އޮއްސެމުންދިޔަ ދޮން އައްޔަގެ ތަރި އަރައިފި

ދިވެހި ފިލްމު ބޮސް ގެ ޕްރިމިޔާ ނައިޓުގައި ދޮން އައްޔަ --- ސަން ފޮޓޯ: ފަޔާޒު މޫސާ

މީގެ ގާތް ގަނޑަކަށް ދެ އަހަރު ކުރިން އަލީ އާޒިމް (ދޮން އައްޔަ) ދިން އިންޓަވިއު އެއްގައި ބުނި ވާހަކަ އަދިވެސް ހަނދާން އެބަހުއްޓެވެ. ފިލްމީ ދާއިރާގައި ފުރުސަތު ނެތް ވާހަކަ އާއި ދާއިރާ އާއި ދުރަށް ދާން ބޭނުންވާ ވާހަކައެވެ.

ނަމަވެސް މިއަދު މަންޒަރު ބަދަލުވެއްޖެއެވެ. ފިލްމީ ދާއިރާގައި އެންމެ ނަންހިނގާ ތަރިންގެ ލިސްޓަށް އައްޔަގެ ނަންވެސް އަރައިފިއެވެ. ގިނަ ފިލްމު ތަކުން ފުރުސަތު ލިބި، އޮއްސެމުން ދިޔަ އައްޔަގެ ތަރި އަނެއްކާވެސް ވިދަން ފަށައިފިއެވެ.

ދޮން އައްޔަ --- ފޮޓޯ: ޓްވިޓާ

މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީގެ ވީޑިއޯ ލަވައަކުން ރަސްމީކޮށް ކެމެރާ ކުރިމައްޗަށް އެރި ދޮން އައްޔައަށް ފިލްމަކުން އެންމެ ފުރަތަމަ ފުރުސަތު ދިނީ މިހާރު ފިލްމީ ދާއިރާއިން ރިޓަޔާކޮށްފައިވާ އަބްދުލް ފައްތާހުއެވެ. ފައްތާހުގެ "އާދޭސް"ގައި އައްޔަގެ ސައިޑް ރޯލެއް ފެނިގެން ދިޔައެވެ.

"އެންމެ ފަހު ވިންދާ ޖެހެންދެން، އާދޭސް، ދިލަކަނި ފަދަ ފިލްމުތަކުން އައްޔަގެ ރޯލުތައް ފެނިގެން ދިޔައެވެ. ނަމަވެެސް އެއީ ފާހަގަ ކުރެވޭ ވަރަށް ވުރެ ކުދި ރޯލުތަކެވެ.

ފިލްމީީ ދާއިރާ އެއްކޮށް ދޫކޮށްލަން ނިންމައިގެން ހުރި އައްޔަ، މުހިއްމު ރޯލުތަކެއް ކުޅުނު ތިން ފިލްމެއް މިދިޔަ އަހަރުވެސް ފެނުނެވެ. މިއަހަރު ގެ ލިސްޓު އަދި މާ ދިގެވެ.

ނޯޓީ 40ގައި އައްޔަގެ މުހިއްމު ރޯލެއް ފެނިގެން ދިޔަ --- ފޮޓޯ: ނޯޓީ40

ހުސްވި އަހަރު ފެނުނު އައްޔަގެ ފިލްމުތަކަށް ބަލާއިރު، ފައްތާހުގެ ފިލްމު "ހައްދު"ގައި އައްޔަގެ ވަރަށް ތަފާތު ރޯލެއް ވަނީ ފެނިގެން ގޮސްފައެވެ. މީގެ އިތުރުން ނޯޓީ 40 ގައި ސަމާސާ، ކޮމެޑި ރޯލަކުން އައްޔަ ފެނުނު އިރު ނަހުލާގެ ބޮސްގައި ބެލުންތެރިން ލޮލުން ކަރުނަ އަންނަ ވަރަށް ރޮއްވާލުމަށްފަހު އައްޔަގެެ މަސައްކަތުން ބެލުންތެރިން ހެއްވައިލިއެވެ.

މިއަހަރު އައްޔަ އަށް ވަރަށް ބިޒީއެވެ. އަހަރު އަލަށް އަޅުވާ ޔޫސުފް ޝަފީއު "ޔޫއްޕެ"ގެ ދެވަންސޫރަ އަކީ އައްޔަގެ ތަފާތު ރޯލެއް ފެނިގެންދާނެ ފިލްމެކެވެ. އެ ފިލްމުގައި އައްޔަ ކުރި މަސައްކަތުގެ ތަފްސީލަށް ގޮސް ކުރި މަރާލާކަށް އައްޔަ ބޭނުމެއް ނުވިއެވެ.

ދެވަންސޫރަ ގެ މަންޒަރެއްގައި އައްޔަ. ފިލްމުގައި ތަފާތު ރޯލަކުން ފެންނާނެ ކަމަށް ބުނި--- ފޮޓޯ: ފޭސްބުކް

"ދެވަންސޫރަ އިން ފެންނާނީ ވަރަށް ސަޕްރައިޒިން ރޯލަކުން. އެއަށްވުރެ އިތުރަކަށް ނުއެއް ބުނެވޭނެ. ހަމަ ގައިމުވެސް އެއީ އަހަރު ތެރޭ އަޅުވާނެ އެންމެ ވަރުގަދަ އެއް ފިލްމު،" ޒުވާން ތަރި ބުންޏެވެ.

މިދިޔަ އަހަރު އައްޔަގެ މުހިއްމު ރޯލެއް ފެނުނު ނޯޓީ 40ގެ ސީކުއެލް 40 ޕްލަސް ގައިވެސް އައްޔަގެ މުހިއްމު ރޯލެއް ފެންނާނެއެވެ. ފިލްމުގެ ޝޫޓިން ނިންމާލުމަށްފަހު އިއްޔެ އައްޔަ ވަނީ މާލެ އައިސްފައެވެ. އަނެއްކާވެސް މިމަހުގެ 25 ގައި ފިލްމު "ލީނާ" ގެ ޝޫޓިން އަށް ފުރާނެ ކަމަށް އައްޔަ ބުންޏެވެ.

ދޮން އައްޔަ --- ފޮޓޯ: ފޭސްބުކް

"މިއަހަރު ވާހަކަ ދެކެވިފަ އެބައޮތް 6 ނޫނީ 7 ފިލްމު. މަދުވެގެން ފަހެއް ނޫނީ ހަ ފިލްމު ފެންނާނެ މި އަހަރު،" މިއަހަރު ފެންނާނެ ކަމަށް ބެލެވޭ ފިލްމުތަކުގެ ތެރޭގައި ދެވަންސޫރަ ގެ އިތުރުން ލީނާ އަދި "ހައްޔަރު" އައްޔަ ފާހަގަ ކުރިއެވެ. ފޯޓީ ޕްލަސް ވެސް އަދި ތާވަލްކޮށްފައި އޮތީ މިއަހަރަށެވެ. އެކަމަކު ސިޔާސީ އޮއިވަރަށް އަންނަ ބަދަލަކާއެކު އަންނަ އަހަރަށް ފަސްވުންވެސް އެކަށީގެން ވެއެވެ.

"ޔާރާ ޕްރޮޑަކްޝަން އިން ހަދާ ފިލްމަކަށްވެސް ވާހަކަ ދައްކާފަ އޮތީ. އަދި އޭގެ އެހާ ބޮޑު ޑީޓެއިލް އެއް ނޭނގެ. އިތުރު ފިލްމެއްގެ ވާހަކަވެސް ދެކެވިފަ އޮތީ،" ފޯޓީ ޕްލަސްގެ ޝޫޓިން ނިންމާލުމަށްފަހު މާލެ އައިސް ބަނދަރު މަތީ ހުރެ "ސަން" އަށް ދިން އިންޓަވިއު އެއްގައި އައްޔަ ބުންޏެވެ.

މީގެ ދެ އަހަރު ވަރު ކުރިއަށް ޖެހިލާއިރު ފިލްމީ ދާއިރާ ދޫކޮށްލަން ނިންމައިގެން ހުރި އައްޔަ އަކީ މިއަދު ދިވެހި ސިނަމާގައި ހުރި އެންމެ ޑިމާންޑް ބޮޑު އެއް ތަރިއަށް މިވަނީ ވެފައެވެ.

comment ކޮމެންޓް