އޮލިމްޕިކްސްއަށް ތައްޔާރުވުމުގެ ގޮތުން އުތުރު ކޮރެއާގެ ޑެލިގޭޝަނެއް ދެކުނަށް

އުތުރު ކޮރެއާގެ ޑެލިގޭޝަނުގައި އިސްކޮށް ހުންނެވީ އެގައުމުގެ ލަވަކިޔުންތެރިޔާ ހުޔޮން ސޮންގް ވޫ -- ފޮޓޯ: ރޮއިޓާސް

ސޯލް (ޖެނުއަރީ 21): ދެކުނު ކޮރެއާގައި އަންނަ މަހު ބާއްވާ ވިންޓާ އޮލިމްޕިކްސްގައި އުތުރު ކޮރެއާއިން ބައިވެރިވުމަށް ތައްޔާރުވުމުގެ ގޮތުން އުތުރުގެ ޑެލިގޭޝަނެއް މިއަދު ދެކުނަށް ގޮސްފިއެވެ.

ދެކުނު ކޮރެއާގެ ނޫސް ޗެނަލް ވައިޓީއެން އިން ބުނި ގޮތުގައި އުތުރުގެ ޑެލިގޭޝަނުން އެގައުމަށް ކުރާ ދެ ދުވަހުގެ ދަތުރުގައި އޮލިމްޕިކް އިވެންޓްސް ބާއްވަން ހަމަޖެހިފައިވާ ތަންތަނަށް ޒިޔާރަތް ކުރާނެ އެވެ.

ހަތް މެމްބަރުން ހިމެނޭ އެޑެލިގޭޝަނުގައި އިސްކޮށް ހުންނެވީ އުތުރު ކޮރެއާގެ ލަވަކިޔުންތެރިޔާ އަދި އެގައުމުގެ އެންމެ ނުފޫޒު ގަދަ އަންހެނުންގެ ތެރޭގައި ހިމެނޭ ހުޔޮން ސޮންގް ވޫ އެވެ.

އެއީ މިދިޔަ މޭ މަހު ދެކުނު ކޮރެއާގެ ރައީސް ކަމަށް މޫން ޖޭ އިން ވަޑައިގަތް ފަހުން އުތުރުގެ އޮފިޝަލުން އެގައުމަށް ދިޔަ ފުރަތަމަ ފަހަރެވެ.

އަންނަ މަހުގެ ނުވަޔަކުން 25އާ ހަމަޔަށް ބާއްވާ އޮލިމްޕިކް ގޭމްސްގައި އުތުރު ކޮރެއާގެ 22 އެތުލީޓުން ބައިވެރިވާނެ ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވަނީ ބުނެފައި އެވެ. (ރޮއިޓާސް)

comment ކޮމެންޓް