ނޭނގި ހިތާ ކުޅެލީ - 19

ފޯނު ނިންމާލުމަށްފަހު ސަވާނާ ބުނީ އޭނަ ސުއިސައިޑްކުރަން އެރީ މިތަނަށް ކަމަށާއި އެންމެ ފަހު ވަގުތު ޚިޔާލް ބަދަލުވެގެން ފައިބަން އުޅުނަސް ފުރުސަތެއް ނުލިބުނުކަމުގައެވެ. އެ އެކްސިޑެންޓް ހަދާންކުރުވާނެ ނިޝާނަކަށް މޫނުގައިވާ ލަކުނު އަބަދުވެސް ވާނެކަމުގައި އޭނަ ބުނެލިއެވެ. އެކްސިޑެންޓްވާން ޖެހުނީ ލުކުމާންގެ ސަބަބުން ކަމުގައި ބުނާކަށް ނުކެރުނެވެ.

ނަބީލާއާއި އަރުޖަމަންދު އެކަކު އަނެކަކަށް ކުރިމަތިލައިގެން ތިބިއިރު ދެމީހުންގެ މޫނުގައިވަނީ ނިކަން ސީރިޔަސްގޮތެކެވެ. އަރުޖަމަންދު ބުނެލި ވާހަކައަކުން ނަބީލާގެ މެޔަށް ފިނިވިގޮތަށް ކުޝަން މެޔާއި ބޮނޑިކޮށްލެވިއްޖެއެވެ. އޭނަ ފަހަރެއްގައިވެސް މިހެން ވެދާނެކަމަކަށް ހިޔެއް ނުކުރެއެވެ. މާޒީގެ ހިޔަނިން ފިލާ ދުވަނިކޮށް އަރާ ހަމަކޮށްފާނެ ކަމަށް ފަހަރެއްގައިވެސް ހިތަކަށް ނާރައެވެ.

"އަހަރެން ސީރިޔަސްކޮށް ހުރީ އަހަރެންގެ ދަރިއަކާއި ސަވާނާ ގުޅުވަން. އިމާދުއްދީންގެ ދަރިއެއްކަމުގައި ވިޔަސް އަހަރެންގެ މައްސަލައެއްނެތް. އެކަން އެނގޭއިރުވެސް އަހަރެން ހެޔޮހިތުން އެކަންކުރުވަން ހުރީ. އެކަމަކު އަހަރެން ހިތަކަށް ނާރާ ނަބީ އަހަންނަށް މިހާ ދެރަކޮށް ހަދާފާނެއެކޭ. އެމީހާއާއި ދެވަނަފަހަރަށް އިނދެގެން އައިސްދާނެއޭ. އަހަރެން ހީކުރީ އެކަހަލަ މީހެއްގެ ކައިރީގައި ސަވާނާ ނުވެސް ހުންނާނެކަމަށް. ނަބީގެ ބެލުންދަށުގައި ބޮޑުކޮށްފައި ހުރި ދީންވެރި އަޅުވެރި ކުއްޖަކަށްވާނެކަމަށް ދެކުނީ. އިމާދުއްދީންގެ ނުފޫޒު އެއްގޮތަކަށްވެސް ނުހިގާކަމަށް ހީކުރީ. އެހެނެއްނުވި. އިމާދުއްދީންއާއި އަލުން ގުޅި މިގޭގެ ފުރާޅުދަށުގައި އެއް އާއިލާއެއްގެ ގޮތުގައި އުޅޭއިރު އަހަންނަށް މިގުޅުމަށް އެއްބަސްވެވޭނެ އެއްވެސް ގޮތެއްނެތް. އަހަރެންގެ އިޒިކްއަކީ މަންމައަކު އެންމެ ފަޚުރުވެރިވާނެ ފިރިހެންދަރިފުޅު. ރައްޓެހިވެގެން އުޅޭ ކުއްޖާއާއި ގުޅުން ކަނޑާލާފައިވެސް މަންމަ ބުނާ ކުއްޖަކާއި އިންނާނެ ކަހަލަ ކުއްޖެއް. ސޮރީ ނަބީ. އަހަންނަށް މިކަމާއި އެއްބަހެއް ނުވެވޭނެ....." އަރުޖަމަންދު އެސްފިޔަތައް ތިރިކޮށްލައިފިއެވެ.

"އޭނަ އަހަންނާއި ދޭތެރޭ ކަންތައް ކުރި އިހާނެތި ގޮތް ދުވަހަކު މި ހިތަކުން ނުފިލާނެ..."

"އަހަރެންވެސް......." ނަބީލާ ފިނި ދެއަތްތިލަ އުގުޅާލައިފިއެވެ. ގެނބެމުންދަނިކޮށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާފައިވެސް އަލުން ޣަރަގުވާން ކަނޑށް ދޫކޮށްލިމީހެކޭ އޭނަގެ ތަފާތެއްނެތެވެ. މާޔޫސްކަމުގެ ސާލެއް އޭނަގެ ކަރުގައި އޮޅާފައި ބާރުކޮށްލެވުނުހެން ހީވިއެވެ. ހިއްލައިލި ދާތައް އޮބޭގޮތެއް ނުވެ ހަރުލާފައި ހުންނަން ފެށުމުން އަތުން ފޮހެލާފައި އޭނަ ތެދުވެގެން އައިސް އަރުޖަމަންދުގެ ކައިރީގައި އިށީދެފާ އަތުގައި ހިފައިލިއެވެ. އަރުޖަމަންދުއަށް އާދޭސްކޮށްގެންވެސް އޭނަ މި ކައިވެނިކުރުވަން ބޭނުމެވެ.

"ޕްލީޒް ސޭވް މައި ޑޯޓާ. އައި ބެގް ޔޫ......" ނަބީލާ އާދޭހުން ފުރިފައިވި އަޑަކުން އެންމެ ގާތް އެކުވެރިޔާއަށް އާދޭސްކުރިއެވެ.

"ނަބީ. އަހަރެންގެ އިޒިކްގެ ހުރޭ ގާލްފެރްންޑެއް..."

"ދެ އަންބަށް ނަމަވެސް ހެޔޮ ޕްލީޒް. އެ ނުލަފާ ފިރިހެނާގެ ފަރާތުން އެ މައުސޫމް ކުއްޖާ ސަލާމަތްކޮށްދީ. ކެހިވެރި މަކަރުވެރިއެއްކަން އަހަންނަށް ގާތްގަނޑަކަށް ޔަގީންވާތީ. ވޭޓަރަކަށް ކޮންމެވެސް ކެފޭއެއްގައި ހުންނަ މީހެއްކަމަށް ވަނީ. ކިތަންމެ ދެރަ ނިކަމެތި ކުއްޖެއްނަމަވެސް އަހަންނަށް އެންމެ ހެޔޮ. ނަމަވެސް ލުގުމާން އަހަރެންގެ ދަރިފުޅުގެ ހަޔާތަށް ސުންޕާކަން ނޫން އެހެން އެއްޗެއް ގެނެސްނުދޭނެ...." ނަބީލާ ލުކުމާންގެ ނަން ކިޔާލުމާއިއެކު އަރުޖަމަންދު ސިއްސައިގެންދާ ގޮތް ވި ނަމަވެސް ވަރަށް އަވަހަށް މީހާ ހަމަޖެހިލައިފިއެވެ. އެބުނާ ޒުވާނާއަކީ އޭނަގެ ފިރިހެން ދަރިފުޅު ލުކުމާންއަށް ވެދާނެބާވައޭ ހިތަށް އަރާ ފިނި ރާޅެއް ހަށިގަނޑުގައި ދުވެލިއެވެ. ލުކުމާން ކިޔާ ކިތަންމެ ޒުވާނުންނެއް އުޅޭނެކަން އެނގޭއިރު އަދި ލުކުމާން އޭނަގެ ހަގީގަތް ސިއްރުކުރަން ބޭނުންވެފައިވާއިރު ނަބީލާއަށް އެކަން އަންގަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަރުޖަމަންދު ކުޑަކޮށް ހީލައިފިއެވެ.

"ނަބީ އަހަންނަށް މާފުކުރޭ ތި ނޫން ކޮންމެ ކަމަކަށް އެދުނަސް ކޮށްދީފާނަން. ނަމަވެސް އިމާދުއްދީންގެ ނުފޫޒް ސަވާނާގެ މައްޗަށް އެއްވެސް ވަރަކަށް ހިނގާކަމުގައި ވަންޏާ އެކުއްޖާ ޅީދަރިއެއްގެ ގޮތުގައި ބަލައިގަންނާނަކަށް ފަސޭހައެއްނުވާނެ. އަދި މާ ފަހުން މިތަންކޮޅު ހިތަށް އެރީ. އަހަރެންގެ މާމަ ދަރިއަކު އިމާދުއްދީންއަށް ކާފަ ކިޔާ އަޑު އަހާކަށް ދުވަހަކު ނޭދެން. ފުރާނަ ހުރެގެން އެހެން ވާކަށެއް ދޫކޮށެއްނުލެވޭނެ..................." އަރުމަޖަންދު ކޮޅަށް ތެދުވުނީ ލަސްލަހުންނެވެ.

ނަބީލާއަށް އަރުޖަމަންދުގެ ދެލޮލުގައިވި ސާބިތިކަން ދެކެފާ އިތުރަށް ބާރު އަޅާނެ ހިތްވަރެއް ނުލިބުނެވެ. އިމާދުއްދީންގެ "ޝައިތާނީ" ކަން އެނގިފައިވާއިރު އޭނަ އަރުޖަމަންދުއަށް މިފަދަ ހުށަހެޅުމެއް ހުށަހަޅަން ކެރުނީތީ ލަދުވެތިވިއެވެ. އޭނަ މާޒީ ހަނދާން ނައްތައިލިޔަސް އަރުމަޖަމަންދު ދުވަހެއްގެ ކޮޅުންވެސް އިމާދުއްދީންއަށް މާފެއްނުކުރާނެއެވެ. ގިޔާމަތާއި ހަމަޔަށްވެސް މެއެވެ.

އެރޭގެ ކެއުން ނިންމާލާފައި ދިޔަގޮތަށް އަރުޖަމަންދުގެ ހިތް ހަމަޖެހުނީ ލުކުމާންއާއި ބައްދަލުކޮށްލާފައެވެ. ލުކުމާން އުޅޭ އެޕާޓްމެންޓަށް މަންމަ އެހާ ކުއްލިއަކަށް ދިޔުމުން ނުތަނަވަސްވިއެވެ. މަންމަ މާ ގިނައިން އޭނައާއި އެކު އުޅެނިކޮށް ކައިދަންއަށް ފެނުނަސް ޝައްކުވާނެއެވެ. ލުކުމާން ކޮފީއެއް ހަދައިގެންގޮސް އޭނަގެ މަންމަ ކައިރީގައި އިށީނެވެ. މަންމައަށް އޭނަ ޖޫސްތަށްޓެއް އަޅާލަދިނެވެ.

"ލުގުމާން. މަންމަ ކައިރީ ނުބުނެ މީހަކާއި އިންނާކަށް ނު ތިއުޅެނީ......... " އަރުޖަމަންދު ސީދާ މައުޟޫއަށް ގެންދިޔައެވެ.

"ކާކު ބުނީ. ހެހެ...... " ލުކުމާން ހީލަމުން ކޮފީތަށި ތުނބުގައިޖެހިއެވެ.

"މަންމައަށް ނޭގި މާލޭގައި ކަމެއް ނުހިނގާނެ. ކުޑަ ކުޑަ މުޖުތަމައެއް ނު ދަރިފުޅާ. އެކަމަކު މީހަކާއި އިނުމުގެ ކުރިން މަންމައަށް އެކަން އެނގެންވާނެ ކަމަކަށް ދަރިފުޅު ގަބޫލެއްނުކުރާކަން މަންމައަށް އެނގިއްޖެ. ނޮޓް ޔޯ ފޯލްޓް ދަރިފުޅާ މަންމައާއި ލައިގެނެއްނޫންވިއްޔަ ލުގުމާން ތިހިސާބަށް އައިސްފަ ތިހިރީ. އެކަމަކު މަންމަ ކަންބޮޑުވޭ މަންމަގެ ދުޝްމިނެއްގެ ދަރިއަކާއި ދަރިފުޅު ކައިވެނި ކުރަން އުޅެފާނެތީ. އަންހެންކުއްޖެއް ހޯދުމުގެ ކުރިން އެކުއްޖެއްގެ ވަނަވަރު މަންމައަށް ހާމަކުރަންވާނެ އިނގޭ..........." އަރުޖަމަންދު އިނީ ކަންބޮޑުވެފައެވެ. ސަވާނާއާއި އިންނަން އުޅެނީ އޭނަގެ ދަރިފުޅު ލުކުމާން ކަމުގައިވެއްޖެއްޔާ އޭނަގެ ދިރިއުޅުމަށް ނުސީދާކޮށް އަނެއްކާވެސް އިމާދުއްދީން ވަދެދާނެއެވެ. އޭނަ ހުއްޓުވުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާކަމެކެވެ.

ހިތާއި ސިކުނޑީގެ އަރައިރުމަކަށްފަހު އޭނަ މިހިރީ އަދިވެސް ހަދަންވީގޮތެއް ނޭގިފައެވެ.

"މަންމަ ބޭނުމިއްޔާ ގާލްފްރެންޑްގެ ފޮޓޯއެއް ދައްކާލަފާނަން...." ލުކުމާން ވަރަށް ހަމަޖެހިލާފައި ފޮޓޯ ގެލެރީ ހުޅުވާފައި އޭނައާއި ލިވިއާ އެކީ ނަގާފައި ހުރި ސެލްފީތަކެއް ދައްކައިލަމުން މާޝާﷲ އޭ ބުނެވުނުއިރު އަރުޖަމަންދުގެ ސިކުނޑިން އެތައް ރާތާގެ ބަރުދަން ނެއްޓިގެންގޮސް ލުއިވެ މުޅި ހަށިގަނޑަށްވެސް ލުއިކަމެއް އިހުސާސްކުރެވިއްޖެއެވެ. އޭނަގެ ދަރިފުޅުގެ ހޮވުން ގޯހެއް ނޫނެވެ. ސަވާނާއަށްވުރެ އެތައް ގުނަ ރީތި ފަރި އަންހެންކުއްޖެކެވެ. ޔޫރަޕްކުއްޖެއްހާ ދޮންވެފައި އަންހެންވަންތަ ކަމެއް ދެއްވާފައިވާ އަންހެންކުއްޖެކެވެ. ކޮންމެވެސް ތާކުން ދެކެ އުޅޭ ކުއްޖަކާއި ވައްތަރުވިނަމަވެސް އުޅެ އުޅެ އެކުއްޖާ ފެނުނު ތަނެއް ހަދާނަށް އައި ކަމަކަށްނުވިއެވެ.

"ލުގުމާންއާއި ތިހާ ގުޅޭ ކުއްޖެއް މަންމަ އަދި ނުދެކެން. މާޝާﷲ. ހަމަ ބަރާބަރު. ކޮންދުވަހަކުން ކައިވެނި ކުރާނީ؟ "

"އަދި ދުވަހެއް ނުނިންމަން......."

"ތަންކޮޅެއް އަވަސްކޮށްލަންވީނު. ކައިވެނީގެ ރޭ އެންމެނަށް ސަޕްރައިޒެއް ދޭންވާނެ ދޯ......"

"އޭނަ ކައިވެނި ކުރާނީ ޑިގްރީ ހަދާ ނިންމާފައޯ..." ލުކުމާން ފަރުވާކުޑަ ރާގަކަށް ބުނެލައިފިއެވެ. ލިވިއާއާއި ދޭތެރޭ އޭނަގެ ބަދަލުވާ އިހުސާސްތަކަށް ދޭނެ ނަމެއްވެސް އޭނައަށް މިވަނީ ނޭގިފައެވެ. އެއް އިރެއްގަ އޭނަގެ ހަޔާތުގެ ބައިވެރިޔެއްގެ މަގާމު ކަށަވަރުވެފައިވާ ކުއްޖަކާއިމެދު މިހާ ފަރުވާކުޑަކުރެވުނުކަމީވެސް އޭނަގެ އަމިއްލަ ނަފުސާއިމެދު އޮތް ޔަގީންކަން ލުއްސާލައިގެން ދިޔަކަމެކެވެ. ލިވިއާގެ މަތިން ހަދާންވާވަރަށްވުރެ މާ ގިނައިން ސަވާނާއާއި ދޭތެރޭ ޚިޔާލުކުރެވެއެވެ. ސަވާނާގެ މަތިން ހަނދާންވުމާއިއެކު ލުކުމާންގެ ހިތަށް ފޫހިކަން ވެރިކުރުވިއެވެ. ނޫނެކެވެ. އޭނަ ފޫހިވަނީއެއް ނޫނެވެ. އެއީ އޭނަގެ ޓައިޕެއް ނޫނެވެ.

"ކެރިއާއަށް ގޮސް ހުސްވެފައިވާ އަންހެންކުއްޖެއްގެ ވާހަކަ ހުންނާނީ ތި ވައްތަރަށް. ހަޔާތުގެ ބައިވެރިޔެއް ހޯދާއިރު ވަރަށް ގިނަ ގޮތްގޮތުން ވިސްނަން ޖެހޭނެ. ހަމައެކަނި ބަލައިލަން ރީތިވެގެނެއް ކަމަކުނުދާނެ އިނގޭ ލުގުމާން...." އަރުޖަމަންދު ލުކުމާންގެ އިސްތަށިގަނޑުގައި ފިރުމައިލީ އޯގާތެރިކޮށެވެ. މަންމަގެ އެފަދަ އެންމެ ބީހިލުމަކުންވެސް ލުކުމާން ހަނދާންވީ މާޒީއެވެ. މަންމަގެ އުނގުގައި ކޮންމެ ރެއަކު ނިދާ އުޅެނިކޮށް އަނިޔާވެރިކަމާއިއެކު އޭނައާއި މަންމަ ވަކިކުރި މީހުން އޭނަގެ ހަޔާތަށް އަލުން އައުމަކީ ގުދުރަތީ ދީލަތިކަމެވެ.

އަރުޖަމަންދު ފިރިހެންދަރިފުޅަށް ނަސޭހަތްދިނީ ހަމައެކަނި ހަޔާތުގެ ބައިވެރިޔަކު ހޯދުމާއި ބެހޭގޮތުންނެއް ނޫނެވެ. ދީނީ ކަންތައްތަކަށް ސަމާލުކަން ދޭން އެދުނެވެ. އެންމެ ނަމާދެއްވެސް ވައްޓައިނުލާ ކުރަން ނަސޭހަތްތެރިވިއެވެ. ސުންނަތް ނަމާދުކުރުމުގެ ސަވާބު ކިޔައިދިނެވެ. އެނަމާދަކީ އެމީހާގެ އެންމެ ފަހުގެ ނަމާދު ނޫންކަން އެނގޭނީ ކާކަށް ހެއްޔެވެ؟ ހަނާ އަޅައަޅާ އެންމެ ކައިރީގައިވާ އެއްޗަކީ މަރެވެ. މަންމަގެ ނަސޭހަތް އިވުނު ވަގުތު ކޮންމެވެސް ވަރަކަށް ގައިން ހީބހި ހަލުވާލާގޮތްވުމުން އަތުގައި އަތް ކާއްތާލެވުނެވެ. އެ ނަސޭހަތުން އޭނައަށް ކޮންމެވެސް އަސަރުތަކެއްކޮށްފިކަން ޔަގީނެވެ. އެރޭ އިޝާ ނަމާދުނުކޮށް ހުރިކަން ހިތަށް އަރާފައި ނަމާދު ކުރަން ގަސްތުކުރިތަނާ ކައިދަން ގުޅާފައި އެދުނީ ކުޅެން އައުމަށެވެ. ލުކުމާން ކައިދަން އަދިވެސް އެކުވެރިންތަކެއް ދަނޑަށް ފުޓްބޯޅަކުޅެން އައުން އާދައަކަށްވިތާ އަދި މާގިނަދުވަހެއް ނުވެއެވެ. ކައިދަންގެ ހުރި އެންމެ ފިރިހެންކޮއްކޮ މާކަސްއަށް ލުކުމާން ތައާރަފުވީވެސް ދަނޑުންނެވެ. މާކަސް ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާ ހުންނަނީ އޭނައަށް މޮޔަވެ ދީވާނާވެފައެވެ. ކޮންމެރެއަކު ދަނޑު ކައިރިއަށް އޭނަ ކުޅޭތަން ބަލަން އައުންވެސް އަޅުކަމެއްފަދައެވެ. ވާރޭވެހުނަސް ބައްޔެއްވިޔަސް އެތާ ނުހުންނަ އެންމެ ރެއެއްވެސް ނާދެއެވެ. އެކުއްޖާ އުޅޭ ވައްތަރު ދެކެފަ ލުކުމާން ހަނދާންވީ ލިވިއާއެވެ. ލިވިއާ އޭނައާއިހެދި ހަމަ މިހެން އުޅުނެވެ. ނަމަވެސް މިހާރު އެމޮޔަކަމާއި ދީވާނާކަން ފަނޑުވަމުންގޮސް އޭނަދެކެ ފޫހިވީނޫން ބާވައޭވެސް ހިތަށް އަރަނީ މާކަސްގެ ލޯބިވެރިޔާ ފެންނާތީއެވެ.

އެރޭ ލުކުމާން ކުޅެންދިޔައީ އިޝާނަމާދު މަތިން ހަދާން ނައްތާލާފައެވެ. މަންމަ ދިން ނަސޭހަތް އިރުކޮޅެއްފަހުން ސިކުނޑިން ފޮހެވިގެން ދިޔައީ އެކުވެރިންތަކާއި ހެދިއެވެ. ދަނޑުގައި ދިއްލާފައިވާ އޮރެންޖްއަލީގައި ދުވެދުވެފައި އެމީހުން އުޅުނުއިރު ވިއްސާރަވެ ކޮޅިހަދާލާފައި އޮތެވެ. މާދުރުދުރުން ގުގުރާލާ އަޑާއިއެކު ދޭތެރެއަކުން ވިދުވަރުގެ އަލިކަން އުދަރެހުން ފާޅުވަނީ ކައިރިކައިރީގައެވެ. އެވަރުންވެސް ފޯރިއައިސްފާ ތިބިވަރުން ކުޅުން ހުއްޓާލާފަ ދާކަށް އެކަކުވެސް ޚިޔާލެއްނުކުރިއެވެ. ކުޅެން ތިއްބާ ވާރޭ އޮއްސައިގަތުމުންވެސް ހުއްޓައެއް ނުލިއެވެ. ވާރެއިން އުދަގޫވެ ނުކުޅެވުނީ ހަމައެކަނި މާކަސްއަށެވެ. މާކަސް އޭނަގެ ލޯބިވެރިޔާ ހުރި ދިމާލަށް ދުއްވައިގަތީ ވާރެއިން ހިޔާވާންކަމުގައި ލުކުމާންވެސް ހީކުރިއެވެ. އެމީހުން ކުޅުމުގެ ފޯރީގައި ތިއްބާ ކުއްލިއަކަށް އަންހެންކުއްޖާ ރޮމުން ހަޅޭއްލަވަމުން އެމީހުންނަށް ގޮވަން ފެށިއިރަށް އެންމެން ކުޅުން ހުއްޓާލާފައި އެދިމާލަށް ދިޔައީ ހާސްކަމާއިއެކުގައެވެ. ބިންމަތީގައި ޚަބަރު ހުސްވެފައި އޮތް މާކަސް ފެނުމާއިއެކު ސީޕީއާރުވެސް ދިނެވެ. އަވަސްވެގަތީ އެކުވެރިޔާ ހޮސްޕިޓަލަށް ގެންދިޔުމަށެވެ.

އިމަޖެންސީރޫމްގެ ބޭރުގައި އެންމެން އިސްޖެހިފައި ތިއްބާ ކައިދަންގެ އާއިލާގެ މީހުން އެއްވާން ފެށިއެވެ. އަންހެންވެރިން ތިބީ ރީތިކޮށް ހެދުން އަޅާފައެވެ. ފަޚުރުވެރިކަމާއި ދެއްކުންތެރިކަން އެކުލެވޭ ގޮތްތައް އަންހެންވެރިންގެ ކިބައިގާ ހުއްޓަސް މިހާރު އެންމެން ތިބީ ފެންކަޅިވެ ހިތާމައިން ފުރިފައެވެ. ބައެއްމީހުން ރޮމުން ދިޔައެވެ. މާކަސްގެ ލޯބިވެރިޔާގެ ހާލު އެންމެނަށްވުރެ ބޮޑެވެ. ކައިދަން ގޮސް އޭނަގެ މަންމަގެ ގައިގާ ބައްދާލިތަން ލުކުމާންއަށް ފެނުނެވެ.

ރުއިމަކުން ހަޅޭއްލެވުމަކުން މަރުވެގެންދާ ފުރާނައެއް ހުއްޓުވޭނެ އެއްވެސް ގޮތެއްނެތެވެ. މާކަސް ކުއްލިގޮތަކަށް އެންމެނާއި ވަކިވެގެން ދިޔަކަން ގަބޫލުކުރާކަށް ލުކުމާންއަށްވެސް ފަސޭހައެއް ނުވިއެވެ. އެހާ ލާނެތްކޮށް ސަކަރާތް ޖަހަޖަހާފައި އުޅުނު ހީވާގި ޒުވާނާ އަބަދަށްޓަކާ ލޯ މަރައިލީ ވަދާއުގެ ސަލާމްކޮށްލާނެ ފުރުސަތެއްވެސް ނުދީއެވެ. ޑޮކްޓަރު ލަފާކުރީ ހާޓްއެޓޭކެއް ކަމަށެވެ. އެހާ ޒުވާން އުމުރުގައި އެފަދަ ކުއްލި މަރަކުން މަރުވެދާނެކަމަށް އެކަކުވެސް ލަފައެއް ނުކުރާނެއެވެ. ކޮއްކޮގެ ކުއްލި މަރުގެ ސަބަބުން ހުއްޓުން އަރާފައި ހުރި ކައިދަން ގެ ކޮނޑުގައި ހިފާ ގަޔާއި ކައިރިކޮށްލިއެވެ. ހިތްވަރު ދިނުމުގެ ގޮތުން ބޭނުން ކުރަންވީ ލަފުޒެއްވެސް އެވަގުތަކު ނޭގުނެވެ. އޭނަވެސް ހުރީ ޝޮކެއްގައެވެ. އެކަން ގަބޫލުކުރަން ތައްޔާރަކަށް ނޫނެވެ.

"މަގޭ ދަރި......މަންމަގެ ފުރާނަޔާ.........." ކައިދަންގެ މަންމަ ރޮމުންގޮސް މާކަސްގެ މޫނުގައި ފިރުމަމުން ވާހަކަދެއްކިއެވެ.

"މާކް ކައިރީ މަންމަ އަބަދު ބުނަން އެނާޖީ ޑްރިންކް އެހާ ގިނައިން ނުބޯށޭ. ކޮފީއާއި އެނާޖީ ޑްރިންކް ބޮއިފާ އަދި ކުޅެން އެރީމަ ވާނެގޮތް ދަރިފުޅު ކައިރީ މަންމަ އަބަދު ބުނަން. ބައްޕަވެސް ހިތް ހަލާކުވާނެ. ދަރިފުޅު ބައްޕައަށް ގުޅާބަލަ. ބައްޕަ ލަންޑަނުގައި އެހުންނެވީ. ކިހިނެއް ހިތަށް އަރާނީ.....އާހް.....އަހަރެމެންގެ ދަރިފުޅު............." ކައިދަން އޭނަގެ މަންމަ ގޮވައިގެން ބޭރަށް ގެނައުމުން ރޮއިރޮއިފާ ކިޔަމުން ދިޔައެވެ.

ހަގީގަތަކީވެސް އެއީއެވެ. ޒުވާން ކުދިންނަށް އެ ބުއިމުން ލިބޭ ގެއްލުން ރަގަޅަށް ނޭގެނީއެވެ. ހިތަށް އެރިހާ ވަރަށް ކޮފީއާއިއެކު އެނާޖީ ޑްރިންކް ބޭނުންކުރާއިރު ތިމާގެ ސިއްހަތާއިމެދު ސަމާލުވާން ޖެހޭނެއެވެ. ކުޑަކުދިން އެނާޖީ ޑްރިންކް ބުއިމުން ފިޓްޖެހުން ހިތުގެ ވިންދު އަވަސްވުންފަދަ މައްސަލަތައް ޖެހިދާނެއެވެ. ކިޑްނީއާއި ހިތުގެ މައްސަލަފަދަ ބޮޑެތި ބަލިތައް ހުންނަމީހުން އެނާޖީ ޑްރިންކް ބުއިމަކީ ނުރައްކާވެދާނެކަމެކެވެ. ޚާއްސަކޮށް ހައިޕާޓްރޮފިކް ކާޑިއޯ މަޔޯޕަތީ ހުންނަ ޒުވާނުން ކެފެއިން ބޭނުންކުރުމަކީ އެއްގޮތަކަށްވެސް ކުރަންވާ ވަރުގެ ކަމެއްނޫނެވެ. އެފަދަ މައްސަލައެއް ހުރިކަން ނޭގި ޑްރިންކްތައް ބޮއިގެން ކުޅެން އެރުމަކީ މަރަށް ދައުވަތުދިނުމެވެ. ސޯޝަލް މީޑިއާގައި ފުޅާކޮށް އެވާހަކަދެކެވި މީހުން ހޭލުންތެރިކުރުވަން މަސައްކަތްކުރާ ހިސާބަށް އެކަންތައް ގޮސްފިއެވެ.

ލުކުމާން އެތާހުރިއިރު ވަށައިގެން ތިބި މީހުން ދެއްކި ތަފާތު ވާހަކަތަކުން ކަންތަކެއް އޮޅުންފިލިއެވެ. އެނގުނީ ކައިދަންގެ ބައްޕައަކީ މިހޮސްޕިޓަލުގެ ވެރިޔާ ޑޮކްޓަރު ތައިމޫރުކަމެވެ. މަޝްހޫރު މީހެކެވެ. މުއްސަންޖެކެވެ. މިހާ ބޮޑު ހާދިސާއެއް ހިނގިއިރު އޭނަ މާލެއަކު ނޫޅުއްވައެވެ. އާއިލާގެ ދޮށީ ފިރިހެންދަރިފުޅަށްވުމުން ކެތްތެރިވެ މަންމައަށް ހިތްވަރުދޭން ޖެހުނުއިރު އެންމެ ގާތުގައި އެހީވާން ހުރީ ލުކުމާންއެވެ.

ލުކުމާންއަށް ކައިދަންގެ އާއިލާގެ މީހުން ފެނި އެގެއަށް ދެވުނީ އަލަށެވެ. ކައިދަން ވީ އޭނަ ހީކުރިވަރަށްވުރެ މުއްސަދި މީހަކަށެވެ. ތައިމޫރު ފެނުމުން އޭނަގެ ޝަހުސިއްޔަތުގެ ވަރުގަދަކަން ފާހަގަކުރެވުނެވެ. އެހާ ހިތްވަރުގަދަ މީހަކު ކަރުނަ އޮއްސިތަން ފެނި ދަރިފުޅުދެކެ އެހިތުގައިވާ ލޯބި ލުކުމާންއަށް ފެނުނެވެ. އެންމެން ވާ ވަރު ފެނުމުން އެތަނުގައި ހުންނަން ކެރުނީ އިރުކޮޅަކުއެވެ. ނުކުމެ އޭނަ ހުރީ މަގުމަތީގައެވެ. އެންމެ އަޖައިބުވީ އޭނަގެ މަންމައާއި މަންމަގެ އާއިލާވެސް އެތަނުން ފެންނަން ފެށީމައެވެ. ދަންނަ މޫނުތައް ފެންނާންފެށުމުން އޭނަ ހުރީ އަވިއައިނު އަޅައިގެންނެވެ. މަންމައާއި ތިމާގެއީބާވައެވެ. ނޫނީ ރައްޓެހި އާއިލާއެއް ހެއްޔެވެ؟ އެތައް ސުވާލުތަކެއް ލުކުމާންގެ ހިތުގައި އުފެދުނެވެ.

ލުކުމާން އެޕާޓްމެންޓަށް ވަދެފާ ފުން ވިސްނުމެއްގައި ނިތްކުރީގައި އަތް ބާއްވާލައިގެން އޮތެވެ. ލޮލުން ކަރުނަ ތިއްކެއް ވައްޓާނުލިކަމުގައިވިޔަސް އެންމެ ގާތް އެކުވެރިޔާއަށްޓަކާ ހިތް ކަރުނަ އޮއްސަނީއެވެ. އެކަނި ކައިދަންއަށްޓަކާއެއް ނޫނެވެ. ފާއިތުވެގެން ދިޔަ މަދު ދުވަސްކޮޅު މާކަސްވެސްވަނީ ލުކުމާންގެ ގާތް މީހަކަށްވެފައެވެ. ދަނޑަށް ކުޅެންދާ އެންމެނާއިވެސް މެއެވެ. ވީއިރު އެކުވެރިއެއްގެ ކުއްލި ވަކިވުމުން ހިތަށް ކުރާނެ ފުން އަސަރުތައް ބަޔާންކުރެވޭނެ ހެއްޔެވެ؟ އެންމެންގެ ޕްރޮފައިލް ޕިކްތައް ކަޅުކުރެވި ތައުޒިޔާގެ މެސެޖްތައް ހުއްޓުމެއްނެތި ދައުރުވަމުންދާއިރު ނޫސްތަކުގައިވެސްވަނީ އެވާހަކައެވެ. މަޝްހޫރު ނިއުރޮލޮޖިސްޓެއްކަމަށްވާ ތައިމޫރުގެ ދަރިފުޅުގެ ކުއްލި މަރުގެ ވާހަކައެވެ. އެކިގޮތްގޮތަށް އެވާހަކަ ލިޔެވެމުންދާއިރު ހަގީގަތްވަނީ ފޮރުވިފައެވެ.

ކޮންމެވެސް މީހަކު ބެލްޖަހަން ފެށުމުން ލުކުމާން ކަންނެތްގޮތަކަށް ތެދުވެގެންގޮސްފާ ދޮރު ހުޅުވާލައިފިއެވެ. ދޮރުމަތީގައި ހުރީ ލިވިއާއެވެ. ވައިލެޓްކުލައިގެ އެކި ޝޭޑްގެ މިޑީހެދުމެއްލާފައި އެކުލައިން އަތުގެ އިނގިލިތަކަށް ދާންދެން ކުލަޖައްސާލާފައި ހުރިއިރު އެންމެ ފުރިހަމައެވެ. މޭކަޕްވެސް އެހާ ނަލައެވެ.

"ހައި...." ލުކުމާން ހީވެސް ނުލާ ކިޔާލިގޮތުން އެއްވެސް ވަރަކަށް ޝައުގެއް ހުރިހެން ހިޔެއްނުވިއެވެ.

"އައި މިސްޑް ޔޫ ބޭބީ...." ލިވިއާ ހިނިތުންވެލިއިރު މަލެއް ފަރިވިފަދައެވެ.

"މީ ޓޫ......." ދެވަނަ ސިކުންތުކޮޅުގައި ލިވިއާ ހުރީ ލުކުމާންގެ އަތުތެރޭގައެވެ. އޭނަގެ ހެދުމުގައި ހިފާފައިހުރި ލުއި މީރުވަހުން އަގުބޮޑު ސެންޓެއްޖަހާފައިކަން އެނގުނެވެ. އެމީރުވަހަށް އިންތިހާއަށް ލޯބިކުރި ދުވަހެއްވެސް އައެވެ. ނަމަވެސް ލުކުމާން ހުރީ މޫޑެއްގައެއް ނޫނެވެ. ލިވިއާ ކުއްލިއަކަށް އައުމުން ވަކި އުފަލެއްވެސް ނުލިބުނެވެ. ލުކުމާންގެ ފަރުވާކުޑަކަމާއި އަޅާލުމެއްނެތްކަން ލިވިއާއަށް ފާހަގައެއްނުކުރެވުނެވެ. އޭނަ ލުކުމާންގެ މޫނާއި އެތަންމިތާ ފިރުމަފިރުމާފައި އެންމެފަހުން ދެތަށި ކޮފީހަދައިގެން އައިސް ސޯފާގައި ޖައްސާލައިފިއެވެ. ފޯނު ހުޅުވާލައިގެން އިނދެފާ ތައިމޫރުގެ ދަރިފުޅު ވާހަކަފެށީ ވަރަށް ފޯރިއާއިއެކުގައެވެ.

"ވަރަށް ހެންޑްސަމް މީހެއް. އޭނަގެ ފިރިހެންދަރިއަކު ހުރިކަމެއް ނޭގި ހުއްޓާ މަރުވި ޚަބަރު މިލިބުނީ. އައި ތޯޓް ދޭ ލިވް އެބްރޯޑް...." ލިވިއާ ކިޔާލައިފިއެވެ.

"އެބުނާހެން ކުއްލި މަރާއި ހާޓްއެޓޭކް މާ ގިނަވެގެން އުޅޭ ދުވަސްކޮޅެއްހެން މަށަށްވެސް ހީވާންފަށައިފި. ފޯނު ހުޅުވައިލާއިރަށް ބްރޭކިން ނިއުސްގައި އިންނާނީ މިކަހަލަ ޚަބަރެއް. އެހެންވެ ނޫސް ކިޔާ ހިތެއްނުވޭ..." ލިވިއާ އަނގަޔަށް ގޮތެއްހެދިއެވެ. އޭނަ މިހާރަކަށް އައިސް ކިޔާހިތްވަނީ ވާހަކަތަކެވެ. ޚާއްސަކޮށް މުއްސަދި ރީތި މީހުން އުޅޭ ވާހަކަތަކަށް ލޯބިކުރެއެވެ. އެވާހަކަ ތައް ކިޔާލުމުން އޭނަވެސް އެއިން އަންހެންކުއްޖަކަށްވެ އެ ދިރިއުޅުމުގައި އުޅެވޭފަދައެވެ. ހުރިހާ ހިތާމަތަކުން އެއްފަރާތްވެ އުފާވެރިކަން ލިއްބައިދެއެވެ.

ހުރިހާ ނޫހެއް ހުޅުވާލާފައި ބަލަނިކޮށް ތައިމޫރުއާއި މާކަސް އެކީ ނަގާފައި ހުރި ވަރަށް ހިތްގައިމު ފޮޓޯއެއް ފެނުމުން ކަޅިޖަހާނުލާ ބަލަން އިނދެފާ އެފިރިހެންކުއްޖާ ކައިދަންއާއި ވައްތަރުދޯ އޭވެސް އަހާލައިފިއެވެ. ވައްތަރު ކިޔަން ލިވިއާ ވަރެއް ނެތޭ ހިތަށް އަރާފައިވެސް ލުކުމާން އިނީ ހިމޭނުންނެވެ. ނަމަވެސް އޭނަ ލިވިއާ ދިން ކޮފީތަށީގައި ހިފިއެވެ. އޭނަ ހުރީ އެފަދަ އެއްޗަކަށް ބޭނުންވެފައެވެ. ކޮފީގެ ވަސްޖެހުމުންވެސް ސިކުނޑި ހުޅުވުނެވެ. އެހެން ހަދާންތަކާއި ދުރުވާންވެގެން އޭނަ ލިވިއާއާއި ވާހަކަދައްކަން ފެށިއެވެ. ލިވިއާގެ ދަތުރުގެ ވާހަކަ އެހުމުން އެތައް ދޮގުތަކެއް މަތިމައްޗަށް ހެދިއެވެ. އެއް ވާހަކަތައް އަނެއް ވާހަކައާއި ނުގުޅެން ފެށުމުން ލުކުމާންގެ ހިތުގައި ޝައްކުގެ އޮއިވަރެއް ހިނގާލައިފިއެވެ. އޭނަ ކައިރީ ލިވިއާ ބުނާ ކޮންމެ ޖުމްލައެއް އޭނަގެ ސިކުނޑީގައި ރައްކާކޮށްފައިވަނީ އެންމެ ލަފުޒެއްވެސް ނުގެއްލި ޑައިލޮގްތައް ހުރި ގޮތަށެވެ.

ދުރުދުރުން އިވުނު ބަންގީގެ އަޑާއިއެކު ލެއްޕިފައިވާ އެސްފިޔަތައް ދުރުކޮށްލާފައި ލުކުމާން މޯޅިއަކަށް ދެމިލައިފިއެވެ. އޭރުވެސް ކަންނެތްކަމުން ހަށިގަނޑުގެ ހުރިހާ ގުނަވަނެއްވަނީ ނިދާފައި ކަހަލައެވެ. މަންމަގެ ޖުމްލަތައް ހަދާންވުމުން ގަދަކަމުން އެނދުން ތެދުވެގެންގޮސް ފާޚާނާއަށްވަދެ މޫނުދޮވެލާ ހަދާލައިގެން ވުޟޫކޮށްލިއެވެ. ފަތިސްނަމާދުކުރަން ފެށުމުން ސްޓްރެސް ފިލާ ހިތަށް ހަމަޖެހުމެއްލިބުނުކަން އިހުސާސްކުރެވުނެވެ. މަޑުމޮޅިކަމާއިއެކު ހެއްދެވިފަރާތަށް ކުރިމަތިލައިގެން ހުރެ ނަމާދުކުރަމުން ދިޔައިރު ނަމާދު ނިންމާލާހިތެއްވެސް ނުވިއެވެ. ފުރަތަމަ ފަހަރަށް ނަމާދުގެ ފޮނިކަމާއި މީރުކަން އިހުސާސްކުރެވުނެވެ. ކިތަންމެ ގިނައިން ސަޖިދަ ޖެހިކަމުގައިވިޔަސް ނަމާދުގެ ހަގީގީ ހިތްމަޖެހުމެއް ނުހޯދޭނއެވެ. އެ އުފާ ލިބޭނީ ލުކުމާންފަދައިން ޚުޝޫއަތްތެރިކަމާއިއެކު ނަމާދު ފުރިހަމަކުރުމުންނެވެ. ނަމާދުކޮށް ނިމުމަށްފަހު ކޮފީއާއި އެކު ކާނެ އެއްޗެއް އަމިއްލައަށް ތައްޔާރުކޮށްލިއެވެ. އޭނަގެ ބައްޕަ ގުޅަންފެށުމުން ފޯނަށް ބަލައިލެވުނީ ނުރުހުމާއިއެކުގައެވެ. ބައްޕައަކީ ހުރި މީހެއްކަން ހަދާން ނައްތާލާފައި ދުރުގައި އަބަދަށް އުޅެން ނިންމިތާ ކޮން ދުވަހެއްހެއްޔެވެ؟

"ހޫމް ކީކޭ......" ލުކުމާން ދުވަހަކުވެސް ވާހަކަ ނުދައްކާ ރާގަކަށް ވާހަކަދެއްކިއިރު އަޑުގައި ހަރުކަށިކަމެއްވިއެވެ.

"ލުކުމާން ކޮންތާކު ތިއުޅެނީ؟ " ބައްޕަވެސް ހުރީ ނުރުހިފައެވެ.

"މިހިރީ މާލޭގައި...."

"ކީއްވެ ގެއަށް ނާންނަނީ؟ އަހަރެން ޑޮކްޓަރަށް ދައްކަން އިންޑިއާއަށް ދާންކަމަށް މިއުޅެނީ. ވިއްސަކަށް ހާސް ރުފިޔާ ނެތްތަ؟ " ބައްޕަ އާދައިގެ މަތިން ފައިސާއަށް އެދުނެވެ. ލުކުމާންގެ ބައްޕައަށްވެސް އަމިއްލަ ދަރިފުޅަށްވުރެ ފައިސާ މުހިއްމެވެ. ދުވަހެއްގެ ކޮޅުން ލުކުމާން ނުފެނުނަސް ބަރާބަރަށް ފައިސާ ފޮނުވަނިކޮށް އޭނައަށް ފުދިދާނެއެވެ.

"ސަރުކާރުން ބޭސްކޮށްދޭއިރު ކޮންމެހެން ބޭރުތަންތަނަށް ބޮޑު ޚަރަދުކޮށްފައި ދިޔުމުގެ މާނައެއް އަހަންނަކަށް ނުފެނޭ. އަހަރެން އަންނާނަން ބައްދަލުކޮށްލަން. މިހާރު ވަޒީފާގައި ބިޒީކޮށް އުޅޭތީ ނާދެވެނީ. ހުރިހާކަމެއް ރަގަޅުތަ. ގަވައިދުން ބޭސްކަން ދޯ........." ލުކުމާން ފޯނު ސްޕީކަރަށް ލާފައި މެޓްމަތީ އޮށޯވެ ޑިޕްސް ޖައްސަންފެށިއެވެ.

"ބައްދަލު ނުކުރިޔަސް ޓިކެޓްނަގަން ރުފިޔާފޮނުވާ. ޑޮކްޓަރަށް ދެއްކީމަ ފުއްޕާމޭގެ ކެންސަރަށް ޝައްކުކޮށްފި........"

"އޯ....." ލުކުމާންއަށް ބުނެވުނެވެ.

ދުޝްމިނަކަށްވެސް އެފަދަ ނުރައްކާތެރި ބައްޔެއް ޖެހޭކަށް އޭނަ ނޭދޭނެއެވެ. އެއިވުނު ޚަބަރަކުން ހިތަށް އުދަގޫތަކެއް ވިނަމަވެސް ލުކުމާން އަމިއްލަ ނަފުސަށް ކަމެއް ހަދާންކޮށްލަދިނެވެ. ދުނިޔެއަކީ ވަގުތީ ހިޔާވަހިކަމެކެވެ. ކޮންމެވެސް ކަމެއްގައި ތާ އަބަދު ހިތާމަކުރުމަށްވުރެ އުފާވެރިކަމާއިއެކު ދިރިއުޅުނިއްޔާ މާ ރަގަޅުވާނެއެވެ. ކޮންމެކަމެއްވާނީ ރަގަޅަށެވެ. އޭގެ ހިކުމަތެއް ވާނެއެވެ. އެކަން ދެނެވޮޑިގަންވަނީ ހެއްދެވިފަރާތެވެ.

ބައްޕަ ބޭނުންވީ ލުކުމާން ގޮވައިގެން އިންޑިއާއަށް ދާށެވެ. ނަމަވެސް ލުކުމާން ވަޒީފާގެ އުޒުރު ދައްކާފައި އޭނަ ރަށު މީހަކާއިއެކު ބައްޕަ ފުރުވާލައިފިއެވެ. ހިތުގައި އޮތްހާ ކުލުނެއް އޭނަ ވަޅުލީ މިހުރިހާ ދުވަހު ބައްޕަ ކިޔާފައި ގޮވައިލި އިންސާނާގެ ހުރި ނުބައިކަން ފާޅުވެ ކުރިކަންތައް ހިތަށް އަރާފައެވެ. އެފަދަ މީހަކަށް އޭނަގެ ހަމްދަރުދީ ހައްގެއްނޫނެވެ.

ނަބީލާ އެތައްފަހަރު ސަވާނާ ކައިރީ އެދުނީ ލުކުމާންއާއި ވަކިވުމަށެވެ. އެކައިވެނި ހުއްޓާލުމަށެވެ. ނަމަވެސް ސަވާނާ ބުނީ އޭނައަށް ލިބުނު ނިކަމެތިކަމާއި ލަދުވެތިކަމުން އަރައިގަންނަން އޮތްހާ ފުރުސަތަކީ ލުކުމާންއާއި ކައިވެނިކުރުން ކަމުގައެވެ. އެކަކަށްވެސް އޭނަގެ ހިތުގައި އެޅި ވޭނާއި ލަދުގަތްވަރު އިހުސާސެއް ނުކުރެވޭނެއެވެ. އަލަތު ކައިވެންޏަށް ތައްޔާރުވެ ގާޒީންނާއި އެންމެން އައިސްފާވަނިކޮށް ލޯބިވެރިޔާ ނައުމުން އެކުވެރިންނާއި އާއިލާ މީހުން އަދި އޮފީސްމީހުންގެ ކުރިމަތީގައި އޭނަ ގަތްލަދާއި ވީ ދެރަ ހިތަށް އެރިޔަސް އޭނަގެ ހިތް ގެނބޭގޮތްވެއެވެ. ލުކުމާންފިލީ ނޫންކަމާއި މަންމަ ނިޔާވީކަން އެހެން މީހުންނަށް އަންގާކަށް ލުކުމާން ބޭނުމެއްނުވިއެވެ. ނަމަވެސް އޭނަ މިހުރީ އަލުން ކައިވެނި ކުރާށެވެ. ވީއިރު އޭނަ ފަސްޖެހެންވީ ކީއްވެހެއްޔެވެ؟

ލިވިއާ އަށް ލުކުމާންގެ ޖުމްލަތައް އިވުނީ ކަންފަތް ކައިރީ ޖެހި ހޮނުގުގުރިއެއް ފަދައިންނެވެ

"ކޯޓުގައި ކައިވެނި ކުރަނީއޭ؟ ލޫކް ޕްލީޒް ތި ކައިވެނި ހުއްޓާލާ. މިހާރު ކޮންދުވަހެއް . ނަންނިވެސް އެކަން ހަދާން ނައްތާލާހާ ދުވަސްވެއްޖެ. މިކަން އެނގިގެން ނަންނިއާއި އުމުރަށް މައްސަލަޖެހޭކަށްވެސް އަހަރެން ބޭނުމެއްނޫން. އޭރުން ލިބުނު އެއްޗަށްވުރެ ގެއްލޭ އެއްޗެހި ގިނަވާނެ. އަހަންނަށް އެކަން ވިސްނިއްޖެ. މިކަހަލަ ގޭމްތަކުގައި އެގޮތަށް މެރީކޮށްގެން ޔޫ މައިޓް ފޯލް ފޯ ހާ. އަހަރެން ބޭނުމެއްނޫން އެކަން އެހެންވާކަށް...." ލިވިއާ ލުކުމާން އަތުގައި އޮތް ފޯމު ވީދާލަން އުޅުމުން ލުކުމާން އެފޯމާއިއެކު އަތް މައްޗަށް ހިއްލައިލިއެވެ. ލުކުމާންއާއި އެކަށީގެންވާވަރުގެ އިސްކޮޅެއް ލިބިފައި ހުއްޓަސް ލުކުމާންގެ އަތުން އެ އަތުލެވޭހާ އޭނަ ދިގެއްނޫނެވެ.

"ސޮރީ ލިވީ..."

"ނަންނި ކައިރީ ބުނާނަން...."

"އައި ޑޯންޓް ކެއާ. ޑޫ ވަޓް އެވާ ޔޫ ވޯންޓް. އަހަރެން ތި ގޭމްގައި ބައިވެރިކުރީ އަހަރެން ބޭނުންވެގެނެއް ނޫން. އެއީ ލިވީގެ ކުށް. މިއަދު ގޭމް ނިންމާނީ އަހަރެން ބޭނުންވާގޮތަށް. އަހަރެން ނިންމާ ގޮތަކަށް ދެން ދާނީ......." ލުކުމާންގެ ސީރިޔަސްކަމުން ލިވިއާގެ ހިތަށް ބިރުވެރިކަން ވަނެވެ. މި ކުޅިގަނޑު ނިމޭނެގޮތެއް ލަފާކުރަން އޭނައަށް ދަތިވިއެވެ.

ލުކުމާންއާއި ސަވާނާ ކޯޓަށް ހާޟިރުވީއިރު ލުކުމާން ހުރީ ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއްގައެވެ.

(ނުނިމޭ)

comment ކޮމެންޓް