންއަށް ހާސިލް ކޮށްދިނީ ރޭގަނޑުގެ ނިދި ނަގައިލައިގެން ހިތްވަރާއި އެކުއެވެ. ރައިޝަން ފުރިހަމަ ސިއްހަތެއްގައި ބެހެއްޓުމަށް އޭނާގެ މަންމައާ ބައްޕަ ކުރަމުންދާ މަސައްކަތް އޭނާ ބަލައިގަނެއެވެ.

ރައިޝަންއަށް ދިމާވެފައިވާ ސިއްހީ ހާލަތުން އަރައިގަނެވޭނެ ބޭސް ފަރުވާ މިހާރު ރާއްޖެއިން ބޭރުން ލިބެން އެބަހުއްޓެވެ. އައިންތުގެ މިހާރުގެ އަމާޒަކީ ދަރިފުޅަށް ޝިފާއެއް ހޯދުމަށް ވީހާވެސް އަވަހަކަށް އެ ފަރުވާ ކުރަން ދިއުމެވެ. އެކަން މަޑު ޖެހިލާފައި އޮތީ މާލީ ގޮތުން ބޮޑު ހަރަދެއް ހިނގާތީއެވެ. ނަމަވެސް އައިންތު ހުރީ ކޮންމެ ހުރަހެއް ގިރާކޮށްގެން ނަމަވެސް އެކަން ކުރާ ގޮތަށެވެ.

comment ކޮމެންޓް