ޑިންގީއެއްގެ ދަށުވެ މާކުރަތު ޒުވާނަކު މަރުވެއްޖެ

ރ. މާކުރަތު ނެރު ކައިރީގައި ފީނަން އުޅުނު ޒުވާނަކު މިއަދު ވަނީ، ޑިންގީއެއްގެ ދަށުވެ މަރުވެފައި -- ފޮޓޯ: މާކުރަތުއޮންލައިން

ރ. މާކުރަތު ފަޅުތެރޭގައި ފީނަން އޮއްވައި، ދުއްވާފައި ދިޔަ ޑިންގީއެއްގެ ދަށުވެ އެރަށު ޒުވާނަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ މާކުރަތު ނަލަހިޔާ އަބްދުލް އަޒީޒު ހަސަން، 19 އެވެ.

މާކުރަތު ކައުންސިލުގެ ރައީސް ހަސަން އަލީ 'ސަން' އަށް ވިދާޅުވީ، އެ ޒުވާނާ މިއަދު އެރަށު ފަޅުތެރޭން ނެރު ކައިރީ ފީނަން އޮއްވައި، ނޭވާލާން މައްޗަށް އެރި ވަގުތު އޭނާ އޮތްދިމާލުން ދުއްވާފައި ދިޔަ ޑިންގީއެއްގައި ޖެހި، ލިބުނު އަނިޔާގައި ހާލު ދެރަވި ކަމަށެވެ.

ހަސަން އަލީ ވިދާޅުވީ، އަބްދުލް އަޒީޒު މާކުރަތު ސިއްހީ މަރުކަޒަށް ގެންދިއުމުން ވަގުތުން އުގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް ޑޮކްޓަރުން ލަފާ ދެއްވާފައި ވާ ކަމަށެވެ.

" އުނގޫފާރުގެ ޑޮކްޓަރުން ވިދާޅުވީ މަރުވެފައިވާ ކަމަށް،" ހަސަން އަލީ ވިދާޅުވި އެވެ.

ފުލުހުން ބުނީ 19 އަހަރުގެ ފިރިހެން ކުއްޖަކު މާކުރަތު ނެރު ކައިރީ މޫދު އަޑިން މަރުވެފައި އޮއްވައި ފެނުނު ކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އޭނާ މަރުވެފައިވާކަން އުގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފުލުހުންނަށް ޔަގީން ކޮށްދީފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ އެމައްސަލަ ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް