އައިޖީއެމްއެޗުގެ އިހުމާލުން ކުޑަކުއްޖަކަށް އަހަރު ދުވަހުގެ ފަރުވާދޭން ޖެހުނު ކަމުގެ ޝަކުވާ!

އައިޖީއެމްއެޗް ހޮސްޕިޓަލް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އައިޖީއެމްއެޗް ޑޮކްޓަރުންގެ އިހުމާލުން އަހަރު ދުވަހުގެ އެންޓި ބޮޑީސް ޓްރީޓްމެންޓެއް ދޭން ޖެހިފައިވާ ކަމަށް ބުނެ އާންމު ފަރުދަކު މީސް މީޑިއާއަށް ޝަކުވާތައް ބަންޑުން ކޮށްލައިފި އެވެ.

ކުއްޖާގެ ބައްޕަ ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހު އައިޖީއެމްއެޗްގައި އޭނާގެ ދަރިފުޅު އެޑްމިޓްކުރި ކަމަށެވެ. އަދި ކުއްޖާއަށް އެއްވެސް އެއްޗެއް ނުދިރޭ ކަމަށާއި އިޝާރާތެއް ނުކުރާ ކަމަށް ބުނުމުން ގަދަކަމުން ކާންދިނީމަ ރަނގަޅު ވާނެ ކަމަށް ޑޮކްޓަރުން ލަފާ ދެއްވި ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

އެގޮތަށް ތިން ދުވަހު ބޭއްވުމަށް ފަހު ރަނގަޅު ނުވުމުން އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދަން އެދުމުން "ބޭކާރު ކަމެއް" ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

"ބޭރަށް ގެންދަން ސިޓީއެއް ދޭން އެދުމުން އާދައިގެ ހުމެއް ކަމަށް ބުނީ. ދެން ސިޓީ ދިނީ ޕޭރެންޓް އަމިއްލަޔަށް ބޭރަށް ގެންދަނީ ކަމަށް،" ކުއްޖާގެ ބައްޕަ ބުންޏެވެ.

އާއިލާގެ ފަރާތުން ކުއްޖާ ސްރީލަންކާއަށް ގެންގޮސް ނަވަލޯކާ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމުން ކުއްޖާގެ 'ބްރެއިން ސްޓެމް"އަށް އިންފެކްޝަނެއް ޖެހިފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ލޮލުގެ ފެނުން ދައްވެ މައިބަދަ މަސައްކަތް ކުރުން ހުއްޓި ކަރުގައި އުފެދުނު ބެކްޓީރިއާ ސިކުނޑިއަށް ގޮސްފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.

ނަމަވެސް މިހާރު ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އެކަމަކު އެއް އަހަރު ދުވަހުގެ އެންޓި ބޮޑީ ޓްރީޓްމެންޓެއް ދޭން ޖެހުމަކީ އައިޖީއެމްއެޗްގެ އިހުމާލުން ވީ ކަމެއް ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.

އައިޖީއެމްއެޗްގެ ޑިރެކްޓަރު ޕަބްލިކް ރިލޭޝަންސް އަހްމަދު މައުސޫމް ވިދާޅުވީ އެފަދަ މައްސަލައެއް ރަސްމީކޮށް އެ ހޮސްޕިޓަލަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މީސް މީޑިއާގައި އެވާހަކައުޅޭތީ ކިހިނެތް ވީ ކަމެއްތޯ ބެލުމަށް މެޑިކަލް ޑިޕާޓްމެންޓުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެފަދަ މައްސަލައެއް ދިމާވެއްޖެއްޔާ އޮންނާނެ އުސޫލުތަކެއް މައްސަލަ ހުށަހަޅަން މިކޮޅަށްވެސް ހުށަހެޅޭނެ. ހެލްތް މިނިސްޓްރީއަށް ވެސް ހުށަހަހެޅޭނެ. ސޯޝަލް މީޑިއާ (މީސް މީޑިއާ)ގައި ލިޔުމަކީ އެންމެ ޒިންމާދާރު ގޮތެއް ނޫން،" މައުސޫމު ވިދާޅުވި އެވެ.

މައުސޫމު ވިދާޅުވީ އެކަމާ ގުޅޭ އިތުރު އެއްޗެއް ބުނަން އެނގޭނީ ދެވިފައި ހުރި ފަރުވާތައް ބެލުމަށް ފަހު ކަމަށެވެ.

comment ކޮމެންޓް