ކޮކާ-ކޯލާ ކުންފުނިން އުފައްދާ ހުރިހާ ފުޅިއެއް ރީސައިކަލް ކުރަން ނިންމައިފި

ކޮކާކޯލާ ގެ ފުޅިތަކެއް --

ކޮކާ-ކޯލާ ކުންފުނިން އުފައްދާ ހުރިހާ ފުޅިއެއް 2030 ވަނަ އަހަރު ނިމެންވާއިރަށް ރީސައިކަލް ކުރަން އެ ކުންފުނިން ނިންމައިފިއެވެ.

ކޮކާކޯލާއާ ހަވާލާދީ ރިޕޯޓްތަށް ބުނާގޮތުގައި، ކަނޑަށާއި އެއްގަމަށް އަޅާ ކުނި މަދު ކުރުމުގެ ގޮތުން އެކުންފުނީގެ އުފެއްދުންތަކުގެ ޕެކޭޖިން ރީސައިކަލް ކުރެވޭގޮތް ހެދުމަށް އިންވެސްޓް ކުރަން ވަނީ ނިންމައިފައެވެ.

ކޮކާކޯލާއިން ވަނީ ޕްލާސްޓިކް ފުޅީގެ ސަބަބުން ތިމާވެއްޓަށްކުރާ ގެއްލުމާމެދު ކަންބޮޑުވުން ފާޅުކޮށް އެކަމަށް ހައްލު ގެނައުމުގެ މަސައްކަތް ފަށާފައިވާ ދުނިޔޭގެ ބޮޑެތި މަލްޓިނޭޝަނަލް ކުންފުނިތަކާ ގުޅިގެން މަސައްކަތް ފަށައިފައެވެ.

ދުނިޔޭގެ މަޝްހޫރު މިނަރަލް ވޯޓާ ބްރޭންޑެއްކަމަށްވާ އެވިއާން އިން ބުނެފައިވަނީ އެކުންފުނީގެ ޕްލާސްޓިކް ފުޅިތައް 2025 ވަނަ އަހަރު ނިމެންވާއިރަށް ރީސައިކްލް ކުރާނެ ކަމަށެވެ.

ކޮކާކޯލާގެ އެންމެ ވާދަވެރި އެއް ބްރޭންޑް ކަމަށްވާ ޕެޕްސީ އިންވެސް ވަނީ ޕްލާސްޓިކް ފުޅީގެ މައްސަލައާމެދު ކަންބޮޑުވެ އެކަމަށް ހައްލު ގެނައުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން އެކުންފުނިން ބުނެފައިވަނީ، އެކުންފުނިން ފުޅި ރީސައިކަލް ކޮށް އުފެއްދުމުގެ އިތުރުން އުފައްދާ ފުޅިތައް އަވަހަށް ނެތިދާނެ ކަހަލަ ގޮތަކަށް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ކޮކާކޯލާ ކުންފުނީގެ ޗީފް އެގްޒެކެޓިވް ޖޭމްސް ކުއިންސީ ވިދާޅުވީ، މުޅި ދުނިޔޭގައިވެސް ޕްލާސްޓިކް ފުޅީގެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން އެހެން ކުންފުނިތަކާއެކު އެ މައްސަލަ ހައްލުކުރުމަށް އެހީވުމަކީ އެ ކުންފުނީގެވެސް ޒިންމާއެއްކަމަށެވެ.

ތިމާވެށި ހިމާޔަތްކުރާ ޗެރިޓީ ބައެއްކަމަށްވާ ގްރީން ޕީސްއިން ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގާ ކޮކާކޯލާގެ ކުންފުނިތަކަށް، އެއް ފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ފުޅި ވިއްކުން ހުއްޓާލުމަށް އެދި ޕެޓިޝަނެއް ފޮނުވައިފައެވެ.

ގްރީން ޕީސްއިން ބުނީ، ކޮކާކޯލާ ކުންފުނިން އަހަރަކަށް ގާތްގަނޑަކަށް 110 ބިލިއަނަށް ވުރެ ގިނަ ޕްލާސްޓިކްފުޅި އުފައްދާކަމަށެވެ. އަދި އެ ޖަމިއްޔާއިން ހިންގާ ތިމާވެށި ސާފުކުރުމުގެ ޕްރޮގްރާމްތަކުގައި މޫދުން އެންމެ ގިނައިން ފެންނަނީވެސް ކޮކާކޯލާގެ ޕްލާސްޓިކް ފުޅިކަން ގްރީން ޕީސްއިން ފާހަގަކުރެއެވެ.

comment ކޮމެންޓް