ހިންނަވަރުގައި ލޯފަން ކުއްޖަކު އޯލެވެލްގައި ބައިވެރިވި ހުރިހާ މާއްދާއަކުން ފާސްވެއްޖެ!

މަރިޔަމް އާމާލް އަބްދުﷲ(ކ) އޭނާގެ މަންމައާ އެކު--ފޮޓޯ/ ޅ. އަތޮޅު ތައުލީމީ މަރުކަޒު

ޅ. އަތޮޅު ހިންނަވަރުގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމު ހާސިލު ކުރި ލޯފަން ކުއްޖަކު އޯލެވެލްގައި އޭނާ ބައިވެރިވި ހުރިހާ މާއްދާއަކުން ފާސްވެއްޖެއެވެ.

ހުރިހާ މާއްދާއަކުން ފާސްވެފައިވަނީ ޅ. ހިންނަވަރަށް ނިސްބަތްވާ މަރިޔަމް އާމާލް އަބްދުﷲއެވެ.

މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުގައި އޭނާ ބައިވެރިވެފައިވަނީ ޖުމްލަ ހަތަރު މާއްދާއެއްގައެވެ. އެއީ އިސްލާމް، ދިވެހި، އެކައުންޓްސް އަދި ހިސާބު މާއްދާއެވެ. އެ ހުރިހާ މާއްދާ އަކުން އޭނާ ވަނީ ސީ ފާސް ހޯދައިފައެވެ.

ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ފަޒްނާ ޔޫސުފް މިރޭ "ސަން"އަށް ވިދާޅުވީ އާމަލްއަކީ ވަރަށް މޮޅު ކުއްޖެއް ކަމަށާއި އޭނާއަށް ލިބުނު ނަތީޖާއާ މެދު މުޅި ސްކޫލުވެސް ފަހުރުވެރިވާ ކަމަށެވެ.

"ވަރަށް ބޮޑަށް ފަހުރުވެރިވޭ. އެ ނަތީޖާއަކީ ފަަހަގަކޮށްލެވޭ ފަދަ މޮޅު ނަތީޖާއެއް،"

އާމާލްއަށް ލިބުނު ނަތީޖާގެ ވާހަކަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްވެސް ވަނީ މިއަދު ފާހަގަ ކުރައްވާފައެވެ. އަދި މިނިސްޓަރު ވަނީ އާމާލްއަށް މަރުހަބާވެސް ވިދާޅުވެފައެވެ.

އާމާލް ހުރިހާ މާއްދާއަކުން ފާސްވިއިރު ކަލާފާނު ސްކޫލުގައި މިދިޔަ އަހަރު ތައުލީމް ހާސިލް ކުރި މުހައްމަދު ރައިޝަންވަނީ އޯލެވެލްގައި ފަސް މާއްދާއިން އޭ ފާސް، އަދި އިނގިރޭސި މާއްދާއިން އޭ ސްޓާއެއް ހޯދާފައެވެ.

އެކާމިޔާބީ ފާހަގަކޮށް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ މިއީ ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލަން ޖެހޭ ނަތީޖާއެއް ކަަމަށާއި އެއްޗެސް ކުއްޖަކު ބާކީ ނުކޮށް ތައުލީމު ދިނުމަށް ސަރުކަރުން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަަމަށެވެ.

comment ކޮމެންޓް