ފޯނުތަކުގެ ސްޕީޑު ދަށްކުރާ ފީޗާ ޑިސްއޭބަލް ކުރެވޭނެ ކަމަށް އެޕަލް އިން ބުނެފި

އައިފޯނު 6 އެއް --- ފޮޓޯ: ޓެލެގްރާފް

އެޕަލްގެ އައިފޯނުތަކުގެ ސްޕީޑު ދަށްކަމަށް ބުނެ އައިފޯން ބޭނުންކުރާ މީހުން ޝަކުވާ ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވީފަހުން ފޯނުތަކުގެ ސްޕީޑު ދަށްކުރާކަމަށް އެޕަލްއިން ވަނީ އެއްބަސްވެ، އެކަމަށް މައާފަށް އެދިފައެވެ.

ފޯނުތަކުގެ ސްޕީޑު ދަށްކުރަނީ ފޯނުތަކުގެ އުމުރު ދިގު ކުރަން ކަމަށްބުނެ އެޕަލް އިން ވަނީ "ބަހަނާ" ދައްކައިފައެވެ. ކޮންމެއަކަސް މިކަމަށްވެސް ހައްލު ގެންނަން ނިންމާފައިވާކަމަށް އެ ކުންފުނިން މިވަނީ ބުނެފައެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ އައިޕޯނުތަކުގެ ސްޕީޑު ދަށްކުރާ ފީޗާ ޑިސްއޭބަލް ކުރެވޭނެ ކަމަށެވެ. އައިފޯނު ބޭނުންކުރާ މީހުންނަށް ލިބޭ އައިއޯއެސް އަޕްޑޭޓަކާއެކު އެ ފީޗާ ޑިސްއޭބަލް ކުރުމުން އެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ކުކް ވިދާޅުވެފައި ވާއިރު، ފްރާންސުން މިހާރު ދަނީ އައިފޯނުތަކުގެ ސްޕީޑުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އައިފޯނު 6ގެ ހުރިހާ ވާޝަންތަކާއި އައިފޯނު އެސްއީ އަދި އައިފޯނު 7އަށް ވަނީ ފޯނު ސްލޯވުމުގެ މައްސަލަތައް ކުރިމަތިވެފައެވެ. ފޯނުތައް ސްލޯ ކުރުވީ ޕީކް ގަޑިތަކުގައި ފޯނު އަމިއްލައަށް ޝަޓްޑައުންވާ މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށް އެޕަލްއިން ބުނެފައިވާއިރު އާ އަޕްޑޭޓާއެކު އަމިއްލައަށް ފޯނު ނިވޭ މައްސަލަ ކުރިމަތިވާނެ ކަމަށް ޓިމް ކުކް ވިދާޅުވިއެވެ.

މީގެ ކުރިން އެޕަލް އިން ބުނީ ފޯނުގެ ބެޓެރީ ބަދަލުކުރުމުންވެސް ފޯނު ސްލޯވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ. އެކުންފުނިން ވަނީ ފޯނުތަކުގެ ބެޓެރީ ބަދަލުކުރަން ނަގާ އަގުވެސް ހެޔޮކޮށްފައެވެ.

އަދި އާ އަޕްޑޭޓަކީ އެކުންފުނިން މާބޮޑަށް ރިކޮމެންޑް ކުރާ ކަމެއް ނޫން ކަމަށާއި "އާޖެންޓް" ކަމެއް ނަމަ އެ ކަމަށް އެޕަލް ކުންފުނިން ކަސްޓަމަރުންނަށް ބާރު އަޅާނެކަމަށްވެސް އެޕަލް އިން ވަނީ ބުނެފައެވެ.

މަސްދަރު: ޓެލެގްރާފް

comment ކޮމެންޓް