ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތީ ތަރައްގީއަށް ހުރަސް އެޅޭ: މިނިސްޓްރީ

ވިލާގެ ރިސޯޓެއްގެ މުވައްޒަފުން އިހުތިޖާޖުގައި --- ފޮޓޯ/ ޓްވިޓާ

ވިލާ ގުރޫޕުގެ ރިސޯޓުތަކުން ދައްކަންޖެހޭ ޓެކްސް ފައިސާ ނުދައްކާތީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށާއި ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅޭ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ވިލާ ގުރޫޕުން ވޭތުވެދިޔަ 10 މަސް ދުވަހު ޖީއެސްޓީއާއި ގްރީން ޓެކްސް ނުދައްކާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

ޓުއަރިޒަމް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތަށް ދައްކަން ޖެހޭ ޓްކްސް ފައިސާ ނުދައްކާ ރިސޯޓު ހިންގުމަކީ ޓުއަރިޒަމް ގާނޫނާ އަދި ޓެކްސް ގާނޫނާ ހިލާފުކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެއްޓަށް ލިބެންޖެހޭ އާމްދަނީ ނުލިބި ތަރައްގީއަށް ހުރަސް އެޅޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ފަތުރުވެރިންގެ ހިތްހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަކީ އެ މިނިސްޓްރީން އިސްކަންދޭ ކަމަކަށްވާތި ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޓީއާ މަޝްވަރާ ކުރަމުންދާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ވިލާ ގުރޫޕުގެ ހަތަރު ރިސޯޓަކަށް ކަސްޓަމްސްއާއި ފުލުހުން އަރައި ބަލާ ފާސްކޮށް ރާ ސްޓޮކުން ބައެއް ގެންގޮސްފައި ވަނިކޮށް ޓުއަރިޒަމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ މައްސަލާގައި ހޯދިދާނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވިލާ ގުރޫޕުގެ ބައެއް ރިސޯޓުތަކުން ބަނގުރާ އެތެރެކުރުމާއި ވިއްކުމުގައި އަމަލުކުރަން ޖެހޭ އުސޫލާ މުޅިން ހިލާފުވެފައިވާ ކަމަށެވެ. އަދި ވިލާގެ ބައެއް ރިސޯޓުތަކުން ދައްކަން ޖެހޭ ޖީއެސްޓީއާއި ގްރީން ޓެކްސް ނުދައްކާތީ އެ ފައިސާ ދައްކަން މިނިސްޓްރީން އަންގާފައިވާނެ ކަމަށެވެ.

މިހާރުވެސް ވިލާ ގުރޫޕުން ބައެއް ފަޅުތަކަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް