އަމީނިއްޔާގެ ބާ އިމާރާތް ތަޅާލައި އެ ބިން އިތުރު ހަރަކާތްތަކަށް!

ޖެނުއަރީ 14، 2018: ދޮޅު މަހަށް ވުރެ ދިގު ޗުއްޓީއަކަށް ފަހު، 81،000 ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒަމާންތަކެއް ވަންދެން އަމިނީއްޔާ ސްކޫލުގެ ބެލެނިވެރިންގެ ކަންބޮޑުވުމަކަށްވީ އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ސްކޫލުގައި އޭރު ހުރި އިމާރާތްތަކުގެ ފެންވަރު ދަށްވެ ދަރިވަރުންނަށް އެތަންތަނުގައި ރައްކާތެރިކަމެއް ނެތުމެވެ. އެ އުންމީދުތަކުގައި އެތައް ދުވަހެއް ފާއިތުވެގެން ދިޔަ ފަހުން ސަރުކާރުންވަނީ 119 މިލިއަން ރުފިޔާ ހަރަދުކޮށްގެން މުޅިން އާ އިމާރާތެއް އެ ސްކޫލުގައި އަޅައިފައެވެ.

އާ އިމާރާތާ އެކު އެ ސްކޫލުގައި ކިޔަވަމުންދާ 2000 އަށް ވުރެ ގިނަ ކުދިންނަށް ކުރިން ކުރިމަތިވަމުން ދިޔަ ޖާގައިގެ ދަތިކަން ވަނީ ހައްލުވެފައެވެ. އާ އިމާރާތުގައި 54 ކްލާސް ރޫމް ހުންނައިރު ޝެޝަނެއްގައި އެއްފަހަރާ 1620 ކުދިންނަށް ތިބެވޭނެ ޖާގަ އެ އިމާރަތުގައި ހުރެއެވެ.

ޖެނުއަރީ 14، 2018: ދޮޅު މަހަށް ވުރެ ދިގު ޗުއްޓީއަކަށް ފަހު، 81،000 ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިހަ ބުރިއަށް ހިއްލާލި ފުރިހަމަ އިމާރާތާއެކު އެންމެ ބޮޑު ސުވާލަކަށްވީ އެ ސްކޫލުގެ ބާ އިމާރާތްތައް ހުރި ސަރަހައްދަށް ދެން ވެގެންދާނެ ގޮތެކެވެ. އެ އިމާރާތްތައް ތަޅާލުމަށްފަހު އެ ސަރަހައްދުގައި އިތުރު ހަރަކާތްތައް ބޭއްވޭނެ ޖާގައެއް ތަނަވަސް ކުރާނީތޯ ނުވަތަ މިހާރު ހުރި ވަރުގެ އިތުރު އިމާރާތެއް ތަރައްގީ ކުރާނީތޯ؟ މިއީވެސް ބެލެނިވެރިން އުފެއްދި ސުވާލު ތަކެވެ.

"ސަރުކާރުން މިވަނީ މި ސްކޫލްގެ ދަރިވަރުންނަށާއި ބެލެނިވެރީންނަށް، އަދި ސްކޫލަށް ވަރަށް ފުރިހަމަ މަސައްކަތެއް ކޮށްދެއްވާފައި. އެހެން ނަމަވެސް މި ބޮޑު ރީތި އިމާރާތުގެ ހިތްގައިމުކަން އަދި ނުފެނޭ. ކުރިމަތީގައި ހުރި ބާ އިމާރާތްތަކުގެ ސަބަބުން އެވަނީ އާ އިމާރާތުގެ ހައިބަތާއި ރީތިކަން ގެއްލިފައި،" އެ ސްކޫލުގެ ބެލެނިވެރިއަކު ބުންޏެވެ.

ބައެއް ބެލެނިވެރިންގެ ނަޒަރުގައި އެ ސަރަހައްދުގައި މިނީ ޓާފް ދަނޑެއް ނުވަތަ ބާސްކެޓް ކޯޓެއް ކަހަލަ ތަނެއްވެސް ތަރައްގީ ކުރެވިދާނެއެވެ. ނުވަތަ ދަރިވަރުންނަށް ހިތްހަމަޖައްސާލަން ތިބެވޭނެ ކަހަލަ ޕާކެއްވެސް ތަރައްގީ ކުރެވިދާނެ ކަމަށް ބައެއް ބެލެނިވެރިން ވަނީ ބުނެފައެވެ.

ޖެނުއަރީ 14، 2018: އަމީނިއްޔާ ސްކޫލްގެ އާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަމީނިއްޔާއަކީ މިހާރު މާލޭގައި އޮތް އަދި މުޅި ރާއްޖެއަށް ބެލިކަމުގައިވީ ނަމަވެސް އެންމެ އާބާދީ ބޮޑު ސްކޫލް. މިތަނުގައި އިތުރު ހަރަކާތްތައް ހިންގަންވެސް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ، މިހާރު މިހިރަ ބާ އިމާރާތް ތަޅާލާފައި އެތަނުގައި ޓާފެއް އަޅައި، އަދި އެތެރޭގައި ސިމެންތި ކޯޓެއްވެސް ހަދާލާފައި އޮންނަ ނަމަ. މިތަނުގެ ތެރޭގައި ފުދޭވަރުގެ ބޮޑު ބިމެއް އެބައޮތް،" އަމީނިއްޔާގެ ބެލެނިވެރިއަކު ބުންޏެވެ.

އިތުރު ބެލެނިވެރިއަކު ބުނީ، "ގިނަ ކުދީންތަކެއް ހެލިފެލިވެ އުޅޭ ސަރަހައްދަކަށް ވުމުން އަމީނިއްޔާ ކައިރީ މިހާރުވެސް ސްކޫލް ގަޑިތަކުގައި ވަރަށް ބޮޑަށް ޓްރެފިކް މައްސަލަ އެބަ ދިމާވޭ. ސްކޫލްގެ އިންފާރު ހުރި ސަރަހައްދަށް ކުޑަ ބަދަލެއް ގެނެސްފި ނަމަ، މިސާލަކަށް ލިލީމަގަށްވާ ހިސާބުވެސް ފުޅާވެސް ކޮށްލެވިދާނެ. އޭރަށް އެ މަގުގެ ޓްރެފިކަށްވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެ،" ކަމަށެވެ.

އެކަމާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ގެންގުޅެނީ އެ ސްކޫލުގެ ބެލެނިވެރިންވެސް ބޭނުންވާ ޒާތުގެ ތަޞައްވުރެކެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބޭނުންވަނީ ބާ އިމާރާތްތައް ތަޅާލައި އެ ސަރަހައްދު އިތުރު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށް ތަރައްގީ ކުރުމަށެވެ.

" ވަރަށް ބޮޑަށް އަމީނިއްޔާ ސްކޫލަށް އެބަ ބޭނުންވޭ ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެ ސަރަހައްދެއް. އެހެން ކަމުން މިނިސްޓްރީން މިހާރު ނިންމާފައިވަނީ ބާ އިމާރާތްތައް ތަޅާލައި އެ ސަރަހައްދުގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދެވޭ ފަދަ ގޮތަކަށް އެތަން ތަރައްގީ ކުރަން،" އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.

އެ ސަރަހައްދު ތަރައްގީ ކުރުމަށް އެޑިޔުކޭޝަނުން ހާއްސަ ޕްލޭނެއް ގެންގުޅޭއިރު އެ މަސައްކަތް މިހާރުވެސް ވަނީ ފަށާފައެވެ. އެގޮތުން މިހާރު މަސައްކަތް ކުރަމުންދަނީ ބާ އިމާރާތްތައް ތަޅާލާނެ ބަޔަކު ހޯދުމުގެ މަސައްކަތެވެ.

" މިހާރު އެ އިމާރަތް ތަޅާލާނެ ބަޔަކު މި ހޯދަނީ. ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެންދާނެ. ބޮޑަށް މި ބަލަނީ ކުންފުންޏެއްގެ ސީއެސްއާރްގެ ތެރެއިން އެ ސްކޫލުގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެ ބިން ތަރައްގީ ކުރާނެ ބަޔަކު ވޭތޯ،" އިބްރާހީމް އިސްމާއީލް ވިދާޅުވިއެވެ.

އެޑިޔުކޭޝަނުން ގެންނަން މިއުޅޭ ބަދަލާ އެކު އަމީނިއްޔާގެ ޖާގަ އިތުރަށް ތަނަވެސްވެގެންދާނެ ކަން ކަށަވަރެވެ. އަދި އެ ސަރަހައްދު ތަރައްގީ ވެގެންދާއިރު ބެލެނިވެރިންނާއި ދަރިވަރުން ހިތްހަމަޖެހޭ ގޮތަކަށް އެތަން ތަރައްގީ ވެގެންދާނެ ކަމުގެ ޔަގީންކަން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ.

comment ކޮމެންޓް