ވަން ޕްލަސް ވެބްސައިޓުން ވިޔަފާރި ކުރި 40000 ކަސްޓަމަރުންނަށް ހެކަރުންގެ އުނދަގޫ ފޯރައިފި

ވަން ޕްލަސް ގެ އެންމެ ފަހުގެ ފޯނު ވަން ޕްލަސް 5 ---

ވަން ޕްލަސްގެ ވެބްސައިޓުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އަހަރު ފެށުނީ ހިތްދަތި ހަބަރަކާއެކު އެވެ. ވެބްސައިޓުން ވިޔަފާރި ކުރާ މީހުންނަށް ހެކަރުންގެ އުނދަގޫ ފޯރީއެވެ. ނުކުރާ ވިޔަފާރިތަކަށް ފައިސާ ކެނޑި، ކަސްޓަމަރުން ވަންް ޕްލަސްއަށް ކުރި އިތުބާރު ފަނޑުވީއެވެ.

ވަން ޕްލަސް ވެބްސައިޓުން ވިޔަފާރި ކުރި ކަސްޓަމަރުންގެެ ކްރެޑިޓް ކާޑުގެ މައުލޫމާތު ހެކަރުން ދަމައިގަތް ގޮތް ހޯދަން ތާޑް ޕާޓީ ސެކިއުރިޓީ އެޖެންސީ އަކާއެކު އަދިވެސް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. ވެބްސައިޓް މެދުވެރިކޮށް ކްރެޑިޓް ކާޑުން ވިޔަފާރި ކުރުންވެސް ވަގުތީ ގޮތުން ވަނީ މަޑުޖައްސާލައިފައެވެ.

ވަން ޕްލަސް އިން ބުނީ ކަސްޓަމަރުންގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ދަމައިގަންނަ ސްކްރިޕްޓް ނޮވެމްބަރު މަހުން ފެށިގެން އެމީހުންގެ ވެބްސައިޓުގައި ރަން ވާކަމަށެވެ. އެެ ސްކްރިޕްޓުން ކްރެޑިޓު ކާޑުގެ ނަންބަރާއި، ކާޑުގެ ވެރިފަރާތުގެ މައުލޫމާތު އަދި ސެކިއުރިޓީ ޕިން އާ މުއްދަތު ހަމަވާ ތާރީހުވެސް ދަމައިގަނެއެވެ.

އެ މައްސަލަ ދިމާވާން މެދުވެރިވި ސަބަބު މިހާރު ދެނެގަނެވިފައިވާ ކަމަށް ވަން ޕްލަސް އިން ބުނެއެވެ. ނަމަވެސް ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތު ފަހުން އާންމު ކުރާނެ ކަމަށް ވަން ޕްލަސް އިން ބުނެއެވެ.

ވަން ޕްލަސް އިން ބުނީ އެޓޭކަރުންގެ ހަމަލާ އަމާޒުވި 40000 މީހުންނަކީ އެކުންފުނީގެ ކަސްޓަމާ ބޭސްގެ ކުޑަ އަދަދެއް ކަމަށެވެ. އެޓޭކަރުންގެ ހަމަލާ އަމާޒުވެ އިތުރު ޓްރާންސެކްޝަންތައް އެކައުންޓުން ހެދުނު މީހުންނަށް ވަން ޕްލަސް އިން ވަނީ ބަދަލެއް ދޭން ނިންމައިފައެވެ. އެގޮތުން އެ މީހުންނަށް ކްރެޑިޓް މޮނީޓަރިންގެ ހިދުމަތް އެއް އަހަރުގެ މުއްދަތަށް ހިލޭ ފޯރުކޮށްދޭން ވަން ޕްލަސް އިން ވަނީ ނިންމައިފައެވެ.

ވަން ޕްލަސް.ނެޓް މެދުވެރިކޮށް ކްރެޑިޓް ކާޑު ބޭނުންކޮށްގެން މިވަގުތު މުއާމަލާތް ނުކުރެވުނު ނަމަވެސް ޕޭޕަލް މެދުވެރިކޮށް އަދިވެސް އެ ވެބްސައިޓުން ވިޔަފާރި ކުރެވޭނެއެވެ. އަދި ސެކިއުރިޓީ ވަރުގަދަކޮށް އަނެއްކާވެސް ކްރެޑިޓް ކާޑު މެދުވެރިކޮށް އެ ވެބްސައިޓުން ވިޔަފާރި ކުރެވޭގޮތް ހަދާނެ ކަމަށާއި ހެކަރުންގެ ހަމަލާއަށް ފަހުވެންސް ވަން ޕްލަސްގެ އޮންލައިން ވިޔަފާރި ސްޓްރެޓެޖީއަށް ބަދަލު ގެންނަން އަދި ވިސްނާފައި ނުވާކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް