ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު އެއް މޮޓޯ ޔޮޓު ރާއްޖޭގައި!

މޮޓޯ ޔޮޓް "އޭ" ރާއްޖޭގައި ބަނދަރު ކޮށްފައި --- ސަން ފޮޓޯ/ ހުސެއިން ތައުފީގު

ދުނިޔޭގެ އެންމެ އަގުބޮޑު، މަޝްހޫރު އަދި އެންމެ ބޮޑެތި މޮޓޯ ޔޮޓްގެ ލިސްޓުގައި ވެސް ހިމެނޭ ޔޮޓެއް ރާއްޖޭގައި ބަނދަރު ކޮށްފިއެވެ.

ދޫނިދޫ ކައިރީގައި މިއަދު ހެނދުނު ބަނދަރުކުރި "މޮޓޯ ޔޮޓް އޭ" ނުވަތަ ކުރުކޮށް "އޭ"ގެ ނަން ދީފައިވާ އެ ޔޮޓަކީ، ދުނިޔޭގެ މަޝްހޫރު ޔޮޮޓްތައް ރޭންކު ކުރާ ވެބްސައިޓު ތަކުން ބުނާ ގޮތުން ދުނިޔޭގައި އޮތް އެންމެ އަގުބޮޑު 10 ޔޮޓްގެ ތެރެއިން ހަ ވަނަ އަށް އެންމެ އަގުބޮޑު ޔޮޓެވެ.

އެގޮތުން އެ ޔޮޓުގެ އަގަކީ 323 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ހަބަރުތައް ބުނެ އެވެ.

މޮޓޯ ޔޮޓް "އޭ" --- ފޮޓޯ/ ކްރިސްޓަފާ ރުޑްކުއިސްޓް

މައުލޫމާތު ލިބިފައިވާ ގޮތުގައި "މޮޓޯ ޔޮޓް އޭ" ރާއްޖެ އައިސްފައި ވަނީ އޮމާންގެ ސަލަލާހް ޕޯޓުން މިމަހުގެ ދެވަނަ ދުވަހު ފުރައިގެންނެވެ.

ނަމަވެސް އޭތި ރާއްޖޭގައި ބަނދަރު ކުރި ސީދާ ދުވަހެއް އަދި ދެން ދާން އޮތް މަންޒިލެއް ނޭނގެ އެވެ.

ދުނިޔޭގެ އެތައް މަޝްހޫރު ޔޮޓްތަކެއް ފަރުމާ ކޮށްފައިވާ ސުޕާޔޮޓް ޑިޒައިނަރު ފިލިޕޭ ސްޓާކް އަދި މާޓިން ފްރޭންސިސް ޑިޒައިންކޮށް ދުނިޔޭގެ ދެވަނަ އެއްނެތް ޖަރުމަނުގެ ޝިޕްބިލްޑިން އަދި އިންޖިނިއަރިން ކުންފުންޏެއް ކަމަށްވާ ބުލޮމް އެންޑް ވޮސް އިން ހަދާފައިވާ އެ ޔޮޓަކީ ރަޝިއާގެ މަހުޖަނެއް ކަމަށްވާ އެޑްރޭ މެލްނިޗެންކޯ އާއި އޭނާގެ އަންހެނުންގެ ޔޮޓެކެވެ.

މިލްކިއްޔާތުގައި 13 ބިލިއަން އެމެރިކާ ޑޮލަރު ހުރި އެންޑުރޭ އަކީ ކޯލް ނުވަތަ ބޯޓުދެލި އުފައްދާ ރަޝިއާގެ އެންމެ ބޮޑު ކުންފުނި، ސައިބީރިއަން ކޯލް އެނާޖީ ކޮމްޕެނީ އަދި ކެމިކަލް ކުންފުންޏެއް ކަމަށްވާ ޔޫރޯޗެމް ގެ ވެރިޔާ އެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުން އެ ޔޮޓަށް "އޭ" ގެ ނަން ދެވުނީ އެންޑުރޭ އަދި އޭނާގެ އަންހެނުން އަދި ސާބިއަންގެ މޮޑެލް އެލެކްސެންޑުރާ ނިކޮލިކްގެ ނަން ފެށޭ އަކުރަށް ވުމުންނެވެ. ނަމަވެސް އެ ނަމުގެ އަސްލު ބޭނުމަކީ ޝިޕިން ރެޖިސްޓަރީތަކުގެ އެންމެ ކުރީގައި އެ ޔޮޓުގެ ނަން އޮތުމެވެ.

ކަނޑު އަޑީގައި ދުއްވާ ސަބްމެރީން ނުވަތަ އެމެރިކާގެ ނޭވީގައި ބޭނުންކުރާ ޒުމްވޯލްޓް މަރުކާގެ ހަނގުރާމަމަތީ ބޯޓަކާ ވައްތަރު ގޮތަކަށް ބަދެ 2008 ވަނަ އަހަރު ބޭލި "މޮޓޯ ޔޮޓް އޭ" އަކީ 400 ފޫޓު ދިގު އަދި 6000 ޓަނު ބަރު ލަގްޒަރީ ޔޮޓެކެވެ.

އެގޮތުން ޔޮޓުގެ އެތެރޭގައި 24000 އަކަފޫޓުގެ ޖާގައެއް ހިމެނޭއިރު 2500 އަކަފޫޓުގެ މާސްޓާސް ބެޑްރޫމަކާއި ޑިސްކޯއެއް ހިމެނެ އެވެ. އަދި ހަ ގެސްޓް ސޫޓް ހިމެނޭއިރު ޖުމްލަ 14 ގެސްޓުންނަށް އެއް ފަހަރާ އެ ޔޮޓުގައި އުޅެވޭނެ އެވެ.

އޭގެ އިތުރުން ޔޮޓުގެ ޑެކުގައި ހެލިކޮޕްޓަރު ހޭންގަރަކާއި ބޯޓުގެ އެތެރެއަށް 30 ފޫޓުގެ ސްޕީޑް ބޯޓެއް ވައްދާލެވޭނެ ޖާގައެއް ހުންނައިރު ޔޮޓުގައި ތިން ސުވިމިން ޕޫލް އޮވެއެވެ. އޭގެ ތެރެއިން އެ ޕޫލަކީ ތިރިން ބިއްލޫރި ޖަހާފައި އޮންނަ ޕޫލެކެވެ.

comment ކޮމެންޓް