''ކުޑަ އަގެއްގައި'' މެންޔޫއަށް ރޮނާލްޑޯ ދޫކޮށްލަން ރެއާލުން ނިންމައިފި!

ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ފަސް ބެލަންޑިއޯ އާއެކު-- ފޮޓޯ: އޭޕީ

ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފަރގައި ޕޯޗްގީޗް ސުޕަރ ސްޓަރ ކްރިސްޓިއާނޯ ރޮނާލްޑޯ "ކުޑަ އަގެއްގައި" ނަމަވެސް މެންޗެސްޓާ ޔުނައިޓެޑް ނުވަތަ ޕީއެސްޖީއަށް ދޫކޮށްލުމަށް އޭނާ މިހާރު ކުޅެމުންދާ ރެއާލް މެޑްރިޑުން އެންމެފަހުން ނިންމައިފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސެންޓިއާގޯ ބެރްނަބެއުގެ މަސްދަރަކާ ހަވާލާދީ ޔާހޫ ސްޕޯޓްސް އިން ބުނެފައިވާގޮތުން، ރެއާލް މެޑްރިޑާ މެދު ރޮނާލްޑޮ ހިތްހަމަ ނުޖެހިގެން އުޅެނީ މައިގަނޑު ދެ ސަބަބަކާ ހުރެއެވެ. އެއީ ސްޕެއިންގައި އޭނާއަށް ކުރިމަތިވެފައިވާ ޓެކްސް މައްސަލައިގައި އޭނާއަށް މާބޮޑު އަޅާލުމެއް ކްލަބުން ނުދިނުމާއި، ބާސެލޯނާއިން މެސީއަށް ދީފައިވާ ވަރުގެ އާ އެއްބަސްވުމެއް ހުށަނޭޅުމެވެ.

ރެއާލްގެ ޕްރެޒިޑެންޓް ފްލޮރެންޓީނޯ ޕެރޭޒް މީގެ ކުރީން ވިދާޅުވެފައިވަނީ، މީގެ 14 މަސް ދުވަސްކުރީން އެ ކްލަބުން ރޮނާލްޑޯއާއެކު އާކޮށްފައިވާ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓާ މެދު ރޮނާލްޑޯ ހިތްހަމަޖެހެން ވާނޭ ކަމަށެވެ.

އެހެން ނަމަވެސް މިހުރިހާ ކަމަކާއެކު ވެސް ރޮނާލްޑޯގެ ފަރާތުން ކްލަބު ދޫކޮށް ދިއުމުގެ އަޑުތައް އަރަމުންދާތީ އެންމެ ފަހުން، ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ދޫކޮށްލަން ކްލަބުން ނިންމާފައިވާ ކަމަށް ޔާހޫ ސްޕޯޓްސް ރިޕޯޓްކުރެއެވެ.

ހަމަ އެހެންމެ، ރޮނާލްޑޯއަށް ޝައުގުވެރިކަން ފާޅުކުރާ ކްލަބެއް އަތުން ބޮޑު ފީއަކަށް ޑިމާންޑް ނުކުރުމަށް ކްލަބުގެ ރައީސް ޕެރޭޒް ނިންމަވާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ ހަތްވަރަކަށް އަަހަރު ކުރީން މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑަށް ރޮނާލްޑޯ ބަދަލުވީ އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 80 މިލިއަން ޕައުންޑަށެވެ. އެހެންކަމުން މިހާރު ގާތްގަނޑަކަށް 88 މިލިއަން ޕައުންޑުގެ އަގަކަށް އޭނާ ދޫކޮށްލަން ރެއާލުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރަމުންދަނީ އޭނާގެ ކުރީގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑުންނެވެ. ބޮޑު ފީއަކަށް އާސެނަލްގެ އެލެކްސް ސަންޗޭޒް ގެނައުމުގެ މަގުމަތީގައިވާ ޔުނައިޓެޑުން ހަމަ އެފަދަ ބޮޑު ފީއަކަށް ރޮނާލްޑޯ ގެންނަނަށް ޝައުގުވެރި ވެދާނޭތޯ މިއީ އުފެދޭ ސުވާލެކެވެ.

މީގެ އިތުރުން ރެއާލުން ޕީއެސްޖީގެ ނޭމާއަށް ފާރަލަމުން ދާއިރު، ރަނގަޅު އަގަކާއެކު ރޮނާލްޑޯއާ ނޭމާ ބަދަލުކޮށްލުމަކީވެސް އެކަށީގެން ވާކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް