ހަތިޔާރު އަޅައިގެން ތިބި ބަޔަކު ކާބުލްގެ ހޮޓަލަކަށް ހަމަލާދީ ފަސް މީހަކު މަރާލައިފި

ކާބުލްގެ އިންޓަކޮންޓިނެންޓަލް ހޮޓެލުގެ އެންމެ މަތީ ފަންގިފިލާއިން ދުން އަރާ މަންޒަރު ވަނީ ފެނިފައި -- ފޮޓޯ: ރޮއިޓާސް

ކާބުލް (ޖެނުއަރީ 21): އަފްޣާނިސްތާނުގެ ކާބުލްގައި ހުންނަ އިންޓަކޮންޓިނެންޓަލް ހޮޓަލަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަދެ ބަޑިން ހަމަލާދީ ފަސް މީހަކު މަރާލައި، ހަ މީހަކު ޒަހަމްކޮށްފި އެވެ.

އަފްޣާން އޮފިޝަލުން ވިދާޅުވި ގޮތުގައި ރެއިން ފެށިގެން 12 ގަޑި އިރު ވަންދެން އެހޮޓެލް އޮތީ ތިން މީހެއްގެ ހިސާރުގެ ދަށުގައި ނަމަވެސް، ސަލާމަތީ ފައުޖުތަކުން ވަނީ އެތިން މީހުންވެސް މަރާލައިފައެވެ. އަދި ސިފައިން ވަނީ ހޮޓެލުގައި ރަހީނުކޮށްފައި ތިބި 150އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފައި ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.

އެހަމަލާ ދީފައި ވަނީ ކާބުލްގެ ހޮޓަލަކަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަފްޣާނުގައި ހުންނަ އެމެރިކާ އެމްބަސީން ބުނި ފަހުންނެވެ. އެގޮތުން "ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކުން" އާއްމު ތަންތަނަށާއި ސަރުކާރުގެ އިދާރާތަކަށާއި ފަތުރުވެރިން އެއްވެ އުޅޭ ތަންތަނަށް ހަމަލާދީފާނެ ކަމުގެ އިންޒާރު އެ އެމްބަސީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދީފައެވެ.

ދައުލަތުގެ ލަގްޒަރީ ހޮޓަލެއް ކަމަށްވާ އިންޓަކޮންޓިނެންޓަލް ހޮޓެލަކީ ކައިވެނި ހަފްލާތަކާއި ކޮންފަރެންސްތަކާއި ސިޔާސީ އެއްވުންތައް އާއްމުކޮށް ބާއްވާ ތަނެކެވެ. އަދި މީގެ ކުރިންވެސް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަނީ އެހޮޓަލަށް ހަމަލާދީފައެވެ. އެގޮތުން 2011 ވަނަ އަހަރު ތާލިބާނުން ދިން ހަމަލާއެއްގައި 12 މީހަކު ވަނީ މަރުވެފައެވެ. (ބީބީސީ)

comment ކޮމެންޓް