ތޭރަ އަހަރުވީ ދޯނި، ބިންދައިގެން ދިޔައީ ސިކުންތު ކޮޅެއްގެ ތެރޭގައި

މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް، ބިންދައިގެންދިޔަ ގއ. ކަނޑުހުޅުދޫ ދޯންޏެއް ކަމަށްވާ "ރަންދުވެލި 105" --- ފޮޓޯ/ ކިޔުންތެރިއެއް

"ރަންދުވެލި 105" ދުއްވާތާ މިހާރު 13 އަހަރަށް ވުރެ ގިނަ ދުވަސް ވީއެވެ. އެ ދޯންޏަކީ ގއ. ކަނޑުހުޅުދޫގައި މަސްވެރިކަމަށް ނުކުންނަ ދެ ދޯނީގެ ތެރެއިން އެއް ދޯންޏެވެ. އެ ދޯންޏަކީ މަސްވެރިކަން ރަނގަޅު އަދި ކަނޑަށްވެސް ގަދަ ދޯންޏެކެވެ.

ހޮނިހިރު ދުވަހުވެސް ރަންދުވެލި ދޯނި މާ ކަނޑަށް ނުކުތީ އާދައިގެ މަތިން އެން ދަމައިގެންނެވެ. އެން ދަމައި އަވަދިވެގެން ވަތް ފުރާލައިގެން ދޯނި އެންމެ ފުރަތަމަ ދިޔައީ ބޭރު ބޮއެ ކައިރިއަށް މަސްބާނާށެވެ. ނަމަވެސް މަސްވެރިކަން ރަނގަޅު ނޫން ކަމުން އަނބުރާ ރަށާ ދިމާއަށް މިސްރާބު ޖެހީ މެންދުރެއްހާއިރު ކަމަށް އެ ދޯނި އެންމެ ފުރަތަމަ ދުވަހުން ސުރެވެސް ދުއްވަމުންދާ އަބްދުއްސަމަދު ކިޔައިދިނެވެ.

"އެން ފުރާ ބަރުކޮށްގެން މަހަށް ނުކުތީ. ބޭރު ބޮއެ ކައިރިއަށް ގޮސް ކަމެއް ނެތީމަ އަނބުރާ ރަށަށް މިސްރާބު ޖެހީ. ހާދިސާ ހިނގި އިރު ހުންނާނީ ކަނޑު ހުޅުދޫއާ 22 މޭލު ބޭރުގައި." 13 އަހަރު ވަންދެން "ރަންދުވެލި105" ދޯނި ދުއްވުމުގައި މަސައްކަތް ކުރާ އެ ދޯނީގެ ކެޔޮޅު އަބްދުއް ސަމަދު ކިޔައިދިނެވެ.

ސަމަދު ބުނީ އެންމެ ފުރަތަމަ ދޯންޏަށް ޖެހީ ބިޔަ ރާޅެއް ކަމަށެވެ. އަދި އަޑުފައްގަނޑެއް ގޮވާ އެންވަތާއި ދިމާއިން ބިންދައިގެން ދިޔަ ކަމަށް އޭނާ ކިޔައިދިނެވެ.

"ރާޅަކާއެކު ބާރު އަޑުފައްގަނޑެއް އިވުނީ.ދެން ފެނުނީ ދޯނި ބިންދައިގެން ދިޔަ ތަން. އެކަމަކު އެއްކޮށް ވަތްކެއް ނުވެ."

ބިންދައިގެންދިޔަ ގއ. ކަނޑުހުޅުދޫގެ "ރަންދުވެލި 105" ދޯނި --- ފޮޓޯ/ ކިޔުންތެރިއެއް

ދޯނި ބިންދައިގެން ދިޔައިރު އޭގައި ސަމަދާއި އެކު 24 ފަޅުވެރިން ތިއްބެވެ. ދޯނި ބިންދައިގެން ދިޔުމުން ފަޅުވެރިން އަވަސްވީ ވައު އައްސައިގެން ދޯނީގެ ދެބުރި ވަކި ނުވެވޭތޯ މަސައްކަތް ކުރުމަށެވެ.

"އަވަހަށް އެގޮތް މިގޮތަށް ވައު ފުރީ. ދެން ޕަންޕު ޖައްސައިގެން ހިއްކަން ފެށީ،"

ކެޔޮޅު ބުނާ ގޮތުގައި މިއަދު ކަނޑުއެހާ ގަދައެއްވެސް ނޫނެވެ. އަދި މީގެ ކުރިން މިއަދަށް ވުރެ ބަރުކޮށްވެސް ކަނޑުގަދަ ދުވަސް ތަކުގައި ދޯނި ދުއްވާފައި އެބަހުއްޓެވެ.

"ނޭނގެ ކީއްވެގެން ކަމެއް ބިންދައިގެން ދިޔައީކީ. ވަރަށް ބަރުކޮށް ވަތް ހުރީ. އެކަމަކު މިއަށްވުރެ ކަނޑު ގަދަ ދުވަސް ތަކުގައި ހުންނާނެ މިއަށް ވުރެ ވެސް ބަރުކޮށް އޮޑި ދުއްވާފައި،"

"ރަންދުވެލި 105" ބިންދައިގެން ދިޔުމުން އެތައް އާއިލާއަކަށް އެކަމުގެ އަސަރު ފޯރާނެ ކަމަށް އޭނާ ބުންޏެވެ. ލިބުނު ގެއްލުމުގެ އަގު ވަޒަން ކޮށްލަން އަދި ނޭނގޭ ކަމަށް އޭނާ ކިޔައިދިނެވެ.

ބިންދައިގެންދިޔަ ގއ. ކަނޑުހުޅުދޫގެ "ރަންދުވެލި 105" ދޯނި --- ފޮޓޯ/ ކިޔުންތެރިއެއް

ކެޔޮޅު ބުނިގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވީ ފައިބަރު ކުރުމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމެއް ނުވަތަ އެހެން ކަމެއް މެދުވެރިވެގެން ކަމެއް ބުނާކަށް އަދި ނޭނގެއެވެ. ނަމަވެސް ދޯންޏަކީ ގިނަ ދުވަސް ވެފައިވާ ދޯންޏަކަށްވާތީ ބިންދައިގެން ދިޔުން ފަދަ ކަމެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ.

މިހާރު އެ ދޯނި އޮތީ ކަނޑުހުޅުދޫ ފަޅު ތެރޭގައެވެ. މާދަމާ އެ ދޯނި އެހެލައި މަރާމާތު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ސަމަދު ބުންޏެވެ.

comment ކޮމެންޓް